އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ފުރިއިރުވެސް، މިގޭމްސްގެ ވާހަކަ
މީގެ ހަތަރު އަހަރު ކުރިން ދައްކަން ފެށިއިރުވެސް ދައްކަމުން އައީ މެޑަލްގެ
ވާހަކައެވެ. 2010 ވަނަ އަހަރުގެ ގޭމްސް ނިމުމަށްފަހު މިނިމުނު ގޭމްސްގެ
ޕްލޭންތަކެއް ހެދި ލަނޑުދަނޑިތަކެއް ކަނޑައެޅިއެވެ. މެޑަލްގެ ވާހަކަ ދެއްކުން
އިތުރުވިއެވެ. އެވާހަކަތައް އެންމެ ގިނައިން ދެއްކި ބޭފުޅަކީ މޯލްޑިވްސް އޮލިމްޕިކް
ކޮމިޓީގެ ޖެނެރަލް ސެކެޓްރި އަހުމަދު މަރޫޤެވެ. ދުވަހުން ދުވަހަށް އޮލިމްޕިކް
ކޮމިޓީ ހިންގެވުމާއި، ފުރުޞަތުތައް ހޯދުމުގައި މިދިޔަ ދެ ދައުރުގައިވެސް އެންމެ
ބޮޑަށް މަސައްކަތްކުރެއްވި ބޭފުޅަކީ އަހުމަދު މަރުޒޫޤެވެ.



އަރާ ކޮންމެ ޕްރޮގްރާމެއްގައި، ދޭ ކޮންމެ އިންޓަރވިއުއެއްގައި ވިދާޅުވަމުން
ގެނދެވީ އެއްވާހަކައެކެވެ. މެޑަލް ހޯދާ ވާހަކައެވެ. މެޑަލް ހޯދަން
މަސައްކަތްކުރާވާހަކައެވެ. މެޑަލް ހޯދުމުގެ ބޭނުމުގައި ރާއްޖެއިން ބޭރަށް
އެތްލީޓުން ފޮނުވާ ވާހަކައެވެ. ނަމަވެސް އެކަން ވީ އެހާ ފަސޭހަކަމަކަށްނޫނެވެ.
ބައެއް ބެލެނިވެރިން އެމީހުންގެ ދަރިން މާދުރަށް ފޮނުވަން ބޭނުން ނުވުމުންނެވެ.
ވަޒީފާދޫކޮށް މާދުރުގައި ތަމްރީން ހޯދަން އެތްލީޓުންނަށް ތިބެވެން ނެތުމުންނެވެ.



މިފަދަ ސަބަބުތަކުގެ ތެރެއިންވެސް އަހުމަދު މަރުޒޫޤް ކާމިޔާބީ ހޯއްދެވިއެވެ.
ޒުވާން ހަސަން ސާއިދު ޖެމެއިކާއަށް ފޮނުވިއެވެ. އެންމެ ބޭނުމެއްގައެވެ. ރާއްޖެއަށް
ގޯލްޑް މެޑަލްއެއް ހޯދައިދޭށެވެ. ސާއިދު ވޭތުވެދިޔަ ތިން ހަތަރު ދުވަހު ރާއްޖެއިން
ބޭރުގައި ކުރި މަސައްކަތަކީ އެއީއެވެ. ދަތި އުނދަގޫ ހާލުގައިވެސް ކެތްކޮށް
އޮލިމްޕިކް ކޮމިޓީން ހޯދައިދިން ފުރުޞަތުގެ ބޭނުން ސާއިދު ހިފިއެވެ. ސާއިދުގެ
އިތުރުން އެހެން އެތްލީޓުންނާއި ކުޅުންތެރިންވެސް އޮލިމްޕިކް ކޮމިޓީގެ
ސްކޮލަރޝިޕްތަކުގައި ކުރު އަދި ދިގު ތަމްރީންތައް ރާއްޖެއިން ބޭރުން
ފުރިހަމަކުރިއެވެ. ގޭމްސްއާއި ޖެހެންދެންވެސް އެކަން އެގޮތުގައި ކުރިއަށްދިޔައެވެ.
އޭގެތެރޭގައި ބެޑްމިންޓަން، ޓޭބަލް ޓެނިސް، އަންހެން ފުޓްބޯޅަ ކުޅުންތެރިން
ހިމެނެއެވެ. ރާއްޖޭގެ ބައެއް ފެތުން ތެރިންވެސް ބޭރުން ތަމްރީން ހޯދިއެވެ.
ގޭމްސްއަށް ކުޅުންތެރިން އައިއިރު ރާއްޖެއިން ބޭރުން ތަމްރީން ނުހޯދާ
ހަމައެކަކުވެސް ނެތެވެ. ކުރު ނަމަވެސް ތަމްރީނެއް ކޮންމެ ކުޅުންތެރިއަކުވެސް
ހޯދިއެވެ.



