ސައުތު ކޮރެއާގެ ސެމްސަންގް ކުންފުނީގެ ފުރަތަމަ ކުއަރޓަރުގެ ހިންގުމުގެ ފައިދާ 3.5 އިންސައްތަ މައްޗަށް ގޮސްފިއެވެ.
މިއަހަރުގެ ޖެނުއަރީން މާރޗުމަހަށް ސެމްސަންގް ކުންފުންޏަށް ހިންގުމުގެ ފައިދާ ނުވަތަ އޮޕަރޭޓިން ޕްރޮފިޓްގެ ގޮތުގައި ވަނީ 5.3 ބިލިއަން ޑޮލަރު ލިބިފައެވެ. މިއީ ސެމްސަންގް ކުންފުންޏަށް މިއަހަރުގެ ފުރަތަމަ ކުއަޓަރުގައި ލިބޭނެކަމަށް އެނަލިސްޓުން ކުރިންވެސް އަންދާޒާ ކުރި އަދަދެވެ.
މިމުއްދަތުގައި ސެމްސަންގ ކުންފުންޏަށް ލިބުނު އާމްދަނީ 5.6 އިންސަތައަށް މަތިވެ، 45.4 ބިލިއަން ޑޮލަރަށް ވަނީ އަރާފައެވެ. އަނެއްކޮޅުން މިމުއްދަތުގެ ތެރޭގައި ކުންފުނީގެ ސާފު ފައިދާ ވަނީ 3.2 އިންސައްތަ ދަށަށް ގޮސްފައެވެ. ސާފު ފައިދާގެ ގޮތުގައި ކުންފުންޏަށް ފުރަތަމަ ކުއަޓަރުގައި ލިބުނީ 4 ބިލިއަން ޑޮަލަރެވެ.
ނަމަވެސް ފުރަތަމަ ކުއަޓަރުގައި މިލިބުން އާމްދަނީ އަދި ހިންގުމުގެ ފައިދާ އިތުރުވިޔަސް، ކުރިޔަށް މިއޮތް މަސްތަކުގައި ކުންފުނީގެ ފައިދާ ކޯވިޑް-19 ގެ ސަބަބުން މިހާރަށްވުރެވެސް ދަށްވާނެކަމަށް އެކުންފުނިން އަންދާޒާ ކުރެއެވެ.
ސެމްސަންގް އަކީ ދުނިޔޭގައި ސްމާޓްފޯން އުފައްދާ އެންމެ ބޮޑު ކުންފުންޔަށް ކަމަށްވާއިރު، އެޕަލް އަދި ވާވޭ ފަދަ ކުންފުނިތަކުގެ ފޯންތަކުގެ ޑިސްޕްލޭ އާއި، މެމޮރީ ޗިޕް އުފައްދަނީވެސް އެކުންފުނިން ނެެވެ.
ސެމްސަންގް ކުންފުނީގެ ނައިބް ރައީސް ޖޮންމިން ލީ ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން ދުނިޔޭގެ އިޤްތިސާދަށް އައިސްފައިވާ ބަދަލުތަކާހުރެ، ސްމާޓް ފޯން އޮތް ޑިމާންޑު ދަށްވެ، ފިހާރަތައް ބަންދުކުރަންޖެހި، މިވިޔަފާރިއަށް ބޮޑު ގެއްލުންތަކެއް ވާނެކަމަށް ލަފާކުރެވޭކަމަށެވެ. މީގެއިތުރުން އެކުންފުނިން 5ޖީ ތައާރަފްކުރަން ކުރާ މަސައްކަތްވެސް މިހާރުގެ ހާލަތާއި ގުޅިގެން މަޑުޖެހެހިފައިވާކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.
ނަމަވެސް ކޯވިޑް-19 އާއި ގުޅިގެން ގިނަ މުޖުތަމައުތަށް ފުރަބަންދުގައި ތިބެން ފެށުމާއި އެކު ޑިޖިޓަލް ޓެކްނޮލޮޖީއަށް އާމުން ބަރޯސާވާ މިންވަރު އިތުރުވެ، މިފަދަ ވިޔަފާރިތަކަށް ފައިދާ ވާނެކަމަށް ސެމްސަންގް ކުންފުނިން ލަފާކުރެއެވެ. އަދި ގެއިން މަސައްކަތް ކުރާ މީހުން އިތިރުވުމުން ކޮންޕިއުޓަރާއި އަދި އިންޓަރނެޓް ކްލައުޑް ސާރވިސްއަސް އޮންނަ ޑިމާންޑު މަތިވާނެކަމަށެވެ. މީގެއިތުރުން މުސްތަޤުބަލުގައި ސާވާތަކާއި ޑާޓާ ސެންޓަރުތަކަށް ބޭނުންވަ މެމޮރީ ޗިޕްތަކަށް އޮތް ޑިމާންޑުވެސް މަތިވެ މިވިޔަފާރިވެސް ކުރިއަރާނެކަމަށް ސެމްސަންގ ކުންފުނިން ލަފާކުރެއެވެ.