ފުރަބަންދުގެ އުސޫލާއި ޚިލާފުވެގެން މިއަދު އެކަނިވެސް 122 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފިއެވެ. އަދި މިއަދު އެކަނިވެސް 9 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ފުރަބަންދުގެ އުސޫލުތަކާއި ޚިލާފުވާ މީހުންނާއިމެދު އަޅާ ފިޔަވަޅުތައް މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން އެއްވެސް ބޭނުމަކާއި ނުލައި މަގުމަތީގައިއުޅޭ މީހުން އެއްވެސް އިންޒާރަކާއި ނުލައި ޖޫރިމަނާ ކުރުމާއި، އަދި ހައްޔަރުކުރުންފަދަ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ.
މިހާރު މާލެ ފުރަބަންދުކޮށްފައިވުމާއެކު ބޭރަށް ނިކުމެވޭނީ ފުލުހުންގެ ޚާއްސަ ހުއްދައަކާއެކު ނުވަތަ ނެޝަނަލް އެމަޖެންސީ އޮޕްރޭޝަން ސެންޓަރުން ދޫކުރާ ފާސް އޮވެގެންނެވެ.
ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވީ މިހާތަނަށް ޑެލިވަރީއަށް މަގުމައްޗަށް ނުކުމެ އުޅުމުގެ ހުއްދަ 4480 މީހުންނަށް ދީފައިވާކަމަށެވެ. އަދި މިއަދު އެކަނިވެސް 136 މީހަކަށް ހުއްދަދީފައިވާކަމަށް ނަވީން ވިދާޅުވިއެވެ. މިގޮތަށް ހުއްދަ ދިނުމުގައި މިހާރު އެ މީހަކު ބަލިޖެހިފައިވާ މީހަކާ ކޮންޓެކްޓް ވެފައިވޭތޯ ބަލާކަމަށްވެސް ނަވީން ވިދާޅުވިއެވެ.
ފުރަބަންދުގެ އުސޫލާ ޚިލާފުވެގެން މިމަހުގެ 22ވަނަ ދުވަހުވަނީ 95 މީހުން ޖޫރިމަނާކޮށް، 15 މީހުން ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައެވެ. މިއީ އެއް ދުވަހެއްގައި އެންމެ ގިނަ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދުވަހެވެ.
މިމަހުގެ 21 ވަނަ ދުވަހު ޖޫރިމަނާކޮށްފައިވަނީ 50 މީހުންނެވެ. އަދި އެ ދުވަހު 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ. 20 އޭޕްރިލްގައި 76 މީހުންވަނީ ޖޫރިމަނާކޮށްފައެވެ. އަދި ލޮކްޑައުންއާއި ޚިލާފުވެގެން އެދުވަހު 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
މިމަހުގެ 19ވަނަ ދުވަހަކީ ފުލުހުން ފުރަބަންދުގައި މަގުމަތި ބެލެހެއްޓުމުގެ މަސައްކަތް ހަރުދަނާކޮށް، ބޮޑެތި ފިޔަވަޅުތައް އަޅަންފެށި ފުރަތަމަ ދުވަހެވެ. އެދުވަހުވަނީ 95 މީހުން ޖޫރިމަނާކޮށްފައެވެ. ނަމަވެސް އެދުވަހު އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެެއް ނުވެއެވެ.
ޖުމަލަކޮށް ބަލާނަމަ ޤަވާއިދާއި ޚިލާފަށް މަގުމަތީ އުޅެގެން 547 މީހުން މިހާތަނަށްވަނީ ޖޫރިމަނާކޮށްފައެވެ. އަދި 38 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. ޤަވާއިދާ ޚިލާފުވެ މަގުމައްޗަށް ނިކުންނަމީހުން 1000 ރުފިޔާއަށްވުރެ މަދު ނޫން އަދަދަކުން ދަނީ ޖޫރިމަނާކުރަމުންނެވެ.