ކޯވިޑް-19ގެ ސަބަބުން ލިބޭ ގެއްލުންތައް ފޫބެއްދުމަށް އެމެރިކާގެ ކޮންގްރެސްއިން 484 ބިލިއަން ޑޮލަރުގެ ރިލީފް ޕެކޭޖެއް ފާސްކޮށްފިއެވެ.
މިއީ ކޯވިޑް-19 ގެ ސަބަބުން ކުރިމަވާ އިޤްތިސާދީ އިޖްތިމާއި މައްސަލަތަށް ހައްލުކުރުމަށް އެކި ދާއިރާތަކަށް އެހީތެރިވުމަށް އެމެރިކާގެ ކޮންގްރެސްއިން ފާސް ކުރި މިފަދަ ހަތަރު ވަނަ ޕެކޭޖެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް ރިލީފް ޕެކޭޖާއި ބެހޭ ބިލް އަންގާރަ ދުވަހު ތަސްދީގުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މި އައު ޕެކޭޖުގެ ދަށުން ފައިސާ ދިނުމަށް ހަމަޖެހިފައިވަނީ ކުދި ވިޔަފާރިތަކަށް 310 ބިލިއަން ޑޮލަރާއި، ހޮސްޕިޓަލްތަކަށް 75 ބިލިއަން ޑޮަލަރާއި ކޯވިޑް-19 އަށް ޓެސްޓް ކުރުމުގެ ޤާބިލިއްޔަތު އިތުރުކުރުމަށް 25 ބިލިއަން ޑޮލަރެވެ. މިއާއެކު އެމެރިކާއިން ކޯވިޑް-19އާ ގުޅިގެން ރިލީފް ޕެކޭޖުތަކަށް ހޭދަކުރުމަށް ކަނޑައެޅި ފައިސާގެ އަދަދު 3 ޓްރިލިއަން ޑޮލަރަށް ވަނީ އަރާފައެވެ. އަދި މީގެ ސަބަބުން އެމެރިކާގެ ބަޖެޓް ވަނީ ރެކޯޑު އަދަދަކަށް ޑެފިސިޓް ވެފައެވެ.
އަނެއްކޮޅުން ކޯވިޑް-19 ފެތުރެން ފެށިފަހުން އިޤްތިސާދީ ގޮތުން އައި ބަދަލުތަކާ ހުރެ އެމެރިކާގައި ވަޒީފާ ގެއްލިފައިވާ މީހުންގެ އަދަދު 26.4 މިލިއަނަށް ވަނީ އާރާފައެވެ. މިއީ އެމެރިކާގައި ވަޒީފާއަށް ދާ މީހުންގެ 15 އިންސައްތައެވެ.
އެމެރިކާގައި ވަޒީފާ ގެއްލިގެން މިދިޔަ ހަތްފާގައި އެކަނިވެސް ސަރުކާރުގެ އެހީއަށް 4.4 މިލިއަން މީހުން އެދިފައިވާކަމަށް ޚަބަރުތައް ބުނެއެވެ. ކޯވިޑް-19އާ ގުޅިގެން ފަސް ހަފްތާތެރޭގައި އެމެރިކާގައި ވަަޒީފާ ގެއްލުނު މީހުންގެ އަދަދުވަނީ ގަރުނެއް ތެރޭގައި އުފެއްދުނު ވަޒީފާގެ އަދަދަށްވުރެ މައްޗަށް އަރާފައެވެ.
މިދިޔަ މަހު އެމެރިކާއިން ވަނީ އެޤައުމުގެ ތާރީހުގައިވެސް ފާސްކުރި އެންމެ ބޮޑު ސްޓިމިއުލަސް ޕެކޭޖު ފާސް ކޮށްފައެވެ. އެއީ 2 ޓްރިލިއަން ޑޮލަރުގެ ސްޓިމިއުލަސް ޕެކޭޖެކެވެ. އެ ޕެކޭޖުން ކުދި ވިޔަފާރިތަކަށް ދިނުމަށް ކަޑައެޅި 349 ބިލިއަން ޑޮލަރު އެކި ވިޔަފާރިތަކަށް އެހީފޯރުކޮށްދީ ހުސްވެފައިވާކަމަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން މަައުލޫމާތުދެއެވެ. ކުދި ވިޔަފާރިތަކަށް ދެވޭ ފައިސާއަކީ އެވިޔަފާރިތަކުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ދެވޭ ފައިސާއެވެ.
އެމެރިކާގެ ކޮންގްރެސްއިން އަލަށް ފާސް ކުރި ރިލީފް ޕެކޭޖާއި ބެހޭ މިބިލް ފާސްކުރުމަށް ބޭއްވި ބައްދަލުވުން ކުރިޔަށް ގެންގޮސްފައިވަނީވެސް ތަފާތު ގޮތަކަށެވެ. މިގޮތުން ކޮންގްރެސްގެ މެންބަރުން އަމިއްލަ ކޮޓަރި ފުޅުގައި ތިބެފައި، މިބިލަށް ވޯޓުލުމަށް ތަޅުމަށް އައައިސްފައިވަނީ މަދު މެންބަރުން ކޮޅެއް އެކުގައެވެ.
އެމެރިކާގައި ކޯވިޑް-19 ޖެހިފައިވާ 8 ލައްކަ 45 ހާހަށްވުރެ ގިނަ މީހުން ތިބިއިރު، މިވައިރަސްޖެހި މަރުވެފައިވާ މީހުންގެ އަދަދު ވަނީ 50 ހާހަށްވުރެ މަތިވެފައެވެ.