ޚަބަރު

އަންގާފައިވާ ގަޑީގައި ނޫނީ މަގުމައްޗަށް ކުނި ނުނެރުމަށް ވެމްކޯއިން އިލްތިމާސްކޮށްފި


ކުނި ގެއިން ބޭރަށް ނެރުމަށް ކަނޑައަޅާފައިވާ ގަޑިތަކާ ޚިލާފަށް އެނޫން ގަޑިތަކުގައި ކުނި ބޭރުކުރަމުންދާކަމަށާއި އެކަން އެގޮތަށް ނުކުރުމަށް ވެމްކޯއިން އިލްތިމާސްކޮށްފިއެވެ. ލޮކްޑައުންއާއި ގުޅިގެން ވެމްކޯއިންވަނީ ކުނި ނަގަމުން އައި ގަޑިތަކަށް ބަދަލުގެނެސްފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯގެ ޖެނެރަލް މެނޭޖަރ އޮޕަރޭޝަންސް އަޙުމަދު ޝާފިއު ވިދާޅުވީ ލޮކްޑައުންއާއި ދިމާކޮށް ކުނި ނެގުމަށް ބަދަލުތަކެއް ގެނެސްފައިވަނީ މިޙާލަތުގައި ހުރިހާ ފަރާތަކަށްވެސް ފަސޭހަވާނެ ގޮތްތަކެއްގެ މަތިންކަމަށެވެ. ލޮކްޑައުންއާއި ރޯދަމަހާ ދިމާވުމުން އެހެން އަހަރުތަކެކޭވެސް އެއްފަދައިން މާލެތެރޭގައި ކުނި ގިނަވިޔަ ނުދިނުމަށް ވެމްކޯގެ މުވައްޒަފުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން އެކޯޕަރޭޝަނުން ފާހަގަކުރެއެވެ. ޝާފިއު ވިދާޅުވީ މިހާރު އޮތް އުސޫލުގެ ދަށުން ކޮންމެ ދުވަހެއްގެ މެންދުރު 12 އާއި 2 ކާ ދެމެދު ކުނި ބޭރަށް ނެރެދިނުމަށް ވެމްކޯއިން އެދޭކަމަށެވެ.

ކުނިނެގުމުގެ މަސައްކަތް ވެމްކޯގެ މުވައްޒަފުން 2 ކުންފެށިގެން ހަވީރު 5 ޖެހުމާހަމައަށް ކުރިއަށް ގެންދާކަމަށާއި ކުނި ގަޑިއަށް ނެރޭނަމަ ކުނި ނުނަގާ ނުދާނެ ކަމަށް ޝާފިއު ވިދާޅުވިއެވެ. އަދި ގަޑިއަށް ކުނި ނުނެރުމުގެ ސަބަބުން މައްސަލަތައް ދިމާވާކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން މިދަނޑިވަޅުގައި މުޅި ދުނިޔޭގައި ބޮޑު ބަލިމަޑުކަމެއް ފެތުރެމުންދާއިރު އިތުރު ސިއްޙީ މައްސަލަތަކެއް މެދުވެރިވެދާނެ ހުރިހާކަމަކުން އެންމެންވެސް ދުރުވުމަކީ މުހިއްމުކަމެއްކަމަށް ޝާފިއު ވިދާޅުވިއެވެ.

"ރޭގަނޑުވެސް އެބަހުރޭ މަގުތަކަށް ކުނި ނެރެފަ. އަޅުގަނޑުމެންގެ އީއާރް ޓީމު ހެނދުނު ދާއިރު ހުންނާނެ ވަރަށް ގިނަ ގޭބިސީތަކުން ކުނި މަގަށް ނެރެފަ. ރައްޔިތުން ކައިރީ އަޅުގަނޑުމެން އެދެނީ އެހެންނަހައްދަވާށޭ. ކުނި ނެރެން އަޅުގަނޑުމެން އަންގާފަ މިއޮތް ގަޑިތަކުގަ ކުނި ނެރެދެއްވާށޭ." ޝާފިޢު ވިދާޅުވިއެވެ.

ޢާއްމު ގޭބިސީތަކުން ކުނި ގަޑިއަށް ނުނެރޭ ކަމުގެ ޝަކުވާ ބޮޑުވެފައިވާއިރު ވިޔަފާރިތަކުންވެސް މިކަމަށް ސަމާލުކަން ދިނުމަށް ވެމްކޯއިން އިލްތިމާސްކުރެއެވެ. ވިޔަފާރިތަކުން ކުނި ނެރުމަށް ވެމްކޯއިން އަންގާފައިވަނީ ހެނދުނު 9 އަކުން މެންދުރު 12 ޖެހުމާ ހަމައަށެވެ. އެހެންނަމަވެސް މިހާރު ޚިދުމަތް ދިނުމުގައި ހުޅުވާ ރެސްޓޯރެންޓުތަކާއި ފިހާރަތަކުންވެސް ކުނި ނެރެން އޮންނަ ގަޑިތަކަށް ކުނިނުނެރޭކަން ވެމްކޯއިން ފާހަގަކުރެއެވެ.

މިއީ މުޅި މުޖުތަމަޢުގެ ސަލާމަތާ ރައްކާތެރިކަމާ ގުޅުންހުރި ކަމަކަށްވާތީ މިކަންކަމުގައި ޢާއްމުންގެ ފަރާތުން އެއްބާރުލުން ދެއްވުމަށް ވެމްކޯއިން ގެންދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ. ކޯވިޑް 19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ވެމްކޯއިންވަނީ ގޭގެއަށް އެކޯޕަރޭޝަންގެ މުވައްޒަފުން ވަދެ ކުނިނެގުމުގެ ބަދަލުގައި ކޮންމެ ގޭބިސީއެއްގައި އުފެދޭ ކުނި ވަކި ގަޑިތަކެއްގައި ގެއިން ބޭރުގައި ބެހެއްޓުމަށް އެދިފައެވެ.