ޚަބަރު

ފުދުންތެރި ދިރިއުޅުން އަލުން ބިނާކުރުމަށް ބިނާވެށީގެ ޕްލޭންތަކަށް ބަދަލު ގެންނަންޖެހިފައި


ފުދުންތެރި ދިރިއުޅުމެއްގެ މުހިއްމުކަން އިހްސާސްވަނީ، ދުނިޔެއަށް ކުރިމަތިވާ މިފަދަ ދަތިހާލަތްތަކުގައެވެ. ގުޅިލާމެހިފައިވާ ދުނިޔޭގައި އެންމެން ވަކިވަކިން ދިރިއުޅެން ޖެހޭ މިފަދަ ދަނޑިވަޅު ތަކުގައެވެ. މިގޮތުން މިއަދަކީ އެފަދަ ހާލަތެއް މުޅި ދުނިޔެ ތަހައްމަލު ކުރަންޖެހިފައިވާ ދުވަހެކެވެ.

ޤައުމެއް ތަރައްޤީވުމަކީ އެޤައުމެއްގެ ރައްޔިތުން ފުދުންތެރިވުމެވެ. ނޭވާނުލައި ބުރަމަސައްކަތްކޮށްފައި ލިބޭ ލާރިކޮޅު ކުއްޔަށް ދީފައި، ދިރިއުޅުމުގެ މުހުތާދުތައް ނުފުދި ރައްޔިތުން ދިރިއުޅެންޖެހޭނަމަ، އެއީ ދިރިއުޅުމެއް ނޫނެވެ. ގަނަތެޅުމެވެ. ރާއްޖޭގެ އާބާދީގެ ތިންބައިކުޅަދެބައި މާލެއަށް ޖަމާވެފައި ވާއިރު، އެ އާބާދީގެ ގިނަ މީހުންނަކީވެސް ކުރާ މަސައްކަތުން ލިބޭ ހުރިހާ ލާރިއެއް ކުއްޔަށް ދައްކައިގެން އުޅެން ޖެހިފައިވާ ބައެކެވެ. ހަޤީގަތުގައި ފުދުންތެރި ދުޅަހެޔޮ އާއިލާއެއް ބިނާކުރެވިދާނެ މާހައުލެއް މާލެއަކު ނެތެވެ. ގޯތި ގެދޮރުގައި އެޕާޓްމެންޓުގައި އުފެއްދުންތެރި ކަމެއްކޮށް ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރެވޭނެ ޖާގައެއް ނެތެވެ.

ދިވެހިންގެ ދިރިއުޅުން ފުދުންތެރި ކަމުގެ ހަނދާންތައް އައު ކުރާއިރު މާޒީގެ ސަފްހާތަކުން ފެންނަނީ ތަފާތު ދިރިއުޅުމެކެވެ. ދަނޑުބިންތަކެކޭ އެއްފަދައިން ގޯތިތެރޭގައި އެތައް ބާވަތެއް ހައްދައި ކައިބޮއެ އުޅޭތަނެވެ. 70ގެ އަހަރުތަކުގައިވެސް މާލޭގެ ގޯތިތައްވެސް ހުރީ އެފަދައިންނެވެ. ބަނބުކޭލާއި އަނބާއި ކުންނާރާއި، ޖަންބު ޖަނބުރޯލާއި ފަތްކޭލާއި، ކަށިކޭލާއި ލުނބޮޔާއި ބިލިމަގާއި، ހިކަނދިފަތާއި ރާނބާފަތާއި، ހުވަނދުމަލަކީ ގޯތި ގެދޮރުގައި ހައްދައި އުޅުނު ބާވަތްތަކެވެ. ގޯތީގެ ބޮޑުބައެއް ދޫކުރެވިފައި ވަނީ އެފަދަ ކަންކަމަށެވެ. އެއީ އިޖުތިމާއި ގައިދުރު ކަމާއި، ސާފުވައިގެ މާހައުލެއް ލިބިދިން ކަންކަމެވެ.

ފާއިތުވި އަހަރުތަކުގައި ޤައުމީ ތަރައްޤީގެ ދުވެލި ހަލުވި ވަމުން އައީ ހަމައެކަނި ކޮންކުރީޓުން އިމާރާތްތަކުގެ ގޮތުގައެވެ. ބިނާވެށީގެ ޕްލޭނުގައި އިސްކަންދެވުނީ ހަމައެކަނި އިމާރާތްތަކެއް ބިނާކުރުމަށެވެ. އެއިމާރާތުގައި ދިރިއުޅޭނެ މީހުން ފުދުންތެރި ދިރިއުޅުމެއް އުޅެވޭނެ ގޮތަކަށް ހަމަނޭވާއެއް ލެވޭނެ ޖާގައަކަށް ވިސްނިފައި ނުވަތަ ވިސްނާފައެއް ނެތެވެ. މީގެ އެންމެ ސާފު މިސާލަކީ މިއަދު މާލޭގައި އިމާރާތްތައް ބިނާކުރެވިފައިވާ ގޮތެވެ. އެއް އިން މައްޗަށް އެތައް އިމާރާތެއް ބިނާވެގެން އައި އިރު، މަގުމައްޗަށް ނެރެވުނު ބެލްކަނިތައް ކޮޓަރިތަކަށްވެ މަގުތައްވެސް ބިންމަތިން ފެށިގެން މައްޗަށް ހިމަވަމުން އައި އިރު، އިރުގެ އަވި ބިމަށް ނުފޯރާ މިންވަރަށް މާލޭގެ ބައެއް ސަރަހައްދުތަކުގެ އިމާރާތްތައް ވަނީ އުސްވެ ތޮއްޖެހިފައެވެ.

