ޚަބަރު

ބަޔޯޑިގްރޭޑަބަލް ކޮތަޅު ރާއްޖޭގައި އުފައްދާތާ އެތައް އަހަރެއް ވެއްޖެކަން އެނގޭތަ؟


ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ ދަތިތަކުގެ ތެރޭގައި މިއަދު އެންމެ ބޮޑަށް ދެކެވޭ އެއްވާހަކަ އަކީ ރާއްޖެއަށް ބޭނުންވާ މިންވަރަށް ކޮތަޅު ލިބުމުގެ ދަތިތަކެއް ދިމާވެދާނެ ވާހަކައެވެ. އަދި އެކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން އަންނަނީ މަސައްކަތްތައްވެސް ކުރަމުންނެވެ. އެކަމަކު އެކަމުގައި ބައެއް ފަރާތްތަކުން ހަނދާންނެތް ކަމެއް އެބައޮތެވެ. އެއީ މެޓީރިއަލް (ގްރެއިން ޕްލާސްޓިކް) އެތެރެކޮށް ރާއްޖޭގައި ބަޔޯޑިގްރޭޑަބަލް ކޮތަޅު އުފައްދާތާ އެތައް އަހަރެއް ވެއްޖެކަމެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބުދަ ދުވަހު ބޭއްވި ނޫސްކޮންފަރެންސުގައި ޑެޕިއުޓީ ކަމިޝަނަރު އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ވަރަށް ޕްލާސްޓިކް ކޮތަޅު، ނުލިބުމުގެ ދަތިކަން ކުރިމަތިވެދާނެ ކަމަށެވެ. އަދި އެކަމަށް ހައްލެއް ހޯއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ޑެޕިއުޓީ ކަމިޝަނަރު އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފްވެސް ބޮޑަށް ފާހަގަކުރެއްވީ، ކުނިއުކާލުމުގައި ގޭބިސީތަކަށް ބޭނުންވާ ކޮތަޅުގެ ދަތިކަމުގެ ވާހަކައެވެ. މިގޮތުން ވެމްކޯއިން އެދިވަޑައިގަންނަވާ ގޮތަށް ކުނިކޮތަޅުތައް ޑަބަލްކުރަން ބޭނުންވާ ވަރަށް ކޮތަޅު ނުލިބިދާނެ ކަމަށް އޭނާ އިޝާރަކުރެއްވިއެވެ.

ރާއްޖޭގައި ބަޔޯޑިގްރޭޑަބަލް ޕްލާސްޓީކް ކޮތަޅު އުފެއްދުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރަމުން އަންނަނީ ދިވެހިކުންފުންޏެއް ކަމުގައިވާ ލިސާ މޯލްޑިވުސް އިންނެވެ. އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ އިބްރާހިމް ޝަހީމް ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ މިންވަރަށް ހުރިހާ ބާވަތެއްގެ އަދި ހުރިހާ ސައިޒެއްގެ ކޮތަޅުވެސް އެކުން ފުނިން އުފައްދައި ފޯރުކޮށްފެމުން ގެންދާ ކަމަށެވެ.

"2006 ވަނަ އަހަރުން ފެށިގެން ކޮތަޅު އުފެއްދުމުގެ މަސައްކަތް އަޅުގަނޑުމެން މިއަންނަނީ ކުރަމުން. ހުރިހާ ބާވަތެއްގެ ހުރިހާ ސައިޒެއްގެ ކޮތަޅު އުފައްދައި، ރިސޯޓުތަކާއި، ހޯލްސޭލް ވިޔަފާރިތަކަށްވެސް މިއަންނަނީ ފޯރުކޮށް ދެމުން." ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އެކުންފުނިން، ކޮންސްޓްރަކްޝަނަށް ބޭނުންވާ ޕޮލިތީން ޝީޓުން ފެށިގެން އެންމެ ކުދި ކިއްލި ކޮތަޅާއި ހަމައަށް ހުރިހާ ސައިޒެއްގެ ކޮތަޅު އުފައްދާ ކަމަށެވެ. އެހެންކަމުން މުޅި ރާއްޖެއަށް ބޭނުންވާ މިންވަރަށް ހުރިހާ ބާވަތެއްގެ ހުރިހާ ސައިޒެއްގެ ކޮތަޅު އެކުންފުންޏަށް އުފެއްދޭނެ ކަމަށެވެ.

ރާއްޖޭގައި ގޭބިސީތަކަށް މިދުވަސްވަރު ކޮތަޅު ލިބުން ދަތިވެގެން އުޅެނީ، ހާލަތަށް އައި ބަދަލާއި އެކު ވިޔަފާރި ކުރުމުގެ އާދަތަކަށް އައި ބަދަލާއި ގުޅިގެން ކަމުގައި ޝަހީމް ވިދާޅުވިއެވެ.

