ކޯވިޑް-19ގެ ހާލަތާ ގުޅިގެން ކުރަމުންދާ ބައެއް ކަންތައްތަކާ ގުޅޭ 3 މައްސަލައެއް ބަލަން ފަށައިފިއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއިން ވަނީ އެ ކޮމިޝަނަށް މިހާލަތާއި ގުޅިގެން އާންމުންގެ ފަރާތުންވެސް 2 ޝަކުވާއެއް ހުށަހަޅާފައިވާކަމަށް ވިދާޅުވެފައެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ މަސައްކަތްތަކާގުޅޭ މަޢުލޫމާތު ހިއްސާކުރައްވަމުން އެ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ޚިދުމަތްތައް ދިނުމުގައި ޚިޔާނާތުގެ މައްސަލަތަކެއް ހުރިކަމަށްބުނެ ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި ވާހަކަތައް ދެކެވެމުންދާކަމަށެެވެ. އަދި މި ފަދަ މައްސަލަތައް ދުރާލައި ބެލުމަށް އޭސީސީއިން ތައްޔާރުވެ އެ ކޮމިޝަނުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއިއެކު މަޝްވަރާކޮށް ނިންމުން ނިންމާ މަރުޙާލާތަކާއި، ޕްރޮކިއުމަންޓް ދާގޮތް ބަލާފައިވާކަމަށެވެ.
ޝިއުނާ ވިދާޅުވީ މި ހާލަތުގައި އާންމުންގެ ތެރޭގައި މިކަމުގައި ހުރި ޝަކުވާތަކަކީ ކޮބާތޯ ބެލުމަށް 13 އޭޕްރީލްގައި އާންމު ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވާކަމަށެވެ. އެގޮތުން މިހާތަނަށް އައިރު 2 ޝަކުވާއެއް މިގޮތައް ލިބިފައިވާއިރު، މިހާރުގެ ޙާލަތައް ބަލައި އޭސީސީގެ އިސްނެގުމުގެ މަތިން ކޯވިޑް-19ގެ މިހާލަތުގައި ސަރުކާރާއި މުއައްސަސާތަކުގެ ޚިދުމަތް ދިނުމުގައި ޚިޔާނާތުގެ ތުހުމަތު ކުރެވޭ 3 މައްސަލައެއް ބަލަން ފަށާފައިވާކަމަށް ޝިއުނާ ވިދާޅުވިއެވެ.
މި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، ކޯވިޑް-19އަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރުތައް ރާއްޖެއަށް ގެނައުމަށް ހަވާލު ކުރުމުގައި ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ މައްސަލައާއި، ބޭރު ޤައުމުތަކުގައި ތިބި ދިވެހިން ގެނައުމުގައި އިސްކަން ދޭނެ ފަރާތްތައް ކަނޑަޅާ އިރު ދައުލަތުގެ އިސް ބޭފުޅުންގެ ނުފޫޒުން އެ ބޭފުޅުންގެ އާއިލާގެ ބޭފުޅުން ގެނެސްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެވެ. މީގެ އިތުރުން ރާއްޖޭގައި މިހާރު އޮތް ކޯވިޑްގެ ހާލަތުގައި ވަކި ފަރާތަކަށް ނުވަތަ ފަރާތްތަކަކަށް ނާޖާއިޒު ފައިދާތަކެއް ލިބޭ ގޮތަށް ތަކެތި ގަތުމާއި ޚިދުމަތް ހޯދުމުގައި މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.
"އަޅުގަނޑުމެން މައްސަލަތައް ބެލުމުގައި ސުނާމީގެ ކަންކަންކަމާއި، މިނިވަން 50ގައި ކޮމިޝަނުން ކުރި މަސައްކަތްތަކަށްވުރެ ހަރުދަނާކުރުމަށް ވަނީ ނިންމާފައި. އެގޮތުން ދުރާލާ އަޅުގަނޑުމެން ތައްޔާރުވެ 3 މައްސަލައެއް މިވަނީ ބަލަން ފަށާފައި." އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވިއެވެ.
އޭސީސީގެ ރައީސް ވަނީ މި މައްސަލަތައް ތަހްޤީޤު ކުރުމުގައި ކޯވިޑްގެ ޙާލަތާއި ގުޅިގެން ގޮންްޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާކަން ހާމަކުރައްވާފައެވެ. އަދި މި ތިން މައްސަލައާ ގުޅުން ހުރި ލިޔެކިޔުންތައް ހޯދުމަށް ފިނޭންސް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ އަދި އައިލެންޑް އޭވިއޭޝަންގައި އެދިފައި ވާނެ ކަމަށްވެސް ޝިއުނާ ވިދާޅުވިއެވެ.