އިމާރާތްތައް ޑިޒައިން ކުރެވެމުން އައީ ތަނަވަސް ޖާގަބޮޑު އެޕާޓްމަންޓްތަކެއްގެ ގޮތުގައި ހެދުމަށްވުރެ ބޮޑަށް ނިދާނެ އެނދެއް ބަހައްޓައިލެވޭހައި ޖާގައަކީ ކޮޓަރިއެއް ކަމުގައި ބަލައިގެންނެވެ. ރައީސް މައުމޫނުގެ ސަރުކާރަށް ފަހުގައި މާލެ އާއި ހުޅުމާލޭގައި ބިނާކުރެވެމުން އައި ސަރުކާރުގެ ފުލެޓް އިމާރާތްތައްވެސް ބިނާކުރެވެމުން އައީ ޖާގަ ތަނަވަސް އަދި މީހުންނަށް ހަމަޖެހިގެން ދިރިއުޅެވޭ ތަނަކަށް ވުރެ ބޮޑަށް ވީހާވެސް ގިނަ ފުލެޓްތައް ކުޑަ ޖާގައެއްގައި ހެދޭނެ ގޮތަށް ބަލައިގެންނެވެ.

ރަށްފުށުގެ ދިރިއުޅުން ބަދަލުވަމުން އައިރު، 3000 އަކަފޫޓުން ދެވެމުން އައި ގޯތިތައް 1200 އަކަފޫޓަށް ކުދިވެގެން އައި އރު، ގޯތިތަކުގައި ހުސްޖާގައެއް ބޭއްވުމަކަށް ބާރެއް ނޭޅުނެވެ. މާލެ އެކޭ އެއްގޮތަށް މުޅި ގޯތީގައި އިމާރާތް ކުރެވެމުން ދިޔުމުގެ ނަތީޖާއަކީ، ރާއްޖޭގެ ރަށްތައްވެސް މާލެއެކޭ އެއްފަދަވުމެވެ.

އެކަމުން ނުކުން ނަތީޖާއަކީ، މާލެއެކޭ އެއްގޮތަށް ކުރިން ގޯތި ގެދޮރުގައި ހައްދައި ފުދިގެން އުޅުނު ކާބޯތަކެއްޗަކީ ބާޒާރުން ގަންނަންޖެހޭ ތަކެއްޗަށް ވުމެވެ. ބާޒާރަށް އެތަކެތި ނެރުމަށް އިމްޕޯޓު ކުރަން ޖެހުމެވެ.

ފުދުންތެރި ދިރިއުޅުމަކަށް އެންމެ މުހިއްމު ކަމަކީ، އަމިއްލަ ފުދުންތެރިކަން އިތުރުކުރުކުރުމެވެ. ގޯތި ގެދޮރުގައި ހަމަޖެހިލައިގެން އުޅެވޭނެ ހުސްޖާގަތައް އޮތުމެވެ. ބޭނުންވާ ކާބޯތަކެތި ހައްދައި ލެވޭނެ ޖާގައެއް އޮތުމެވެ. ޒަމާނީޓެކްނޮލޮޖީގެ އެހީގައި އެފަދަ ކަންކަން ކުރެވޭނެ ގޮތްތައް މީހުންނަށް ދަސްކޮށްދީ ޖާގަ ތަނަވަސްކޮށްދިނުމެވެ.

މާލޭގެ ދަތި، ތޮއްޖެހިފައިވާ މާހައުލުގައިވެސް ކުދި ކުދި ތަންތަންކޮޅުގައި ޕޮޓުގައި ގަސްހައްދައިގެން އެ ގޭބިސީއަކަށް ބޭނުންވާ މިންވަރަށް ތަކެތި ހެއްދިދާނެއެވެ. ބައެއް މީހުން ވަނީ އެކަން ކޮށްފައިވެސް މެއެވެ. ހުޅުމާލެފަދަ އަލަށް ބިނާކުރެވެމުން އައި ސިޓީތަކުގައިވެސް އެކަމަށް އެކަށީގެންވާ ސަމާލުކަމެއް ދެވޭނަމަ ހާލަތު ބަދަލު ކުރެވިދާނެއެވެ. ގިނަ ބައެއްގެ ދިރިއުޅުން އަލުން އެގޮތަށް ބަދަލު ކުރެވިއްޖެނަމަ ސީދާގޮތުން އެކަމުގެ ފައިދާ ޤައުމުގެ އިޤުތިޞާދަށްވެސް ކުރާނެއެވެ.

ކޯވިޑް-19 އަކީ މިދެންނެވި ފަދައިން ދިރިއުޅުމުގެ އާދަތައް ބަދަލު ކުރުމަށް، ބިނާވެށީގެ ޕްލޭންތަކަށް ބަދަލު ގެނައުމަށް ވިސްނާލަން ލިބުނު އެންމެ ރަނގަޅު ފުރުޞަތެވެ. މީހަކު ދިރިއުޅުމަށް ބޭނުންވަނީ ހަމައެކަނި ނިދާލާނެ ޖާގައެއް ނޫންކަން މިއަދު ހުރިހާއެންމެންނަށްވެސް ޔަޤީންކުރެވޭނެއެވެ. ނިއު ނޯމަލް ނުވަތަ އައު އާއްމު ދިރިއުޅުމަކަށް ބަދަލުވުމަށް ބިނާވެށީގެ މުސްތަޤުބަލްގެ ޕްލޭންތަކަށްވެސް ބަދަލު ގެންނަން އެބަޖެހެއެވެ.