ރިޕޯޓް

ކޯވިޑް ޖެހިގެން ދެކުނު އޭޝިޔާއިން މަރުވި މީހުންގެ އަދަދު ނިސްބަތުން ދަށް


ދެކުނު އޭޝިއާގެ ޤައުމުތަކަކީ ހުޅަގާއި ޔޫރަޕްގެ ޤައުމުތަކާއި އަޅާކިޔާއިރު ސިއްހީ ދާއިރާ ބަލިކަށި އަދި ޕޮޕިއުލޭޝަން ޑެންސިޓީ ނުވަތަ ޖާގައިގެ ގޮތުން ކުޑަ ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ޤައުމުތަކެކެވެ. އެެހެންނަމަވެސް ކޯވިޑް-19 ޖެހި އިންޑިއާ، ބަންގްލަދޭޝް، ޕާކިސްތާން، ސްރީ ލަންކާ، ނޭޕާލް، ރާއްޖެ އަދި ބޫޓާން ހިމެނޭ ދެކުނު އޭޝިޔާ ސަރަޙައްދުން މަރުވާ މީހުންގެ އަދަދު ފެންނަނީ ކުރިއަރާފައިވާ ޤައުމުތަކަށްވުރެ ވަރަށް ބޮޑުތަން ދަށްކޮށެވެ.

ސިއްޙީ މާހިރުންނާއި ސައިންސްވެރިން ބުނާގޮތުން ކޯވިޑް-19ގެ ސަބަބުން މަރުވާ މީހުންގެ ނިސްބަތް ދެކުނު އޭޝިއާގެ ޤައުމުތަކުގައި މަދެވެ. މޭމަހުގެ ކުރީކޮޅާއި ހަމަޔަށް އައިއިރު ކޯވިޑް-19 ޖެހި މުޅި ދުނިޔެއިން މަރުވި މީހުންގެ ޖުމްލަ އަދަދުގެ 90 އިންސައްތައަކީ ކުރިއަރާފައިވާ މުއްސަނދި ޤައުމުތަކުން މަރުވި މީހުންކަމަށް ސިއްހީ ކަންކަމުގެ ދިރާސާކޮށް މައުލޫމަތު އެއްކުރާ "ދަ ލެންސެޓް މެޑިކަލް ޖާނަލް" އިން ދާދި ފަހުން އާންމުކޮށްފައިވާ ކާރުދާހަކުން ދައްކައެވެ. އަދި މިލިސްޓަށް ޗައިނާއާއި، ބްރެޒިލްއާއި އީރާން އެއްކޮށްފިނަމަ، އެއަދަދު 96 އިންސައްތައަށް އަރައެވެ.

ނަމަވެސް އެންމެ ފަގީރުން ގިނަ އަދި ގިނަ ބަޔަކު ތޮށްޖެހިގެން އުޅޭ ސަރަޙައްދުތައް ގިނަ ދެކުނު އޭޝިއާ އަދި އެފްރިކާގެ ޤައުމުތަކުން ކޯވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު ކުރިއަރާފައިވާ މުއްސަނދި ޤައުމުތަކަށްވުރެ މާބޮޑަށްވެސް ދަށެވެ.

މިހޯދުންތަކުން ދައްކާ ގޮތުން ކޯވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު ފްރާންސްގައި ހުރީ 15.2 އިންސަތައިގައެވެ. އިނގިރޭސިވިލާތުގައި ހުރީ 14.4 އިންސައްތަ، އިޓަލީގައި 14 އިންސައްތަ އަދި ސްޕެއިންގައި ކޯވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ހުރީ 11.9 އިންސައްތައިގައެވެ. އެމެރިކާއަށް ބަލާނަމަ މިއަަދަދު ހުރީ 6 އިންސައްތައިގައެވެ.

