ވިޔަފާރި

ތައިލެންޑަށް ބައިނަލްއަޤްވާމީ ފްލައިޓް އޮޕަރޭޓްކުރުން މަނާކުރި މުއްދަތު އިތުރުކޮށްފި


ތައިލެންޑަށް ބައިނަލްއަޤްވާމީ ފްލައިޓްތައް އޮޕަރޭޓްކުރުން މަނާކޮށްފައިވާ މުއްދަތު އިތުރުކޮށްފިއެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އެކި ޤައުމުތަކުން ވަނީ އެޤައުމުތަކުގެ ބޯޑަރު ބަންދުކޮށް، އެތެރެއާއި ބޭރުގެ އުދުހުންތައް ހުއްޓާލައި، ބޮޑެތި ސިޓީތަކާއި ޕްރޮވިންސްތަކުގައި ފުރަބަންދު ތަންފީޒުކޮށްފައެވެ.

ތައިލޭންޑުގެ އޭވިއޭޝަންއާބެހޭ އިދާރާއިން މިހާރު ވަނީ އެޤައުމަށް ބައިނަލްއަޤްވާމީ ފްލައިޓްތައް އޮޕަރޭޓްކުރުން މަނާކުރި ކުރުމުގެ މުއްދަތު މިމަހުގެ 18 އަށް އިތުރު ކޮށްފައެވެ. އަދި މިމުއްދަތުގައި ދަތުރުކުރުމުގެ ހުއްދަ ދެވިފައިވާ ހުރިހާ ފްލައިޓަކަށް ދީފައިވާ ހުއްދަ މިހާރު ވަނީ ކެންސަލްކޮށްފައެވެ. ނަމަވެސް އަސްކަރީ ފްލައިޓްތަކާއި، އިމަޖެންސީ ޓެކްނިކަލް ލޭންޑިންގެ ހާލަތުގައި އަންނަ ފްލައިޓްތަކާއި، އިންސާނީ އެހީ ގެންނަ ފްލައިޓްތަކާއި، މެޑިކަލް އަދި ރިލީފް ފްލައިޓްތަކާއި، ކާގޯ އަދި ރިޕަޓްރިއޭޝަން ފްލައިޓްތައް އޮޕަރޭޓްކުރެވޭނެއެވެ.

ތައިލޭންޑަށް ބައިނަލްއަޤްވާމީ ފްލައިޓްތައް އޮޕަރޭޓްކުރުން ވަގުތީ ގޮތުން ސަސްޕެންޑުކުރިޔަސް، ޤައުމުގެ އެތެރޭގެ އުދުހުންތައް ހުއްޓާލާފައެއް ނުވެއެވެ. ނަމަވެސް ތައިލޭންޑުގެ ގިނަ ޕްރޮވިންސްތަކުގައި ފުރަބަންދު ތަންފީޒުކުރަމުންދާތީ އެޤައުމުގެ ބައެއް ޑޮމެސްޓިކް އެއަރލައިންތައް ވަނީ އަމިއްލައަށް އޮޕަރޭޓްކުރުން ހުއްޓާލާފައެވެ.

ތައިލޭންޑުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް މާރޗް މަހުގެ 26 އިން ފެށިގެން އޭޕްރިލް 30 ގެ ނިޔަލަށް ވަނީ ޤައުމީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. އަދި އޭޕްރިލް 3 ވަނަ ދުވަހުން ފެށިގެން މުޅި ޤައުމުގެ ހުރިހާ ސަރަޙައްދެއް ހިމެނޭގޮތަށް ކޮންމެ ރެޔަކު 10 އިން ފަތިހު 4 ޖެހުމާއި ހަމަޔަށް އެއްވެސް ވަރަކަށް ބޭރަށް ނުދެވޭ ގޮތަށް ކާފިއުވެސް ވަނީ އިއުލާންކޮށްފައެވެ.

ތައިލެންޑްގެ ވެރިރަށް ބެންކޮކް އަދި އެހެން ބޮޑެތި ޕްރޮވިންސްތަކުގައިވެސް ސުޕަމާކެޓްތަކާއި ކަންމަތީ ފިހާރަތައް ފިޔަވައި، އާންމު ހުރިހާ ތަނަކާއި، ސްކޫލް، އޮފީސް، ވިޔަފާރިތައް ވަނީ ބަންދުކޮށްފައެވެ. ނަމަވެސް ޒަރޫރީ ކާނާގެ ބާވަތްތައް ޑެލިވާރކުރުމުގެ ހިދުމަތްތައް ވަކި ގަޑިތަކެއްގައި ވަނީ ދީފައެވެ.

ތައިލޭންޑުގައި ކޮރޯނާ އަށް 2200 އަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު، 51 މީހުން ވަނީ މިބަލީގައި މަރުވެފައެވެ.