ރިޕޯޓް

އެވޭލާ ދިވެހިންގެ ފުދުންތެރި ދިރިއުޅުމުގެ މައިގަނޑު ކާނާގެ ތެރެއިން ބަނބުކެޔޮ


އެވޭލާ ޒަމާނުއްސުރެ ދިވެހިން ކެއިން ބުއިން ހަމަޖެއްސުމުގައި އެންމެ ބޮޑަށް ބަރޯސާވެފައި ވަނީ ދިވެހިބިމުން ލިބޭ ކާބޯތަކެތީގެ މައްޗަށެވެ. މިގޮތުން ދިވެހިންގެ މައިގަނޑުކެއުމުގައި ބޭނުން ކުރި، ފަލަމަޑީގެ އެއްބާވަތަކީ ބަނބުކޭލެވެ.

ބަނބުކޭލަކީ ދުނިޔޭގެ ދެބައިހަމަ ރޮނގު ހައްތު އިސްތިވާގައި ހިމެނޭ ޓްރޮޕިކަލް ސަރަހައްދުތަކުގައި ހެދޭ ގަހެކެވެ. މިގޮތުން މެދު ތެރޭ އެމެރިކާ އާއި ކެރީބިއަން އަދި ޕެސިފިކްގެ ޖަޒީރާތަކާއި އޮސްޓްރޭލިއާ އިންޑޮނީޝިއާ މެލޭޝިއާ އަދި ސްރީލަންކާ އާއި ދިވެހިރާއްޖޭގައި ރަނގަޅަށް ބަނބުކެޔޮ ހެދެއެވެ. ދުނިޔޭގެ 90 ޤައުމެއްގައި ބަނބުކެޔޮގަސް ހެދޭއިރު، ބަނބުކޭލަކީ، މުސްތަޤުބަލުގެ ކާނާކަމުގައި ވާނޭ ކަމަށް ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ކާނާގެ ޔަޤީންކަން ދެމެހެއްޓުމުގެ ބޭނުން ބޮޑުވެފައި ވާއިރު، ރާއްޖޭގައިވެސް ވަނީ އެކަމަށް އަމާޒު ހިފަންޖެހިފައެވެ. އެހެންކަމުން އެގްރިކަލްޗަރ މިނިސްޓްރީން ދަނީ އެކަމަށް މަސައްކަތް ކުރަމުންނެވެ.

"ކާނާގެ ޔަޤީންކަން ކަށަވަރު ކުރުމުގައި ބަނބުކޭލަށްވުރެ ވަކި މުހިންމު އެއްޗެއް ނެތްކަމަށް މިހާރު މުޅި ދުނިޔެ ވަނީ ބަލައިގަންނަން ފަށާފައި. މަޝްހޫރު ނެޝަނަލް ޖޯގްރަފިކް އަދި އެތައް ސައިންޓިސްޓުންނެއް މިހާރު ބަނބުކެޔޮ ސިފަ ކުރަމުން ގެންދަނީ "މުސްތަޤްބަލުގެ ކާނާ" ގެ ގޮތުގައި." މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ މެރިން ރިސޯސަސް އިން ވިދާޅުވެއެވެ.

އިހު އެވޭލާ ޒަމާނުއްސުރެ ދިވެރިރާއްޖޭގައި މީހުން މައިގަނޑުގޮތެއްގައި ކެއުމަށް ބަނބުކެޔޮ ބޭނުންކޮށް އުޅުނެވެ. މިގޮތުން މިހާރުވެސް ރަށްފުށުގައި ކޮންމެ ގެއެއްގެ ގޯތިތެރޭގައި މަދުވެގެން އެއްގަސް ބަނބުކެޔޮހުރެއެވެ. ވެރިރަށް މާލޭގައިވެސް މީގެ ތިރީހަކަށް އަހަރު ކުރީގައިވެސް ގިނަ އަދަދެއްގެ ބަނބުކެޔޮ ގަސްތައް ހުއްޓެވެ. ނަމަވެސް އިމްޕޯޓު ކުރެވޭ ކާނާގެ ބާވްތަތަކަށް ބަރޯސާވުން އިތުރުވަމުން ދިޔަ ވަރަކަށް ބަނބުކެޔޮގަސްތައް ކަނޑަމުންގޮސް ބައެއް ރަށްރަށުން ގަސްތައް ވަނީ ހުސްވެފައެވެ.

މީގެ އިތުރުން 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާ އާއި ގުޅިގެންވެސް ރާއްޖޭގެ އެތައް ރަށެއްގައި ހުރި ބޮޑެތި ބިޔަ ބަނބުކެޔޮ ގަސްތައް މަރުވެގެން ދިޔައެވެ. އަދި ބަނބުކެޔޮގަސް އާލާކުރުމުގެ ރޫހެއް ނެތުމާއި އެކު ކޯވިޑާއި އެކު ދުނިޔެއަށް ކުރިމަތިވަމުން އަންނަ މިދަތިކަމުގައި ކެއިން ބުއިން ބަރޯސާކުރާނެ ބޮޑެތި ބަނބުކެޔޮ ގަސްތަކެއް ގިނަ ރަށްރަށަކު ނެތެވެ.

ދެވަނަ ބޮޑުހަނގުރާމައިގެ ތަދުމަޑުކަމުގައި ދިވެހިން އެންމެ ބޮޑަށް ކާނާއަށް ބަރޯސާވި ބާވަތްތަކުގެ ތެރޭގައި ބަނބުކެޔޮގަސް ހިމެނުނެވެ. ބަބުކޭލާއި، ބަނބުކެޔޮގަހުގެ ތޮޅި އާއި، ބަނބުކެޔޮ ފަތުގެ ތަނޑަކީވެސް ރާއްޖެ އެންމެ ތަދުވި ދުވަސްވަރު ދިވެހިން ކެއުމަށް ބޭނުން ކުރިތަކެއްޗެވެ.

