ވިޔަފާރި

އިންޑިއާގެ ވިޔަފާރިތަކުން ނަގާ ލޯނުތަކަށް އެޤައުމުގެ ސަރުކާރުން ގެރެންޓީ ދެނީ


ކޯވިޑް-19ގެ ސަބަބުން އިޤްތިސާދީ ގޮންޖެހުންތަކާ ކުރިމަތިލަމުންދާ ވިޔަފާރިތަކާއި، ކުންފުނިތަކަށް އިންޑިއާގެ ސަރުކާރުން 60 ބިލިއަން ޑޮލަރުގެ ލޯން ގެރަންޓީއެއް ދޭން ނިންމައިފިއެވެ.

ލޯން ގެރެންޓީއަކީ ބޭންކެއް މެދުވެރިކޮށް ލޯނު ނަގާ ފަރާތަކަށް ލޯނު ނުދެއްކިއްޖެނަމަ، އެލޯނު އަނބުރާ ދައްކައިދޭނުމަށް ތިންވަނަ ފަރާތަކުން ދޭ ގެރެންޓީއެކެވެ.

މިއީ ކޯވިޑް-19 ގެ ސަބަބުން ޤައުމު ފުރަބަންދަށް ގެންދިއުމުން އިޤްތިސާދު ހުއްޓުމާއި ގުޅިގެން ދަތިތަކާއި ކުރިމަތިލަމުންދާ ކުދި ވިޔަފާރިތަކާއި، ކުންފުނިިތަކަށް އެހީވުމަށް އިންޑިއާގެ ބޮޑުވަޒީރު އަންގާރަ ދުވަހު އިއުލާންކުރެއްވި 20 ޓްރިލިއަން ރުޕީސްގެ ރިލީފް ޕެކޭޖުތަކުގެ ތެރެއިން ދެވޭ ލޯން ގެރެންޓީތަކެކެވެ.

އިންޑިއާގެ ފިނޭންސް މިނިސްޓަރ ނިރްމަލާ ސިތަރަމަން ވިދާޅުވީ އަމާޒަކީ އޮކްޓޫބަރުމަހާއި ހަމަޔަށް 4.5 މިލިއަން ވިޔަފާރިއަކަށް ރަހުނު ނުލާ ބޭންކުތައް މެދުވެރިކޮށް ލޯން ހޯދުމަށް މަގުފަހި ކޮށްދިނުމުގެ ލޯން ގެރެންޓީ ފޯރުކޮށްދިނުން ކަމަށެވެ. އޭނާ ވިދަޅުވީ މިދަނޑިވަޅުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަކީ ސަރުކާރުގެ ޒިންމާއެއްކަމަށެވެ. އަދި މިފަދަ ޕެކޭޖްތަކަށް ފައިސާ ހޯދުމަށް ސަރުކާރުގެ ބަޖެޓުންނާއި ބޭރުގެ ފަރާތްތަކުން ލޯނު ނަގާނެކަމަށެވެ.

ލޯން ގެރެންޓީގެ އިތުރުން ދަރަނި އަދާކުރުމަށްޓަކާ ފައިސާ ބޭނުންވާ ކުންފުނިތަކާއި، ވިޔަފާރިތަކަށް އެހީވުމަށް 9.3 ބިލިއަން ޑޮލަރުގެ ދެ ފަންޑެއް ތައާރަފްކުރަންވެސް އިންޑިއާ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މަސައްކަތްތެރިންގެ ސޯޝަލް ސެކިއުރިޓީ ފަންޑަށް ތިން މަސްދުވަހަށް ވާވަރަށް ފައިސާ ފޯރުކޮށްދޭންވެސް އިންޑިއާ ސަރުކާރުން ވަނީ ނިންމާފައެވެ.

މީގެއިތުރުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކަށް އެހީވުމަށްވެސް 11.95 ބިލިއަން ޑޮލަރުގެ އިންޑިއާ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އަދި ކޯވިޑް-19 ގެ ސަބަބުން މަސައްކަތް ހުއްޓިފައިވާ ކޮންސްޓްރަކްޝަން ދާއިރާގެ ކުންފުނިތަކަށް ލުޔެއް ދިނުމުގެ ގޮތުން މަސައްކަތް ލަސްވުމުން ނަގާ އެކި ޖޫރިމަނާތައް 6 މަސް ދުވަހަށް މާފްކޮށްދޭންވެސް ވަނީ ނިންމާފައެވެ.

ނަމަވެސް މިހުރިހާ ޕެކޭޖުތަކެއްގެ ތެރެއިންވެސް ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް ހާއްސަ ސްކީމްތަކެއް ނެތްކަމަށް ބުނެ އިންޑިއާގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. އެފަރާތްތަކުން ބުނަނީ ނެރެމުންދާ އެއްވެސް ރިލީފް ޕެކޭޖެއްގައި ވަޒީފާ ގެއްލެމުންދާ އާދައިގެ މަސައްކަތްތަތެރިންނަށް ހާއްސަ އެހީއެއް ހިމަނާފައި ނުވާކަމަށެވެ.