ބީއެމްއެލް އިސްލާމިކް ފައިނޭންސިންގ ނަގާފައިވާ ފަރާތްތުގެ ތެރެއިން ފައިސާ ދެއްކުން ފަސްކުރުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށައެޅުމުގެ ފުރުސަތު އެ ބޭންކުން ހުޅުވާލާފައިއެވެ.
ބީއެމްއެލުން ބުނީ ފައިސާ ދެއްކުން ފަސްކުރުމަށް އެދި އޮންލައިންކޮށް ހުށައެޅަމުން ގެންދެވޭނެކަމަށެވެ. ބީއެމްއެލުން މީގެކުރިން ވަނީ އެބޭންކުން ނަގާފައިވާ ލޯންތައް ދެއްކުން ފަސްކުރުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.
ބީއެމްއެލުން ބުނީ ލޯނު އަނބުރާދެއްކުން ފަސްކޮށްދޭ މުއްދަތުގައި ނުދައްކާހުރި އަދަދަށް ސިމްޕަލް އިންޓަރެސްޓް ނަގާނެކަމަށެވެ. އެހެންނަމަވެސް ލޯނު އަނބުރާ ދެއްކުން ފަސްކޮށްދެވޭ މުއްދަތު ނިމެންދެން އެއްވެސް ފައިސާ އެއް ދައްކާކަށް ނުޖެހެއެވެ. އަދި އެ މުއްދަތުގައި އިންޓަރެސްޓް އިންޓަރެސްޓް މައްޗަށް ބޭންކުން އިތުރު އިންޓަރެސްޓެއް ނުވަތަ ޑަބަލް އިންޓްރެސްޓް ނުނަގާނެކަމަށް އެ ބޭންކުން ބުނެއެވެ.
ބީއެމްއެލްއިން ލޯން ނަގާފައިވާ ފަރާތްތަކަށް ފައިސާ ދެއްކުން ފަސްކޮށްދީފައިވާ މުއްދަތަށްފަހު ލޯނު އަނބުރާ ދައްކާ ފުރަތަމަ 6 މަސްދުވަހު ދައްކަންޖެހޭނީ މިހާރު ލޯނަށް ދައްކަމުން އަންނަ އަދަދަވުރެ 20 އިންސައްތަ މަދުންކަމަށް އެ ބޭންކުން ބުނެއެވެ.
ލޯނު ދެއްކުން ފަސްކޮށްދިނުމަށް ބޭނުންވާ ކަސްޓަމަރުންނަށް އަންނަ ސެޕްޓެމްބަރުމަހުގެ ނިޔަލަށް މިފުރުސަތު ލިބޭނެއެވެ. އަދި މި މުއްދަތު ތެރޭގައި ކަސްޓަމަރުން ބޭނުން ވަގުތަކު ލޯނު ދެއްކުން ފަސްކޮށްދިނުމަށް އެދި ހުށަހެޅޭނެކަމަށް ބެންކުން ބުނެއެވެ.