ބަނބުކެޔޮ ފިހެގެންނާއި ފެނުމަޑުކޮށްގެން، ގަރުދިޔަ އާއި މަހާއި ހުންޏާއި އަދި ލޮނު މިރުހާއި އެކު ދިވެހިން ކައިއުޅެއެވެ. އަދި ހަކުރުއަޅައި ބޯކޮށްގެންނާއި، ރިހަކައްކައިގެންނާއި، ބޮނޑިބަތްަކައްކައިގެން ކައިއުޅެއެވެ. އަދި ބަނބުކޭލުން ދިވެހިން ތައްޔާރުކުރާ ކާބޯތަކެތީގެ ތެރެއިން އެންމެ މަގުބޫލު އެއްޗަކީ ތެލުލި ބަނބުކޭލެވެ.

ބަނބުކެޔޮގަހުގައި ބަނބުކެޔޮ އަޅަނީ ވަކި މޫސުމަަކަށް ކަމުގައި ވާތީ، ދިގުމުއްދަތަކަށް އެ ރައްކާކޮށްފައި ބެހެއްޓޭނެ ގޮތްތައް ދިވެހިން ދަސްކޮށްފައިވެއެވެ. މިގޮތުން ތެލުލާފައި ހުންނަ ބަނބުކޭލަކީ ވައިނުވަންނަ ގޮތަށް ބަންދުކޮށްފައި ބެހެއްޓުމުން އެތައް އަހަރެއްވާންދެން ތާޒާކަންމަތީގައި ބެހެއްޓޭ އެއްޗެކެވެ.

މީގެ އިތުރުން ބަނބުކެޔޮ އަވީލައި އޭގެން ފެން ހިއްކައިގެންވެސް ގިނަ ދުވަހަށް ދެމިހުންނަގޮތަށް ހަދައި އެވޭލާ ދިވެހިން ކޮށާރުތަކުގައި ރައްކާކޮށް އުޅުނެވެ.

މިހާރު ބާޒާރުގައި ބަނބުކޭލެއްގެ އަގު 30ރ އިންފެށިގެން 80ރ އާއި ދެމެދުގެ އަގެއްގައި ހުރި އިރު، ތެލުލި ބަނބުކެޔޮ ޑަބިޔަލެއްގެ އަގު 650ރއަށް ވުރެ މައްޗެވެ. އަދި މިފަހަކަށް އައިސް، އިންޑޮނީޝިއާ އާއި މެލޭޝިއާ ފަދަ ޤައުމުތަކުން ރާއްޖެއަށް ތެލުލިބަނބުކެޔޮ އިމްޕޯޓުވެސް ވަނީ ކުރަން ފަށާފައެވެ.

ބަނބުކޭލަކީ ސިއްޙީ ގޮތުން އެއިން ގިނަ ފައިދާތަކެއްވެސް ލިބޭ ބާވަތެކެވެ. މިގޮތުން، އަހަރެމެން މިހާރު ކައިއުޅޭ ހުދު ހަނޑުލަށް ވުރެ ބަނބުކޭލުން ލިބޭ ހަކަތަ އިތުރެވެ. މިގޮތުން ޕްރޮޓީން އާއި ކާބޯ ހައިޑްރޭޓްސް އާއި ފައިބަރ އާިއ ފޮސްފަރަސް އަދި ޕޮޓޭސިމް އާއި ކެލްސިއަމާއި އަޔަން ބަނބުކޭލުގައި ހިމެނެއެވެ. އަދި ހަށިގަނޑަށް ބޭނުންވާ މުހިއްމި ވިޓަމިންގެ ތެރެއިން ވިޓަމިން އޭ އާއި ވިޓަމިން ސީ ވެސް ބަނބުކޭލުން ލިބެއެވެ.

އިހު ދިވެހިން ގޯތިތެރޭގައި ބަނބުކެޔޮގަސްތައް ހައްދައި އުޅުނީ އެގަހުގެ ފައިދާ އާއި މަންފާ ބޮޑުކަމުންނެވެ.

ބަނބުކެޔޮ ގަހަކީ އުމުރު ދިގު އަދި ބިޔަކޮށް ހެދޭ ގަހެކެވެ، އަދި ބަނބުކެޔޮ މޫސުމުގައި އެއްފަަރާ ގިނަ އަދަދެއްގެ ކެޔޮ އަޅާގަހެކެވެ. އާއްމުގޮތެއްގައި ބަނބުކެޔޮގަހުން އަހަރަކު ތިންފަހަރު ބަނބުކެޔޮ ލިބެއެވެ. އަދި ވަރަށް މަދު ހާލަތެއްގައި އަބަދުވެސް ހުސްނުވެ ބަނބުކެޔޮއަޅާ ގަސްގަސް ހުރެއެވެ.

ކާނާގެ ޔަޤީންކަން ކަށަވަރު ކުރުމަށްޓަކައި، ރާއްޖެ ފަދަ ޤައުމެއްގައި ބަނބުކެޔޮ ގަހަކީ ވަރަށް މުހިއްމު ގަހެކެވެ. އިހު ދިވެހިންގެ ދިރިއުޅުން ފުދުންތެރިވުމުގެ ސަބަބަކަށްވީ، ގޯތި ގެދޮރުގައި ހުރި ބޮޑެތި ބިޔަ ބަނބުކެޔޮ ގަސްތަކެވެ.