ޚަބަރު

ބޭރުގައި ތިބި ދިވެހިންނަށް އެހީވުމަށް މިހާތަނަށް 3 މިލިއަނަށްވުރެ ގިނަ ރުފިޔާ


ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް އެހީތެރިވުމުގެ ގޮތުން މިހާތަނަށް ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްފައިވާކަމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މި ފައިސާއަކީ އާސަންދައާއި ޒަކާތު ފަންޑުން ޚަރަދުކޮށްފައިވާ ފައިސާ ކަމަށެވެ. އެގޮތުން އާސަންދައިން އެކެއް ޕޮއިންޓު ނުވައެއް މިލިއަން ރުފިޔާ އަދި ޒަކާތު ފަންޑުން ދޭއް ޕޮއިންޓު ފަހެއް މިލިއަން ރުފިޔާ ޚަރަދުކޮށް ފައިވާކަމަށެވެ.

މީގެ އިތުރުން އެމްބަސީތަކާއި ފޮރިން މިނިސްޓްރީންވެސް އެފަރާތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް މަބްރޫކް ވިދާޅުވިއެވެ. ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ ގިނަ ޤައުމުތައް މިހާރުވެސް ވަނީ ފުރަބަންދު ކޮށްފައެވެ. މީގެ ސަބަބުން ބައެއް ޤައުމުތަކުގައި ދިވެހިން ތާށިވެފައިވާއިރު އެ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ އެމީހުންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. އަދި ފުރުޞަތު ލިބޭ މިންވަރަކުން ބޭރުގައި ތިބި މީހުން ރާއްޖެ ގެނައުމާއި އެމީހުންނަށް ބޭނުންވާ ބައެއް ތަކެތި ފޮނުވުމުގެ ފުރުޞަތު ރާއްޖޭގައި ތިބި އެމީހުންގެ އާއިލާތަކަށް ފަހިކޮށްދިނުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.