މާލެއާއި، ހުޅުމާލެ، ވިލިމާލެ އަދި ރިސޯޓްތަކުގެ މިސްކިތްތަކުގަައި ހުކުރުނަމާދާއި، ފަޟުނަމާދުތަކުގެ ޖަމާޢަތްތައް މިއަދު މެންދުރު ނަމާދުން ފެށިގެން މިމަހުގެ 28ވަނަ ދުވަހުގެ އަޟުރުނަމާދާހަމައަށް ޖަމާއަތުގައި ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
ކޯވިޑް-19އާ ގުޅިގެން އަޅުއްވަމުން ރައްކާތެރިކަމުގެ ފިޔަވަޅުރަކުގެ ތެރެއިން މިނިންމެވުން ނިންމަވާފައިވާކަން ހާމަކުރެއްވީ އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރެވެ.
އިސްލާމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒާހިރު ވިދާޅުވީ މިނިންމުން ނިންމާފައިވަނީ ކޯވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން މީހުން ގިނައިން އެއްވެ އުޅޭތަންތަނަށް އެއްވެ ނޫޅުމަށް ކަމާއިބެހޭ ފަރާތްތަކުން އަންގަވައި ދެއްވަމުންދާ އިރުޝާދުތަކާ ގުޅިގެން އަޅާފައިވާ ފިޔަވަޅެގެގޮތުގައި ކަމަށެވެ.
ޖަމާއަތުގައި ނަމާދުކުރުން މިވަގުތަށް މެދުކަނޑާލާފައިވީނަމަވެސް މިސްކިތްތަކުގައި ބަންގި ގޮވާނެކަމަށާ، ވަކިން ޢާއްމުންނަށް ނަމާދުކުރެވޭނެކަމަށްވެސް އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިގޮތަށް ނިންމިނަމަވެސް އަތޮޅުތަކުގެ ރަށްރަށުގައި ޖަމާޢަތުގައި ނަމާދުކުރުން ކުރިއަށް ދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެއްވެސް ރަށެއްގައި ޖަމާއަތުގައި ނަމާދުުރުން މެދު ކަނޑާލާނަމަ އެކަން މިނިސްޓްރީން އަންގަމުންދާނެކަމަށް މިނިސްޓާރ ވިދާޅުވިއެވެ.
މިނިންމުމާއިއެކު ހުރިހާ ރައްޔިތުންވެސް ކަމާއިބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކާއި ލަފާތަކަށް ސަމާލުވުމަށް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މިދަނޑިވަޅަކީ އިސްލާމީ ރީތި އަދާތަކާއި އުސޫލުތަކުގެ ތެރެއިން ޢާންމު ސާފްތާހިރުކަށް ޚާއްސަ ސަމާލުކަމެއްދެއްވައި، ފަޟުރު ފަސްނަމާދު ބަރާބަރަށް އަދާކޮށް ﷲއަށް ދުޢާދަންނަވަންވީ ވުގުތުކަމަށެވެ.
ރާއްޖޭގައި މިނިންމުން ނިންމާފައިވާއިރު އިސްލީމީ އެންމެބޮޑު އެއްގައުމުކަމުގައިވާ ސައުދީ އަރަބިއްޔައިންވެސް ވަނީ ކޯވިޑް 19 އިން ރައްކާތެރިވުމަށް މައްކާގައި ހުންނަ ކައުބަތުﷲ ގެފުޅާއި، މަދީނާގައި ހުންނަ މަސްޖިދުއްނަބަވީ ފިޔަވައި، އެހެން ހުރިހާ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.