ނަމަވެސް ދިގު މުއްދަތެއްގެ ތަމްރީނެއް ހޯދައި ސީދައި ރަން މެޑަލް ބަލައި
އައީ ހަސަން ސާއިދުއެވެ. އޭގެއިތުރުން މުޙައްމަދު އަޖުފާން ރަޝީދުއާއި މުއީނާ
މުޙައްމަދުވެސް ރާއްޖެއިން ބޭރުން ގިނަ ތަމްރީންތަކެއް ހޯދައި ރީޔޫނިއަންއަށް އައީ
ސީދާ ރަންމެޑަލް ހޯދާށެވެ. އެމެޑަލް ނުލިބުމުން އެދެކުޅުންތެރިންނަށް ކުރި
އަސަރާއި ލޮލުން ފޭބި ފެން އޭގެ ހެއްކަކަށް ފުދެއެވެ.



ޤަބޫލުކުރަން ޖެހޭ އަދި ފެނިގެން ދިޔަ ހަޤީޤަތަކީ ކާމިޔާބީ ލިބުނީ ރާއްޖެއިން
ބޭރުން ތަމްރީން ހޯދި ކުޅުންތެރިންނަށްކެމެވެ. މެޑަލް އާއި ރަންވަނަ ހޯދީ
އެކުޅުންތެރިންނާއި އެތްލީޓުންނެވެ. މާނައަކީ ވަޞީލަތްތައް ހުރި ތަމްރީންތައް
ހޯދެން އޮތް ތާކަށް ގޮސް، ތަމްރީން ހޯދައިގެން ނޫނީ ދިވެހިންނަށް ގޯލްޑް ލިބެން
ނެތްކަމެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެޓްރީ އަހުމަދު މަރުޒޫޤު
ކުރެއްވި މަސައްކަތަކީ އެއީއެވެ. ސާބިތުކޮށްދިން ކަމަކީވެސް އެއީއެވެ.



" ފޯމިއުލާއެއްގެ ވާހަކަ އަޅުގަނޑުމެން މިދައްކަނީ، ސާއިދު މީގެ ހަތަރު
ފަސް އަހަރު ކުރިން ބަޔަކާއި ދެކޮޅަށް ތަނަކަށް ފޮނުވާ މީކަން މިކަން ކުރަން ޖެހޭނެ
ގޮތަކީ އިހަކަށްދުވަހު ޘާބިތުވެސްކޮށްދިފި، ރަންމެޑަލްއިން. އެހެންވީމާ މިތާނގައި
މިހެން އިނދެފައި މިފުރުޞަތުގައި އަޅުގަނޑު މަރުޒޫޤަށް ސެލިއުޓްވެސް ކުރަން.
ހަޤީޤަތުގައި ވަރަށް ބުރަ މަސައްކަތުން ބަޔަކާއި ދެކޮޅަށް ނިކުމެ އެކަން
ސާބިތުކޮށްދީފި މީކަން މިކަން ކުރަންޖެހޭނެ ގޮތަކީ. މެޑަލް ހޯދާކަމަށްވަންޏާ
މާލޭގައި މިގޮތަށް ދެތިން މީހުން ލައިގެން މިކަން ނުކުރެވޭނެކަން އަޅުގަނޑުމެންގެ
އެހާ ފެޞިލިޓީޒް ނެތްތަނެއްގައި. " މިއީ ގޭމްސްގެ ޗެފް ޑިމިޝަން އިހުސާން
އަބުދުލްޣަނީ ރާއްޖޭގެ އިވެންޓްތައް ނިމުމުން ވިދާޅުވި ވާހަކައެވެ.



އިހުސާންއަކީ ކުޅިވަރުގެ ތަޖުރިބާކާރު ބޭފުޅެކެވެ. 2008 ވަނަ އަހަރު ދިވެހި
ފުޓްބޯޅަ ޓީމް ރަންމެޑަލް ހޯދި އިރު އެޓީމްގެ އެސިސްޓެންޓް ކޯޗެކެވެ. މިއަދުވެސް
މެދު ނުކެނޑި ކޯޗެއްގެ ގޮތުގައި ދެމިހުރި ފަރާތެކެވެ. މޯލްޑިވްސް ސްޕޯރޓްސް
ކައުންސިލްގެ މެމްބަރެކެވެ. އެހެންވީމާ އިހުސާންގެ އެވާހަކަ ޤަބޫލުކުރަން
ޖެހެއެވެ.



އިހުސާންގެ އެހެން ވާހަކައެއްވެސް އެބައޮތެވެ. އެއީ ކާމިޔާބީ ހޯދަން ދެން
ކުރަން ޖެހޭ މަސައްކަތުގެ ވާހަކައެވެ. ކާމިޔާބީގެ ސިލްސިލާ ގިނަކޮށް އިތުރުކުރަން
ކުރަންޖެހޭ މަސައްކަތުގެ ވާހަކައެވެ. ކަންކުރަންވީ ގޮތުގެ ވާހަކައެވެ.



