ވިޔަފާރި

އެމެރިކާގެ ތެލުގެ ވިޔަފާރި ބޮޑު ގެއްލުމަކާ ދިމާލަށް!


ތެލުގެ ވިޔަފާރިއަކީ ދުނިޔޭގައި އެންމެ ބޮޑު ފައިދާއެއް ލިބޭ ވިޔަފާރިއަށްވިޔަސް، ކޯވިޑްގެ ސަބަބުން ތެލުގެ އަގުވަނީ ކުރިން ދަށަށް ނުދާ މިންވަރަކަށް ދަށަށް ގޮސްފައެވެ. ތެލުގެ އަގު ދަށަށްދިޔައީ ދަތުރުފަތުރާއި ކާރުހާނާތަކުގައި ކުރާ މަސައްކަތްތައް ހުއްޓާލުމާ ގުޅިގެން ތެލަށް އޮތް ޑިމާންޑް ދަށްވުމުގެ ސަބަބުންނެވެ.

އެމެރިކާގައި ތެލުގެ ސަޕްލައިއަށްވުރެ ޑިމާންޑް ދަށްވުމުގެ ސަބަބުން ތެޔޮ އުފައްދާ ކުންފުނިތަކުގެ ގުދަންތައް ވަނީ ފުރެން ކައިރިވެފައެވެ. އަދި މޭމަހާ ހަމައަށްދާއިރު ތެޔޮ އުފައްދާ ފަރަތްތަކަށް ތެޔޮ ރައްކާކުރެވޭނެ ގޮތެއް ނޯންނާނެކަމަށް ޚަަބަރުތައް ބުނެއެވެ.

މިމައްސަލަ ބޯމަތިވުމުން އެމެރިކާގެ ތެޔޮ އުފައްދާ ކުންފުނިތަކުން ދަނީ ތެޔޮ ރައްކާކުރުމަށް ތެޔޮ ގަންނަ ފަރާތްތަކުގެ ގުދަންތަކާއި ތެޔޮ ޓޭންކަރުތައް ކުއްޔަށް ހިފަމުންނެވެ. އަދި މިގޮތަށް ހިފާ ސްޓޯރޭޖްތަކުގެ ކުލި ބޮޑުކަމުން ކުންފުނިތަކުން ތެޔޮ ގަންނަން ތެޔޮ އުފައްދާ ކުންފުނިތަކަށްދޭ ފައިސާއިން މި ޚަރަދު އުނިކުރުމުން ބާކީ އެއްޗެއް ނޯވެއެވެ. ނޫނީ ތެޔޮ ގަންނަ ކުންފުންޏަށް ތެޔޮ އުފައްދާ ކުންފުނިން އޮންނަނީ ފައިސާ ދޭންޖެހިފައެވެ.

ދުނިޔޭގައި ތެލުގެ ބާޒާރުގައި ވިޔަފާރިކުރަނީ ދުރާލާ ކޮންޓްރެކްޓް ހަދައިގެން އަގު ކަނޑައަޅައިގެނެވެ. އެހެންކަމުން މޭމަހާއި ޖޫންމަހު ކުންފުނިތަކަށް ވިއްކާ ތެލުގެ އަގު ކަނޑައަޅައި، ކޮންޓްރެކްޓްތައް ވަނީ ކުރިއްސުރެ ޤާއިމްކޮށްފައެވެ. މިއީ 1983 ވަނަ އަހަރަށް ފަހު އެމެރިކާގައި ތެލުގެ އަގު މިހާދަށަށް ދިޔަ ނުވަތަ މައިނަސްވި ފުރަތަމަ ފަހަރެވެ. އެގޮތުން އެމެރިކާގައި އެންމެ ފުޅާ ދާއިރާއެއްގައި ތެޔޮ އުފައްދާ ވެސްޓް ޓެކްސަސް އިންޓަރމީޑިއޭޓްއިން ވިއްކާ ތެޔޮ ފީފާއެއްގެ އަގު މިހާރު އުޅެނީ މައިނަސް 37.63 ޑޮލަރުގައެވެ.

މިކަމުގެ ސަބަބުން އެމެރިކާގެ ތެޔޮ ވިއްކާ އެތައް ސަތޭކަ ކުންފުންޏެއް ބަނގުރޫޓުވާނެކަމަށް މާހިރުން ބުނެއެވެ.

ތެލުގެ އަގު ދަށަށްދާން ފެށުމާއެކު ތެޔޮ އުފައްދާ ޤައުމުތަކުގެ މެދުގައި އެކަމާ ގުޅިގެން ފިޔަވަޅުތައް އަޅަން މަޝްވަރާ ފެށުނެވެ. އެމަޝްވަރާގެ ތެރެއިން އެންމެ ގިނައިން ތެޔޮ އުފައްދާ ސަޢުދީ، ވެނެޒުއޭލާ، އީރާން އަދި ޔޫއޭއީފަދަ ޤައުމުތައް ހިމެނޭ އޯޕެކްއިން ތެޔޮ އުފައްދާ މިންވަރު މަދުކުރުމަށް އެއްބަސްވެފައެވެ. އަދި އެމެރިކާއާއި ސަޢުދީއަށްފަހު އެންމެ ގިނައިން ތެޔޮ އުފައްދާ ރަޝިޔާއިންވެސް ވަނީ ތެޔޮ އުފައްދާ މިންވަރު މަދުކުރުމަށް އެއްބަސްވެފައެވެ.

ތެޔޮ އުފައްދާ ޤައުމުތަކުގެ މެދުގައި ބޭއްވި މަޝްވަރާތަކަށްފަހު ނިންމާފައިވަނީ ކޮންމެ ދުވަހަކު އުފައްދާ ތެލުގެ ތެރެއިން 10 މިލިއަން ފީފާ މަދުކުރުމަށެވެ. މިނިންމުމުގެ ދަށުން މޭ މަހުން ފެށިގެން ޖޫންމަހުގެ ނިޔަލަށް ކޮންމެ ދުވަހަކު އުފައްދާ ތެލުގެ ތެރެއިން 10 މިލިއަން ފީފާ މަދުކުރާނެއެވެ. މިއީ ދުނިޔޭގައި ތެޔޮ އުފައްދާ ޤައުމުތަކުން ތާރީހުގައިވެސް ތެޔޮ އުފައްދާ މިންވަރު މިހާ ދަށްކުރި ފުރަތަމަ ފަހަރެވެ.

ނަމަވެސް މީއީ ކޮރޯނާވައިރަސްއާއި ގުޅިގެން ތެލުގެ ޑިމާންޑު ދަށްވި މިންވަރާ އަޅާބަލާއިރު މަދު އަދަދެއްކަމަށް ހަބަރުތައް ބުނެއެވެ. އަދި ތެލަށް ހަމަ އަގެއް ލިބުމުގައި މިކަމުން ހާސިލްވާނެކަމެއް ނޯންނާނެކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

ތެލަށް އޮތް ޑިމާންޑު ކޮރޯނާ ވައިރަސްއާއި ގުޅިގެން ދުވާލެއްގެ މައްޗަށްވަނީ ވަނީ 18 މިލިއަނާއި 20 މިލިއަން ފީފާ ދޭތެރޭގެ އަދަދަކަށް ދަށްވެފައެވެ.