ޚަބަރު

ކޯވިޑް-19 : ބަންގްލަދޭޝްގެ 353 މީހުން އަނބުރާ ޤައުމަށް ފޮނުވާލައިފި


ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ 353 މީހުން އަނބުރާ ޤައުމަށް ފޮނުވާލައިފިއެވެ. މި މީހުން ފޮނުވާލާފައިވަނީ، އެޤައުމުން ރާއްޖެއަށް ސިއްޙީ ސާމާނު ހިފައިގެން އައި ބީމާން އެއާރލައިންސްގެ ފްލައިޓުގައެވެ.

ބަނގްލަދޭޝްގެ 353 މީހުން އަނބުރާ ޤައުމަށް ފޮނުވާލިކަން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ ހާމަކުރައްވާފައެވެ.

ފޮރިން މިނިސްޓަރ ކުރެއްވި ޓުވީޓް

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުންވަނީ ރާއްޖޭގައި ދިރިއުޅޭ ބަނގްލަދޭޝްގެ 500 ރައްޔިތުން ފުރުވާލަން ހަމަޖެހިފައިވާކަން ހާމަކުރައްވާފައެވެ. މިމީހުން ފޮނުވާލާނީ މޯލްޑިވިއަންގެ ފްލައިޓަކާއި، ބިމާން އެއަރލައިންގެ ފްލައިޓެއްގައިކަމަށް އެންއީއޯސީއިން އޭރު ވިދާޅުވިއެވެ.

އަނބުރާ ބަންގްލަދޭޝްއަށް ފޮނުވާލުމުގެ މަސައްކަތްކުރަމުންދަނީ ޤަވާޢިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ އަސާސީ އެތައްހައްޤެއް ގެއްލި، އެމީހުންނަށް އެކި ބާވަތުގެ އަނިޔާތައް ލިބެމުންދިޔުމާ ގުޅިގެން، އެމީހުންގެ ހައްޤުތައް ޙިމާޔަތްކޮށް ކަށަވަރުކޮށްދިނުމުގެ ގޮތުން ސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ތެރެއިންނެވެ.

ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝްމީހުން ޤައުމަށް ފޮނުވާލުމުގެ މަސައްކަތުގެދަށުން މީގެ ކުރިންވެސް 68 މީހަކު އަނބުރާ ޤައުމަށް ފޮނުވާލާފައިވެއެވެ. އެމީހުން ޤައުމަށް އަނބުރާ ފޮނުވާލާފައިވަނީ ބަންގްލަދޭޝާއި ނޭޕާލްގައި ދިރިއުޅޭ ދިވެހިން ގޮވައިގެން ރާއްޖެއައި ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓުގައެވެ.