ސްވީޑަންގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވާތީ އެޤައުމުގައި ބަލިމަޑުކަމާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ފާޑުކިއުން އަމާޒުވެއްޖެއެވެ.
ސްވީޑަންގައި 6,443 މީހުންނަށް ކޯވިޑް-19ވަނީ ޖެހިފައެވެ. އަދި ބަލިމަޑުކަމުގެ ސަބަބުން މަރުވި މީހުންގެ ޢަދަދުވަނީ 373އަށް އަރާފައެވެ. އެޢަދަދުތައްދަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ.
އެންމެ ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދަނީ ވިލާތުގެ ޤައުމުތަކުގައެވެ. ބަލިމަޑުކަން ފެތުރުން ހުއްޓުވުމަށް ވިލާތުގެ ގިނަ ޤައުމުތަކުންވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. ގިނަ ޤައުމުތަށް ފުރަބަންދުކޮށް، މަދަރުސާތަކާއި ވިޔަފާރިތަކާއި ރެސްޓޯރަންޓުތައް ބަންދުކޮށް އާންމުން އެއްވެ އުޅުންވަނީ މަނާކޮށްފައެވެ. އޭގެ ސަބަބުން ބޮޑެތި ޤައުމުތައްވަނީ ހުއްޓުމަކަށް އައިސްފައެވެ.
ވިލާތުގެ ގިނަ ޤައުމުތަކާ ޚިލާފަށް ސްވީޑަނުން ބަލިމަޑުކަމާގުޅޭގޮތުން ޢަމަލުކުރަމުންދަނީ ވަރަށް ދޯދިޔާ ގޮތަކަށެވެ. އެގޮތުން އެޤައުމުގެ ކެފޭތަކާއި ރެސްޓޯރަންޓުތައް އަދިވެސް ހުރީ ހުޅުވާފައެވެ. ވައިރަސްޖެހޭ މީހުންގެ ޢަދަދު އިތުރުވިނަމަވެސް އަދިވެސް ދަރިވަރުން މަދަރުސާތަކަށް ހާޒިރުވެއެވެ. ސްވީޑަންގައި ދިރިއުޅޭ މީހުންގެ އާންމު ދިރިއުޅުމަށް މާބޮޑު ބަދަލެއް ނާދެއެވެ.
ނަތީޖާއެއްގެ ގޮތުން ސްވީޑަންގެ ވެރިރަށް ސްޓޮކްހޯމުގައި ކޯވިޑް-19 ފެތުރޭ މިންވަރުދަނީ އިތުރުވަމުންނެވެ. އެސިޓީގައި މުސްކުޅިން ބަލަހައްޓާ ގިނަ ޢަދަދެއްގެ މަރުކަޒުތަކަށް ވައިރަހުގެ އަސަރުވަނީ ފޯރާފައެވެ. އެފަދަ މަރުކަޒުތަކާއި ހަސްފަތާލުތަކުގެ ނަރުހުންދަނީ މާސްކުފަދަ ތަކެތި އެކަށީގެންވާ ޢަދަދަކަށް ލިބެން ނެތްކަމުގެ އިންޒާރުދެމުންނެވެ.
ސްވީޑަންގައި ވައިރަހާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަތައް އިތުރަށް ހަރުކަށި ނުކޮށްފިނަމަ ޤައުމު ނުރައްކާތެރި ޙާލަތަކަށް ވެއްޓޭނެކަމަށް އެޤައުމުގެ ޞިއްޙީ މާހިރުންދަނީ ބުނަމުންނެވެ. ސްޓޮކްހޯމް ބަންދުކުރަންވީ ވަގުތު އައިސް ޖެހިއްޖެކަމަށް ބުނެ 2،300އަށްވުރެ ގިނަ ޞިއްޙީ މާހިރުން ސޮއިކޮށް ސްވީޑަންގެ ސަރުކާރަށްވަނީ ސިޓީއެއް ފޮނުވާފައެވެ.
މައިކްރޯބިއަލް ޕެތޯޖެނެސިސްގެ ޕްރޮފެސަރެއްކަމަށްވާ ސިސީލިއާ ސޮޑަބާރގް-ނައުކްލާވަނީ ވަގުތު ފާއިތުވުމުގެ ކުރިން ފިޔަވަޅު އެޅުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ ވައިރަސް ފެތުރުން ހުއްޓުވުމަށް ދުނިޔޭގެ އެހެން ޤައުމުތަކުންދަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ. ނަމަވެސް ސްވީޑަނުން އައު ގޮތެއްް ތަޚުލީލުކުރުމުގެ ނަމުގައި ވައިރަހާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ދޫދީގެން ނުވާނެކަމަށް އޭނާ ފާހަގަކުރިއެވެ.
ޤައުމު ބަންދުކުރުމުގެ ބަދަލުގައި ސްވީޑަންގެ ސަރުކާރުންގެ ޢަމާޒަކަށްވެފައިވަނީ ވައިރަހުގެ އަސަރުކޮށްފައިވާ މީހުން އަވަހަށް ދެނެގަނެ އެމީހުން އެކަހެރިކޮށް ފަރުވާދިނުމެވެ. ދުރު ރާސްތާއަށް ވިސްނާނަމަ ޤައުމު އެއްކޮށް ބަންދުކުރުމަކީ ކުރެވޭނެކަމެއް ނޫންކަމަށާއި އޭގެ ބަދަލުގައި ބަލިމީހުން ގޭގައި މަޑުކުރުމަކީ ވައިރަސް ފެތުރުން ހުއްޓުވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅުކަމަށް އެޤައުމުގެ ސަރުކާރުންވަނީ ބުނެފައެވެ.