ރިޕޯޓް

ކޯވިޑް-19 : އިޤްތިސާދު މަޑުޖެހޭއިރުވެސް އެމެރިކާގެ މަހުޖަނުން ދަނީ އިތުރަށް މުއްސަނދިވަމުން


ފަޤީރުންނާއި މުއްސަދިންގެ މެދުގައި އޮންނަ ފަރަޤުގެ މައްސަލައަކީ އެމެރިކާގައި ދުވަސްވީ މައްސަލައެކެވެ. ނަމަވެސް ކޯވިޑް-19އާ ގުޅިގެން އަނެއްކާވެސް މިވަނީ މިމައްސަލަ އިތުރަށް ގޯސްވާން ފަށާފައެވެ.

ކޮލަންބިއާ ޔުނިވާރސިޓީގެ ދިރާސާއެއް ދައްކާގޮތުން ކޯވިޑް-19 ފެތުރެން ފެށުނުފަހުން ތިން ހަފްތާތެރޭގައި އެމެރިކާގެ މަހުޖަނުންގެ މާލިއްޔަތު ވަނީ 10 އިންސައްތަ އިތުރުވެފައެވެ. އަދި އެމެރިކާއަށް ޒަމާނުއްސުރެ ކުރިމަތިވެފައިމިވާ ފަޤީރުންނާއި މުއްސަދިންގެ ފަރަޤު ނައްތާލުމަށް އަވަސް ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ މިބަލިމަޑުކަމުގެ ތެރެއިން އަރައިގަނެވޭއިރު މިފަރަޤު އެތައް ގުނައެއް ބޮޑުވާނެކަމަށް ދިރާސާއިން ދައްކައެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނީ 2008 ވަނަ އަހަަރުގެ އިކޮނޮމިކް ރިސެޝަންގައިވެސް މިމައްސަލަ އިތުރަށް ގޯސްވެގެން ދިޔަކަމަށެވެ. މިގޮތުން އެމެރިކާގެ ގޭބީސީތަކުގެ ތެރެއިން 2008 ވަނަ އަހަރުގެ އިޤްތިސާދީ މައްސަލަތަކުގެ ސަބަބުން ލިބުނު ގެއްލުމުން އެކުގައި އަރައިގަނެވިފައިވަނީ ގޭބީސީތަކުގެ އެންމެ 20 އިންސައްތައަށެވެ. އަދި އެމެރިކާގެ ގިނަ ރައްޔިތުން މިފަހަރުގެ ކޯވިޑް-19ގެ އިޤްތިސާދީ މައްސަލަތަކާއި ކުރިމަތިލީ ކުރިން 2008 ވަނަ އަހަރުގެ އިޤްތިސާދީ މައްސަލަތަކުން އަރައިނުގަނެވި އުޅެނިކޮށެވެ

މިއާ ހިލާފަށް އެމެރިކާގެ އެންމެ މުއްސަދި 400 ބިލިއަނަރުން ވަނީ 2008 ވަނަ އަހަރު ލިބުނު އިޤްތިސާދީ ގެއްލުންތަކުން 3 އަހަރު ތެރޭގައި އަރަގަނެފައެވެ. އަދި 10 އަހަރު ދުވަހުގެ ތެރޭގައި އެމީހުންގެ މަލިއްޔަތު ވަނީ 80 އިންސައްތަ އިތުރުވެފައެވެ. އަދި ކޯވިޑް-19 ފެތުރެން ފެށިތާ މަދުދުވަސްކޮޅެއްގެ ތެރޭގައި އަލުން މިކަން މިހެން ވާތަން އެބަ ފެންނަ ކަމަށް ކޮލަންބިޔާ ޔުނިވާރސިޓީގެ ރިސާރޗް ހަދާ ފަރާތްތަކުން ބުނެއެވެ.

