މަސްވެރިކަން ރަނގަޅުވިޔަސް، މާރުކޭޓު ހުޅުވާފައި ހުންނަ ވަގުތުކޮޅު ކުޑަވުމުންނާއި، ޑިމާންޑު ދަށްވުމުގެ ސަބަބުން ގެއްލުން ލިބެމުންދާކަމަށް މަސްވެރިންނާއި މަސް ވިއްކާ ފަރާތްތަކުން ބުނެފިއެވެ.
ކޮވިޑް-19 އާއި ގުޅިގެން މަސްވެރިކަމަށް އައި ބަދަލުތަކާއި ބެހޭ ގޮތުން މަސްވެރިންނާއި، މާރުކޭޓުގައި މަސް ވިއްކަން ތިބޭ ފަރާތްތަކާ ޕީއެސްއެމްއިން ވަހަކަ ދައްކާލުމުން އެންމެންގެވެސް ކުރީ އެއް ޝަކުވާއެކެވެ. އެއީ މަސްވެރިކަން ރަނގަޅުވިޔަސް މަސް ގަންނަ އަދަދު ދަށްވުމުން ފައިދާ ނުވާ ވަހަކައެވެ. އަދި މަސް މާރުކޭޓު ބަންދުކުރާ ވަގުތު އަވަސްވުމުން މަސް ނުވިއްކޭތީ ގެއްލުންވަމުންދާކަމަށް އެފަރާތްތަކުން ފާހަގަކުރިއެވެ،
މަސް ދޯނިތަކުގެ ކެޔޮޅުން ބުނިގޮތުގައި މަސްވެރިކަން އާދައިގެ މަތިން ރަގަނޅެވެ. ނަމަވެސް ރިސޯޓު، ހޮޓާ، ގެސްޓްހައުސް، ރެސްޓޯރެންޓް، ކެފޭތައް ހިންގުން ހުއްޓާލުމުން ކުރިން އޮތް ވަރަށް ޑިމާންޑު ނެތުމުން މަސް ބޭނުނަސް ފައިދާ ނުވާކަމަށް އެފަރާތްތަކުން ބުނެއެވެ. އެއީ ގަންނާނެ މީހުން މަދުވީމަ ނުއަގުގައި މަސް ވިއްކަން ޖެހޭތީކަމަށް އެފަރާތްތަކުން ފާހަގަކުރިއެވެ. އަދި އާންމު ގޭބީސީތަކަށްވެސް ކުރިއާ އަޅާބަލާއިރު، މަސް ގަންނަލެއް ތަންކޮޅެއް މަދުކަންވެސް މަސް ވިއްކާ ފަރާތްތަކުން ފާހަގަކުރެއެވެ.
މަސްވެރިން ބުނިގޮތުގައި ރޯދަމަހު މަސް ތިޔާގިވިޔަސް، މަސް ވިއްކަން ލިބޭ ވަގުތު ކުޑަނަމަ ގެއްލުންވާނެއެވެ. އަދި މިކަމަށް އަވަސް ހައްލެއް ބޭނުންވާ ކަމަށް އެފަރާތްތަކުން ބުނެއެވެ.
މަހުގެ އަގުތަކަށް ބަލާއިރު އާންމުކޮށް އާދައިގެ ސައިޒުގެ ކަނޑުމަހެއްގެ އަގު އުޅެނީ 15-25 ރުފިޔާއާ ދޭތެރޭގައެވެ. އަދި ކުޑަ ކަންޏެއް 25-30 ރުފިޔާއާ ދޭތެރޭގައި އުޅޭއިރު، ބޮޑެތި ކަންނެލި އުޅެނީ 40 ރުފިޔާއާ 65 ރުފިޔާއާ ދޭތެރޭގައެވެ. އަދި ފަރުމަހުގެ ބާވާތްތައްވެސް ވަރަށް އަގުހެޔޮކޮށް މާރުކޭޓުން ލިބެން އެބަހުއްޓެވެ.