މިއާ އަޅާ ކިޔާއިރު ދެކުނު އޭޝިއާގެ ޤައުމުތަކުގައި ކޯވިޑް-19 ޖެހި މަރުވި މިހުންގެ އަދަދު ނިސްބަތުން ދަށެވެ. މިގޮތުން އިންޑިއާގައި ކޯވިޑް-19 ޖެހިގެން މަރުވެފައިވާ މީހުންގެ އަދަދު އުޅެނީ 3.3 އިންސަތައިގައެވެ. އަދި ޕާކިސްތާނުގައި 2.2 އިންސައްތަ، ބަންގްލަދޭޝްގައި 1.5 އިންސައްތަ އަދި ސްރީ ލަންކާގައި 1 އިންސަތައިގައެވެ.

ޔޫރަޕާއި، ހުޅަނގުގެ ކުރިއަރާފައިވާ ޤައުމުތަކަށްވުރެ ދެކުނު އޭޝިއާގެ ޤައުމުތަކުގައި ކޯވިޑް-19 ޖެހި މަރުވާ މީހުންގެ އަދަދު ދަށްވާން މެދުވެރިވަނީ އެކި ސަބަބުތަކާ ހެދިކަމަށް ޑޮކްޓަރުންނާއި ސައިންސްވެރިން ބުނެއެވެ. މިގޮތުން ދެކުނު އޭޝިއާގެ ޤައުމުތަކުގައި ފުޅާ ދާއިރާއެއްގައި އެކި ބަލިބައްޔަށް ފެށުނީއްސުރެން ވެކްސިން ދިނުމުގެ ޕްރޮގްރާމްތައް ހިންގާފައިވުމަކީ މިސަރަހައްދުން ކޯވިޑް-19 ޖެހި މަރުވާ މީހުންގެ އަދަދު ދަށްވި ސަބަބެއްކަމަށް ވެދާނެއެވެ. މީގެއިތުރުން ދެކުނު އޭޝިއާ އަދި އެފްރިކާގެ ޤައުމުތަކުގައި ހޫނު ގަދަވުމާއި، މޫސުމީ އަދި ތިިމަވެށީގެ ކަންކަމާ ހެދި މިސަރަހައްދުގެ މީހުންގެ ދިފާއީ ނިޒާމް ވަރުގަދަވުމަކީވެސް ބަލީގައި މީހުން މަރުވާ އަދަދު ދަށްވި ސަބަބެއްކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ދެކުނު އޭޝިއާގެ ޤައުމުތަކުގެ އާބާދީގެ ބޮޑު ބައެއް ހިއްސާ ކުރަނީ ޒުވާންނުންނަށް ވުމަކީވެސް މަރުގެ އަަދަދު ދަށްވެދާނެ ސަބަބަކަށް ވެދާނެކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ. ކޯވިޑް-19 ޖެހި އެންމެ ގިނައިން މީހުން މަރުވި ޔޫރަޕް އަދި ހުޅަނގުގައި މަރުވި މީހުންގެ ތެރެއިން ގިނައީ ދުވަސްވީ މީހުންނާއި އެހެން ބަލިތައް ހުރި މީހުންނެވެ.

ބައެއް ޑޮކްޓަރުންނާއި ސައިންސްވެރިން ބުނާގޮތުގައި ދެކުނު އޭޝިއާގެ ޤައުމުތަކުގައި ބަލިޖެހި މަރުވާ މީހުން މަދުކަމަށް ދައްކަނީ އެންމެ އެކަށީގެންވާ ގޮތުގައި މައުލޫމާތު އެއް ނުކުރެވޭތީ ކަމަށްވެސް ވެދާނެއެވެ.

ކޮންމެއަކަސް ދެކުނު އޭޝިއާއިން ކޯވިޑް-19 ޖެހި މަރުވާ މީހުން ގެ އަދަދު މަދުވާ ސަބަބު ޑޮކްޓަރުންނާއި ސައިންސްވެރިންނަށް ޔަޤީންކުރެވިފައެއް ނުވެއެވެ. އަދި މިކަމުގެ ސަބަބުން ޔަޤީން ކުރުމަށް އެފަރާތްތަކުން ދަނީ އެކި ކަހަލަ ދިރާސާތައް ކުރަމުންނެވެ.