ދިރާސާ ކުރާ ފަރާތްތަކުގެ ހޯދުންތަކުން ދައްކާގޮތުގައި ކޯވިޑް ފެށުނުފަހުން މިހާރުވެސް އެމެރިކާގެ ބިލިއަނަރުންގެ ޖުމްލަ މާލިއްޔަތު މިވަނީ މީގެ އެއް އަހަރާ އަޅާކިޔާއިރު އެތައް ގުނައެއް އިތުރުވެފައެވެ. ހާއްސަކޮށް މީގެ ތެރެއިން އަށް ބިލިއަނަރުންގެ މާލިއްޔަތަށް 1 ބިލިއަން ޑޮލަރު މިވަނީ އިތުރުވެފައެވެ. މީގެތެރޭގައި ވީޑިއޯ ކޮންފަރެންސިން ޕްލެޓްފޯމް ޒޫމްގެ ސީއީއޯ އެރިކް ޔުއާން އަދި މައިކްރޯސޮފްޓްގެ ކުރީގެ ސީއީއޯ އަދި ސްކައިޕް ގެ ވެރިޔާ ސްޓީވް ބާލްމާ ހިމެނެއެވެ.

މީގެތެރެއިންވެސް އެންމެ ބޮޑު ފައިދާ އެއް ލިބެމުން މިދަނީ ދުނިޔޭގެ އެންމެ ބޮޑު އެއް މަހުޖަނު ކަމުގައިވާ، އެމޭޒަންގެ ޖެފް ބެެޒޯސް އަށެވެ. ކޯވިޑް-19 އާއި ގުޅިގެން އޮންލައިން ވިޔަފާރިކުރުމާއި އެހެން ހިދުމަތްތައް ހޯދުމަށް ބަރޯސާވެފައިވާ މިދަނޑިވަޅުގައި ބެޒޯސްގެ ކުންފުންޏަށް ޖެނުއަރީ މަހުން ފެށިގެން މިވަނީ 25 ބިލިއަން ޑޮލަރު އިތުރުވެފައެވެ. ކުރުކޮށްބުނާނަމަ އެމެރިކާގެ އާބާދީގެ ބޮޑުބައެއް މިހާރު ކުރިމަތިލަމުން މިދާ އިޤްތިސާދީ މައްސަލަތަކުގެ ސަބަބުން ފަޤީރުންނާއި މުއްސަދިންގެ މެދުގައިވާ ފަރަޤު އިތުރުވެ، މީގެ 10 އަހަރު ކުރިން ހާލަތު އޮތް ގޮތަށްވުރެވެސް މައްސަލަ ގޯސް ވާނެކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެވެ.

އަނެއްކޮޅުން ބިލިއަނަރުންގެ މުއްސަނދިކަން އިތުރުވުމުން އެމީހުން ސިޔާސީ ކަންކަމަށް ކުރާ ނުފޫޒުވެސް އިތުރުވެއެވެ. މީގެކުރީގެ ހާލަތްތަކުގައިވެސް އެމެރިކާގެ މުއްސަދިން ވަނީ އެމީހުންގެ މުއްސަނދިކަމުގެ ނާޒާއިޒް ފައިދާ ނަގާ، ޓެކްސް ދެއްކުމުގައި ގިނަ މަކަރުތަކެއް ހަދަމުންދާކަމަށް ދިރާސާ ކުރާ ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެކިއެކި ހޯދުންތައް ދައްކާގޮތުން 1980 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ހަމައަށް އައިއިރު، އެމެރިކާގެ މަހުޖަނުން މުދަލުން ދައްކާ ޓެކުހުގެ އަދަދުވަނީ 79 އިންސައްތަ ދަށްކޮށްފައެވެ.

މިފަހަރުވެސް އެރިކާގެ ކޮންގްރެސްއިން ފާސްކުރި ސްޓިމިއުލަސް ޕެކޭޖުގެ ތެރެއިން އާންމު ގޭބީސީއަށް އެހީތެރިވުމަށް ދެވިފައިވަނީ 1200 ޑޮލަރެވެ. ނަމަވެސް 1 މިލިއަން ޑޮލަރު ގެ އާމްދަނީ ލިބޭ ފަރާތްތަކަށް ވަނީ ޓެކްސް ދެއްކުމުގައި 1.6 މިލިއަން ޑޮލަރުގެ ލުއި ދީފައެވެ. މިކަން ހައްލުކުރުމަށް އަަވަސް ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ އެމެރިކާގައި ފަޤީރުންނާއި މުއްސަދިންގެ މެދުގައިވާ ފަރަޤު އިތުރަށް ބޮޑުވެ، އިޤްތިސާދަށް ބޮޑު ގެއްލުމެއް ލިބޭނެކަމަށް މާހިރުން ބުނެއެވެ.