ޚަބަރު

އިއްޔެ އެކަނިވެސް ދަރުމައަށްއެދި 83 ފަރާތަކުން ލޭ ހަދިޔާކޮށްދީފި


ކޯވިޑް19 ގެ ސަބަބުން އާންމު އެއްވުންތައް ހުއްޓާލާފައިވުމުގެ ސަބަބުން އެކި ބޭނުންތަކަށް ލޭ ލިބުން ވަނީ ދަތިވެފައެވެ.

ޙާއްސަކޮށް ލޭއަޅާކުދިން ވަނީ ސޯސަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި މިކަމުގެ ކަންބޮޑުވުންތައް ހާމަކޮށް ލޭ ހޯދުމުގައި މިދުވަސްވަރު ދަތިވެފައިވާކަން ފާހަގަކޮށް ދަރުމައަށް ލޭހަދިޔާކޮށްދިނުމަށް އެދެފައެވެ.

މުޅި ރާއްޖޭގެ ތެލަސީމިއާ ކުދިންގެ ނިސްބަތަށް ބަލާއިރު މިހާރުވެސް ގަވައިދުން ލޭ އަޅަންޖެހޭ 635 ކުދިން ރާއްޖޭގައި އެބަތިއްބެވެ. މީގެތެރެއިން 300 އަށްވުރެ ގިނަ ކުދިން ޚިދުމަތް ހޯދަނީ މާލޭގައި ހުންނަ ނޭޝަނަލް ތެލަސީމިއާ ސެންޓަރުންނެވެ. މިކުދިންނަށް ބޭނުންވާ ލޭ އާންމުގޮތެއްގައި ހޯދަނީ ލޭ ހަދިޔާކުރުމުގެ ކޭންޕްތަކާއި އަދި އަމިއްލައަށް ހޯދާ ޑޯނަރުން މެދުވެރިކޮށެވެ. ނަމަވެސް ކޯވިޑް 19 އާއި ގުޅިގެން ރިޒޯޓުތައްވެސް ބަންދުކޮށްފައި ވުމުން ރިޒޯޓުތަކުން ހިންގާ ލޭހަދިޔާކުރުމުގެ ޕްރޮގްރާމްތައްވެސް ވަނީ މެދުކެނޑިފައެވެ.

ކޯވިޑް19 ގެ ސަބަބުން ލޭ ލިބުމުގައި ދަތިވެފައިވާތީ ވީހާވެސް ގިނަ ބަޔަކު ދަރުމައަށް ލޭ ހަދިޔާކޮށްދިނުމަށް އެދިފައިވަނިކޮށް އިއްޔެ މިވަނީ މިކަމުން ދިވެހިން ނަމޫނާއެއް ދައްކަދީފައެވެ. މޯލްޑިވިއަން ބްލަޑް ސަރވިސް އިން ވިދާޅުވީ އިއްޔެ އެކަނިވެސް ދަރުމައަށްއެކި 83 ފަރާތަކުން ލޭހަދިޔާ ކޮށްފައިވާކަމަށެވެ. އެ ސެންޓަރުން ވިދާޅުވީ، އަމިއްލައަށް އެދިގެން ލޭހަދިޔާ ކޮށްދިން 83 ފަރާތަކަށް އެ ސެންޓަރުން ޝުކުރު އަދާކުރާކަމަށެވެ. އަދި ލެއަކީ އަބަދުވެސް އެ ސެންޓަރަށް ބޭނުން ޖެހިފައިވާ އެއްޗަކަށްވުމާއިއެކު އަމިއްލަ އިސްނެގުމާއި އެކު ލޭހަދިޔާކުރުން މަތީގައި އާއްމުން ދެމިތިބޭނެކަމަށް އުއްމީދު ކުރާ ކަމަށެވެ.

ކޯވިޑް19 ގެ ސަބަބުން މޯލްޑިވިއަން ބްލަޑް ސަރވިސްއަށް ލޭ ހަދިޔާކުރަން އަންނަ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް އެ ސެންޓަރުން ވަނީ ފިޔަވަޅު އަޅާފައެވެ. އެގޮތުން ލޭހަދިޔާކުރަން އަންނަ ފަރާތްތަކުގެ ވަކި ދުރުމިނެއް ހިފެހެއްޓުން ފަދަ ކަންކަން ފާހަގަކޮށްލެވެއެވެ.

ލޭ ހަދިޔާކުރަން ބޭނުންވާ އާއްމު ފަރުދުން ތެލަސީމިއާ ސެންޓަރަށް ވަޑައިގެންނެވުމުން އެތަނުން ލޭ ނެގުމުގެ ފުރުސަތު ފަހިކޮށްދޭނެއެވެ. އަދި ވީހާވެސް ގިނަ ފަރާތްތަކުން ލޭ ހަދިޔާކުރުމަށް އައުމަކީ މޯލްޑިވިއަން ބްލަޑް ސަރވިސްގެ ވަރަށް ބޮޑު އެދުމެކެވެ.