ޚަބަރު

ގޭގައި މަޑުކުރަން އެންގުމުން އެ އަމުރަށް ކިޔަމަންނުވާ މީހުންގެ ނަން ހާމަކޮށް ޖޫރިމަނާކުރަން ފަށައިފި


ގޭގައި ކަރަންޓީންވާން ނުވަތަ އެކަހެރިވާން އަންގާފައިވަނިކޮށް އެ އެންގުމާއި ޚިލާފުވާ މީހުންގެ ނަން ހާމަކުރުމާއިއެކު ޖޫރިމަނާކޮށް ފިޔަވަޅު އެޅުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ނިންމަވައިފިއެވެ.

މިއެޗްޕީއޭއިން ވިދާޅުވީ ކޯވިޑް-19އިން ރައްކާތެރިވުމަށްޓަކައި ޢާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އެކަހެރިވެ ހުރުމަށް އަންގާފައިވާ މީހަކު އެ އެންގުމަށް ތަބާނުވާނަމަ އެފަދަ މީހުންނާއި މެދު ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅުއްވާނެކަމަށެވެ. އެގޮތުން ޢާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގައި ވާގޮތުގެ މަތިން، އެފަދަ ފަރާތްތައް 5000 ރުފިޔާއަށް ވުރެ ބޮޑު ނޫން ޢަދަދަކުން ޖޫރިމަނާކުރުމަށް ވަނީ ނިންމާފައެވެ. މިއާއިއެކު ގަވާއިދާއި ޚިލާފުވާ ފަރާތްތަކާއި މެދު އަޅާ ފިޔަވަޅެއްގެ ގޮތުން އެފަރާތްތަކުގެ ނަން ޢާއްމުކުރުމަށްވެސް ވަނީ ނިންމަވާފައެވެ. މިގޮތުން ގަވާއިދާ ޚިލާފުވާ ފަރާތްތަކާއިމެދު މިފިޔަވަޅުތައް އަޅުއްވަން ފައްޓަވާނީ، ބުދަ ދުވަހުގެ ހަވީރު 5 ގެ ފަހުން ކަމުގައި އެޗްޕީއޭއިން ވިދާޅުވެއެވެ.

އެޗްޕީއޭއިން ފިޔަވަޅުއެޅުއްވުމަށް ނިންމަވާފައި ވާއިރު ހޯމްކަރަންޓީގައި ތިބުމަށް އަންގާ މީހުންނަށްދީފައިވާ އިރުޝާދާ އެއްގޮތަށް އަމަލުނުކުރާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅު ފުލުހުންވެސް އަޅަމުން ގެންދާނެކަމުގައި އެންއީއޯސީން ވަނީ ހާމަކުރައްވާފައެވެ. އަދި އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ މިހާލަތުގައި ހޯމް ކަރަންޓީނަށް ދާން އަންގާ ފަރާތްތަކުން އެ އެންގުމަށް އަމަލު ނުކުރާނަމަ 1676 އަށް ގުޅައި އެމީހެއްގެ މަޢުލޫމާތު ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ ޢާއްމުންގެ ކިބައިން އެދިފައެވެ.

އަދި ކަމާބެހޭ ފަރާތްތަކުން މިދަނޑިވަޅުގައި އަންގާ މިފަދަ އެންގުންތަކަށް ތަބާނުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅު ފުލުހުންވެސް އަޅުއްވަމުން ގެންދަވާނެ ކަމަށާއި ކޯވިޑް-19 ފެތުރުނަ ނުދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިދަނޑިވަޅުގައި އަޅާކޮންމެ ފިޔަވަޅަކީ ރައްޔިތުންގެ ސަލާމަތާއި ރައްކަލަކަށްޓަކައި އަޅާ ފިޔަވަޅެއްކަމުގައިވެސް ސަރުކާރުން ހާމަކުރައްވާފައި ވެއެވެ.