"އެނގިވަޑައިންނަވާނެ ކުރިން ޑަސްބިންގައިވެސް މިބޭނުން ކުރަނީ ވިޔަފާރިކުރަންގޮސްފައި ގެންނަ ކޮތަޅު. މިހާރު ކޮންމެ ދުވަހަކު ފިހާރައަށް ގޮސް ވިޔަފާރި ކުރުމުގެ އާދަ ބަދަލުވީމަ ގޭބިސީތަކުގައި ބޭނުން ކުރާނެ ކޮތަޅު ލިބުން ދަތިވެގެން މިދަނީ." ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ، އެކުންފުނިން އުފައްދާ ކޮތަޅުގެ ބޮޑުބައެއް ހޯލްސޭލްކުރާ ފަރާތްތައް މެދުވެރިކޮށް ވިއްކާތީވެ ގިނަ ބަޔަކަށް ލިސާގެ ނަން ނޭނގޭނެ ކަމަށެވެ. އަދި ލަގުޒަރީ ޝޮޕިންގ އާއި ހުޅުމާލޭގެ ބޮޑެތި ފިހާރަތަކުންވެސް އެކުންފުނިން އުފައްދާ ކޮތަޅު ގިނައަދަކަށް ވިއްކަމުން ދާކަމަށެވެ. ކާބޯތަކެތި ބަންދު ކުރާ ރޯލު ކޮތަޅާއި، ކަޅު ޑަސްބިން ކޮތަޅާއި ހުރިހާ ސައިޒެއްގެ ބާޒާރުކޮތަޅާއި، ސީލްކޮތަޅު ލިސާ މޯލްޑިވުސްއިން އުފައްދައެވެ.

ލިސާ މޯލްޑިވުސްގެ ފެކްޓްރީ ހުޅުމާލޭގައި ހުންނައިރު މީގެ 3 އަހަރުކުރިން ފެށިގެން އެޗްޑީސީއަށް ބޭނުންވާ ހުރިހާކޮތަޅެއްވެސް އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ހިލޭ އަންނަނީ ފޯރުކޮށް ދެމުންނެވެ.

އަދި އައިޖީއެމްއެޗާއި އޭޑީކޭ އާއި ޓްރީޓޮޕް ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ ހުރިހާ ކޮތަޅަކީވެސް، ލިސާގެ ރާއްޖޭގެ ފެކްޓްރީގައި އުފައްދައި ފޯރުކޮށްދޭ ކޮތަޅެވެ.

ލިސާ މޯލްޑިވުސްއިން ރާއްޖޭގައި ބަޔޯޑީގްރޭޑަބަލް ކޮތަޅު އުފައްދާއިރު އެކުންފުންޏަކީ ކެނެޑާގެ އީޕީއައި ލައިސަންސް ލިބިފައިވާ އަދި ރާއްޖޭގެ އީޕީއޭއިން ކަނޑައަޅާފައިވާ ސްޓޭންޑަޑަށް އެމަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ. .

ބަޔޯޑިގްރޭޑަބަލް ޕްލާސްޓިކް ކޮތަޅު އުފެއްދުމުގެ އިތުރުން ރިސައިކަލް ކުރުމުގެ ހުރިހާކަމެއްވެސް އެކުންފުނިން ކުރެއެވެ. މިގޮތުން އެކުންފުނީގެ ފެކްޓަރީތަކުގައި ބޭނުންކުރާ ހުރިހާ ޕްލާސްޓިކަކީވެސް 100 ރިސައިކަލްކުރެވޭ ތަކެއްޗެވެ.

ޝަހީމް ވިދާޅުވީ، ކޮވިޑާއި ގުޅިގެން ރާއްޖޭގެ އިޤުތިޞާދަށް ބޮޑު ލޮޅުމެއް އައި ނަމަވެސް އެކުންފުނީގެ އެއްވެސް މުވައްޒަފެއްގެ މުސާރަ އާއި އިނާޔަތްތަކަށް އެއްވެސް ބަދަލެއްވެސް ގެނެސްފައި ނުވާކަމަށެވެ. އަދި ކުރިއެކޭވެސް އެއްގޮތަށް ކުންފުނީގެ ޕްރޮޑަކްޝަން ކުރިއަށް ދާއިރު، މިވަގުތަށ ްކުރިމަތިވެފައިވާ ދަތިކަމަކީ، ހޯލްސޭލަރުންނަށް ބޭނުންވާ މުދާ އެފަރާތްތަކާއި ހަމައަށް ފޯރުވައި ދިނުންކަމަށެވެ.

ރާއްޖެއަށް ބޭނުންވާ މުދާ ރާއްޖޭގައި އުފެއްދުމަކީ ސަރުކާރުން ވަރަށް ބޮޑުއަހައްމިއްޔަތު ކަމެއް ކަމުގައި ސަރުކާރުން ހާމަކުރައްވާފައި ވެއެވެ.