ޚަބަރު

ކޯވިޑް-19: އައިސޮލޭޝަނަށް ވަޑައިގަންނަވާ ފަނޑިޔާރުންގެ މުސާރަޔާއި އިނާޔަތް ނުކެޑޭނެ


ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ސެލްފް އައިސޮލޭޝަންއަށް ފޮނުވާ ނުވަތަ ކަރަންޓީންކުރާ ފަޑިޔާރުން ވަޒީފާއަށް ނުނިކުމެ ހުންނަ މުއްދަތާއި އަހަރީ ޗުއްޓީއާއި އެހެނިހެން ޗުއްޓީތަކުން ނުކެނޑޭގޮތަށް އަދި މުސާރައާއި އިނާޔަތްތައް ލިބޭގޮތަށް ދޫކޮށްދިނުމުގެ އިންތިޒާމް ހަމަޖެއްސުމަށް ޖުޑިޝަން ސާވިސްކޮމިޝަނުން ނިންމައިފިއެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ ކޯވިޑް-19 އިޢުލާންކޮށްފައިވާ ސިއްއީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ފަނޑިޔާރުން ޢަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅުމަށްޓަކައި މިއަދު ބޭއްވުނު ކޮމިޝަނުގެ ޖަލްސާގައިވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ސެލްފް އައިސޮލޭޝަންއަށް ނުވަތަ އައިސޮލޭޝަންއަށް ފޮނުވާ ނުވަތަ ކަރަންޓީންކުރާ ފަރާތްތައް ވަޒީފާއަށް ނުނިކުމެ ހުންނަ މުއްދަތު އަހަރީ ޗުއްޓީއާއި އެހެނިހެން ޗުއްޓީތަކުން ނުކެނޑޭގޮތަށް އަދި މުސާރައާ އިނާޔަތްތައް ލިބޭގޮތަށް މިދުވަސްތަކުގައި ދޫކޮށްދިނުމުގެ އިންތިޒާމް ހަމަޖެއްސުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.

އަދި މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މި ބަލިމަޑުކަމުގެ ޙާލަތުގައި ކޮމިޝަނުންވެސް ޝަރުޢީ ދާއިރާގައި މަސައްކަތް ކުރައްވާ ފަނޑިޔާރުންގެ ސިއްޙަތައް ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދޭނެކަމުގެ ޔަޤީންކަންވެސް ކޮމިޝަނުންވަނީ ދެއްވާފައެވެ.

ޞިއްޚީ ގޮތުން މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މިދަނޑިވަޅުގައި ފަރުދީ ޒިންމާ އަދާކުރުމަށް ޚާއްސަ އިސްކަމެއް ދިނުމަށް ދުނިޔޭގެ ޞިއްޚަތު ޖަމްއިއްޔާއާއި ރާއްޖޭގެ ކަމާިއބެހޭ ފަރާތްތަކުންވެސް ދަނީ އިލްތިމާސްކުރަމުންނެވެ.