ފޮތް ކިއުމަކީ ނަފްސާނީގޮތުން ފަރުވާއެއްކަމުގައި ބުނެވެއެވެ. ދިރިއުޅުމުގެ އެކި މަރުޙަލާތަކުގައި ދިމާވާ އެތައްކަމެއްގެ ޙައްލު ފޮތުގެ ޒަރިއްޔާއިން އިންސާނުންނަށް އެނގިގެންދެއެވެ. ތުއްތުއިރު ދަރިންގެ ކިބައިގައި ފޮތް ކިއުމުގެ އާދަ އަށަގެންނެވުމަކީ ދުނިޔޭގެ ހުރިހާ އެދުރުންނާއި ޢާލިމުން ބާރުއަޅުއްވާކަމެކެވެ.
މިއަދުގެ މުޖުތަމަޢުގައި މީހުންގެ ވިސްނުން ބިނާކުރަނިވި ވިސްނުމަށް ހެދުމުގައި ކުރިމަތިވެފައިވާ އެންމެބޮޑު އެއް މައްސަލައަކީ ފޮތްކިއުމުގެ އާދައާ ދުރުހެލިވުންކަމުގައި ތަޢުލީމީ ދާއިރާގެ މާހިރުން ވިދާޅުވެއެވެ.
މިޒަމާނުގައި ޗާޕްކޮށްފައި ހުންނަ ފޮތުގެ އިތުރުން ޑިޖިޓަލްކޮށް އެތައް ފޮތެއް ފަސޭހައިން ލިބޭނެ އިންތިޒާމު އޮންނަނީ ފަހިވެފައެވެ. ދުނިޔޭގެ އެތައް ލިއުންތެރިންނެއްގެ ޢިލްމީ އެތައް ލިއުމެއް މިއަދު މިވަނީ އަޅުގަނޑުމެންގެ އިނގިލިކުރީގައެވެ. ސްމާޓް ފޯނުގައެވެ. ޓެބްލެޓުގައެވެ. ލެޕްޓޮޕާއި ކޮމްޕިއުޓަރުގައެވެ.
އެހެންނަމަވެސް ބައެއްފަހަރު މިފަދަ ފޮތްތަކުގެ ތެރެއިން އަޅުގަނޑުމެންގެ ދަރިންނާ އެކަށީގެންވާ ރަނގަޅު ފޮތްތަކާއި ލިއުންތައް ހޯދައި ފާހަގަކުރުމަކީ ކޮންމެވެސް ވަރެއްގެ އުނދަގުލަކާ ކުރިމަތިވެފައިވާ ކަމެކެވެ. އަޅުގަނޑުމެންގެ ދީނާއި ޤައުމިއްޔަތާ ފުށުނާރާފަދަ ފޮތްތައް ދަރިންނަށް ފޯރުކޮށްދިނުމަކީ ބެލެނިވެރިންގެ ޒިނަމާއެކެވެ. މިހާތަނަށް މިކަމަށް ކުރިމަތިވެފައިވާ ދަތިތައް ސަރުކާރުން މިވަނީ މިހާރު ޙައްލުކޮށްދެއްވާފައެވެ.
ނެޝަނަލް އިންސްޓިޓިއުޓު އޮފް އެޑިއުކޭޝަންގެ އޮންލައިން ލަބްރަރީއަކީ ދިވެހިބަހާއި އިނގިރޭސިބަހުން އެތައް ފޮތްތަކެއް އޮންލައިންކޮށް ކިޔާލެނެ މަންސައެކެވެ. އެކި ޢުމުރުފުރައިގެ މީހުންނަށް މީހުންނަށް ޚާއްސަ އެތައް ފޮތެއް މި އޮންލައިން ލަބްރަރީގައި ވެއެވެ. ތުއްތުކުރިންނާއި އެކި ޢުމުރުފުރައިގެ ސްކޫލްދުންނަށްވެސް މި ލައިބްރަރީގެ ބޭނުން ހިފިދާނެއެވެ.
މީގެ އިތުރުން "ނެޝަނަލް އެމެޖެންސީ ލައިބްރަރީ"ގެ ނަމުގައި އިންޓަނެޓުގައި ޤާއިމުކޮށްފައިވާ ބައިނަލްއަޤުވާމީ އޮންލައިން ލައިބްރަރީއަކީވެސް ފަހަގަކޮށްލެވޭ މުހިންމު ވަޞީލަތެކެވެ. 1.4 މިލިއަން ޑިޖިޓަލް ފޮތުގެ މައްޗަށް އެކުލެވޭ މި އޮންލައިން ލައިބްރަރީއަކީ ހިލޭ ވަދެވޭ މަންސައެކެވެ.
މި ލައިބްރަރީގެ ބޭނުންތެރިކަން ފާހަގަކުރައްވައި އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވަނީ ޓްވީޓްކުރައްވާފައެވެ. ކޯވިޑް-19އާ ގުޅިގެން މިހާރު އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ ޙާލަތުގައި ގޭގައި ތިބޭއިރު މިފަދަ ވަޞީލަތްތަކުގެ ބޭނުން ހިފައި ވަގުތު ހެޔޮގޮތުގައި ބޭނުންކުރުމަށް މިނިސްޓަރ އިލްތިމާސްކުރައްވާފައިވެއެވެ.
"ނެޝަނަލް އެމެޖެންސީ ލައިބްރަރީ"އަކީ ކޯވިޑް-19އިން ރައްކާތެރިވުމަށް އެންމެންވެސް ގޭގައި ތިބުމަށް ސިއްޙީ މާހިރުން ލަފާދެއްވާފައިވާތީއާއި ލައިބްރަރީތައްވެސް ބަންދުކޮށްފައިވާ ދަނޑިވަޅެއްކަމުން ގިނަ ބަޔަކަށް ފޮތްތައް ކިޔާލެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ހަދާފައިވާ މަންސައެކެވެ. މި ވެބްސައިޓުގައިވާ ފޮތްތަކަކީ އެކި ޤައުމުތަކުގެ ލައިބްރަރީތަކާއި އެކި މީހުން ހަދިޔާކޮށްފައިވާ ފޮތްތަކެކެވެ. އެކި މަޢުޟޫތަކަށް ލިޔެފައިވާ ފޮތްތަކާއި ވާހަކަފޮތްތަކާއި ދަރިވަރުން ކިޔަވަން ބޭނުންކުރާ ފޮތްތައްވެސް މި އޮންލައިން ލައިބްބަރީން ކިޔާލެވެން އެބަހުއްޓެވެ.
އެހެންކަމުން މިޙާލަތުގައި ބޭރަށްނުކުމެ ލަބްރަރީއަށް ނުވަތަ ފޮތް ފިހާރަތަކަށް ނުދެވުނަސް ފޮތާއެކު ވަގުތު ހޭދަކުރެވިދާނެއެވެ. ޢިލްމީގޮތުން ސިކުނޑި ތާޒާކުރެވިދާނެއެވެ. މުނިފޫހި ފިލުވިދާނެއެވެ. ހުސްވަގުތު ފުރާލެވިދާނެއެވެ.