ޚަބަރު

މޫސުން ގޯސްވެ ވައިބާރުވުމުގެ ސަބަބުން ފުރަތަމަ ފަހަރަށް އޮރެންޖް އެލަރޓް ނެރެފި


ރާއްޖޭގެ މޫސުން ގޯސްވެ ވައިބާރުވުމުގެ ސަބަބުން ފުރަތަމަ ފަހަރަށް އޮރެންޖް އެލަރޓް ނެރެފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހެނޭ ކަމަށް ލަފާކުރެވޭކަމަށެވެ.

އުތުރު އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކޮށްފައިވާއިރު، އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެން ވާކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ. އަދި އުތުރު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މުޅި ރާއްޖެއަށް ކުރިއަށް އޮތް ދުވަސްތަކުގައި ބޯކޮށް ވާރޭ ވެހި ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި އާންމުގޮތެއްގައި 30 މޭލަށް ވުރެ ބާރުމިނުގައި ވައިގަދަވާނެކަމަށް ބެލެވޭއިރު، އެ އިދާރާއިން ވަނީ ބ އަތޮޅުން ފެށިގެން ފ އަތޮޅާއި ދެމެދަށް އޮރެންޖް އެލަރޓްވެސް ނެރެފައެވެ.

އޮރެންޖް އެލަރޓަކީ، މޫސުން ގޯސްވުމުގެ ސަބަބުން ނެރޭ 3 ވަނަ ލެވެލްގެ އެލަރޓް ކަމަށްވާއިރު، މިއީ ރާއްޖޭގައި މޫސުން ގޯސްވުމުގެ ސަބަބުން އޮރެންޖް ސަމާލު ނެރުނު ފުރަތަމަ ފަހަރެވެ. މިހާރު ރާއްޖެއަށް ވިއްސާރަކުރަނީ ބޭ އޮފް ބެންގޯލް ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝަރ ޓްރަފެއް ޑިޕްރެޝަނަކަށް ބަދަލުވުމުން ނުސީދާގޮތުން ކުރާ އަސަރުތަކެއްކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ އެކި ރަށްރަށުން ގެއްލުންތަށް ވެގެން ވަނީ ރިޕޯޓުވެސް ކޮށްފައެވެ. އެގޮތުން މާލެއަށް ކުރި ވިއްސާރައިގައި ބައެއް ތަންތަނުގެ ފުރާޅު އެއްލަލާ ބައެއް ސަރަހައްދުގައި ހުރި ގަސްތައް ވަނީ ވެއްޓިފައެވެ.

ބ އަތޮޅުން ފ އަތޮޅާއި ދެމެދަށް އޮރެންޖް ސަމާލު ނެރެފައިވާއިރު، ށ އަތޮޅާއި މ އަތޮޅާއި ދެމެދަށް ވަނީ ރީނދޫ އެލަރޓް ނެރެފައެވެ. އަދި ގއ. އަތޮޅުން އައްޑޫ ސިޓީއާއި ދެމެދަށް ވަނީ ހުދު އެލަރތް ނެރެފައެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައެރުން އެކަށީގެންވާތީ މިކަމަށް ސަމާލުވުމަށްވެސް އަންގާފައެެވެ. އަދި ކަނޑުތައް މި ދަނޑިވަޅުގައި ގަދަވާނެކަމަށް ލަފާކޮށްފައިވާއިރު މިކަމަށް ސަމާލުވުމަށްވެސް ވަނީ އަންގާފައެވެ.