ޚަބަރު

ބޮޑުވަޒީރު ބޮރިސް ޖޯންސަން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި


އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފިއެވެ.
ދުނިޔޭގެ ވަރުގަދަ ލީޑަރުންގެ ތެރެއިން އެންމެ ފުރަތަމަ ކޯވިޑް-19 ޖެހުނު އެއް ބޭފުޅަކީ ބޮޑުވަޒީރު ޖޯންސަނެވެ. ބޮޑުވަޒީރު ޖޯންސަނަށް ކޯވިޑް-19 ޕޮޒިޓިވްވި މިދިޔަ މަހުގެ ތެރޭގައެވެ.

ކޯވިޑް-19 ޖެހިފައިވާކަން އެނގުމުން ޖޯންސަން ވަނީ ޑައުނިންގ ސްޓްރީޓުގެ އެޕާޓްމަންޓެއްގައި އެކަހެރިވެވަޑައިގަންނަވާފައެވެ. ގޭގައި ހުންނަވައިގެން ސަރުކާރު ހިނގުމުގެ މަސްޢޫލިއްޔަތު ޢަދާކުރައްވަމުން އޭނާ ގެންދެވިއެވެ.

އެހެންނަމަވެސް ވައިރަހަށް ތަޙުލީލުކުރިފަހުން ދިހަ ދުވަސް ފާއިތުވީއިރުވެސް އަދިވެސް ބަލީގެ ޢަލާމާތްތައް ބޮޑުވަޒީރު ޖޯންސަންގެ ކިބައިން ފެންނާތީީ ޑޮކްޓަރުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ހުން ނުފިލާ ދެމިހުންނާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިތުރު ޓެސްޓްތައް ހެދުމަށް ހޮސްޕިޓަލްގައި އެޑްމިޓްކުރުމަށް ޑޮކްޓަރުންވަނީ ނިންމާފައެވެ.

ބޮޑުވަޒީރު ޖޯންސަން މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާކަން ޖޯންސަންގެ ރަސްމީ އޮފީހުންވަނީ ކަށަވަރުކޮށްދީފައެވެ. ބޮޑުވަޒީރު އެޑްމިޓްކުރީ ޙާލު އިތުރަށް ގޯސްވެގެން ނޫންކަމަށާއި، އަދިވެސް ސަރުކާރު ހިނގެވުމާ ހަވާލުވެ ހުންނެވީ ޖޯންސަންކަމަށް ބޮޑުވަޒީރުގެ އޮފީހުން ބުނެއެވެ. އެހެންނަމަވެސް އިނގިރޭސިވިލާތުގެ ސަރުކާރުން މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ކޯވިޑް-19 އާއި ބެހޭ ކުއްލި ޖަލްސާގައި ބޮޑުވަޒީރު ޖޯންސަންގެ ބަދަލުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ ޚާރިޖީ ސެކެޓްރީ ޑޮމިނިކް ރާބެވެ.

ބޮޑުވަޒީރަށް މަސްޢޫލިއްޔަތު ޢަދާކުރުމަށް ނުކުޅެދިއްޖެ ޙާލަތެއްގައި ސަރުކާރު ހިނގުމުގައި ޢަމަލުކުރާނެ ޙާއްޞަ ގޮތެއް އިނގިރޭސިވިލާތުގެ ޤާނޫނަކު ނޯވެއެވެ. އެކަމާ ގުޅޭގޮތުން މިހާރު ހުރި ޤާނޫނުތަކަކީ ވަރަށް ޤަދީމީ އަދި މިޒަމާނަށް ނުފެތޭ ޤާނޫނުތަކެކެވެ.