" ދެން އަޅުގަނޑުމެން ކުރަން ޖެހޭނެކަމަމީ މަރޭގެ އެފޯމިއުލާ ބަލައިގަންނަންވީ
ދެންތިބި މީހުން. ބަލައިގެންފައި ދެން ތިބި މީހުން އެފޯމިއުލާއަށް
މަސައްކަތްކުރަންވީ. އޭރުން އަޅުގަނޑުމެން މިފަހަރު މިގެންދިޔައީ އެއް މެޑަލް.
އިރާދަކުރެއްވިއްޔާ ދެން 2019 ގައި މިފޯމިއުލާ ދެންތިބި މީހުން ގިނަބަޔަކު
އެއްވެގެން އިމްޕްލިމަންޓް ކުރާކަމަށް ވަންޏާމް އިރާދަކުރެއްވިއްޔަ މީތި ދާނީ
ގިނަވަމުން. " އިހުސާން ވިދާޅުވިއެވެ.



އިހުސާންގެ ވާހަކަތަކަށް ބާރު ލިބެނީ ކުޅިވަރުގެ ޤައުމީ ބަޠަލްގެ
ވާހަކައިންނެވެ. ރާއްޖެއަށް ފުރަތަމަ ރަން މެޑަލް ހޯދައިދިން ކުޅުންތެރިޔާގެ
ވާހަކައިންނެވެ. ހަސަން ސާއިދުގެ ވާހަކައިންނެވެ.



" މިއީ ޖެމެއިކާގައި ހޯދި ތަމްރީންތަކުގެ ނަތީޖާ. މިއީ ޤައުމަށް
ހޯދައިދިން މެޑެއްޔެއް. " ރަން މެޑަލް އަޅުވާލުމަށްފަހު ހަސަން ސާއިދު
ބުންޏެވެ.



އަހުމަދު މަރުޒޫޤް މެޑަލް ހޯދާ ވާހަކަ ހުއްޓާ ނުލައި ދެއްކީ ސަބަބެއް
އޮވެގެންނެވެ. އެވާހަކަ މީހުންގެ ސިކުނޑިތަކަށް ވައްދައިދޭން މަސައްކަތްކުރީ
ޕްލޭނެއްގެ ނުވަތަ ވިސްނުމެއްގެ ތެރެއިންނެވެ.



" މެޑަލްގެ އިތުރުން އަޅުގަނޑުމެންނަށް ފެނިގެންދިޔަ އެސޯސިއޭޝަންތަކުގެ
ރައީސުން އެތްލީޓުންނާއެއްކޮށް ގޯލްޑް މެޑަލް ނުލިބި ސިލްވަރ މެޑަލް ލިބުނީމަ ރުއި
މަންޒަރު. އެހިސާބުން އަޅުގަނޑަށް ހިވަނީ މިކަން ކުރެވިއްޖެހެން. ދެން މެޑަލް
ނުލިބުނު ބައެއް ކުދިންތައް ރޮވިފަ ފައިބައިގެން ދިޔަ ތަން ފެނުނު. އެހެން ނޫނީ
އަޅުގަނޑުމެން އަންނަނީ ބައިވެރިވެލަން. އެހެންވީމާ މިފަހަރު މެޑަލްއަށް
ޓާރގެޓްކުރި ކުރުން އަޅުގަނޑަށް ހީވަނީ ހާޞިލްވެއްޖެހެން. ދިވެހިރާއްޖޭގެ ކުޅިވަރު
1979 ގައި އަޅުގަނޑުމެން މިފަސްގަނޑުގައި އަޅުގަނޑުމެން ފެށީ. އަޅުގަނޑުމެން
ބޭނުންވީ ތާރީޚް ބަދަލުކޮށްލަން، ހިސްޓްރީ އަލުން ލިޔަން، އެކަން
އަޅުގަނޑުމެންނަށް މިތާނގައި ކުރެއްވިއްޖެ." މަރުޒޫޤް ވިދާޅުވިއެވެ.



ގޭމްސް ކުރިއަށްދިޔައިރު އަހުމަދު މަރުޒޫޤްގެ ހަރަކާތްތަކަށް ބަލާލާނަމެވެ.
ހަސަން ސާއިދު ރަން މެޑަލް ހޯދުމުން އަހުމަދު މަރުޒޫޤް އުފަލުން ރުޔެވެ. ވާހަކަ
ދައްކަން އުނދަގޫވިއެވެ. އޭނާޔާއެކު ކުޅިވަރުގެ އެހެން ބައެއް ބޭފުޅުންވެސް
ރުޔެވެ. އިބްރާހީމް އިސްމާއީލް ފަދަ ބޭފުޅުންނެވެ. މުޙައްމަދު އަޖުފާން ރަޝީދު
ސިންގަލްސް ސެމީފައިނަލް މެޗުން ބަލިވުމުންވެސް މަރުޒޫގްގެ ލޮލުން އައީ ފެނެވެ.
އެއީ ރަންމެޑަލްއަށް ކުރި އުއްމީދެއް ގެއްލުމުންނެވެ. މެޗު ބަލަމުންދިޔައިރު
އަޖުފާންއަށް ލިބޭ ކޮންމެ ޕޮއިންޓަކާއެކު މަރުޒޫގުގެ ހަރަކާތްތައް ފެނުނު ކޮންމެ
މީހަކަށް ތަފާތު އިޙްޞާޞެއް ކުރެވޭނެއެވެ. ހަމައެގޮތަށް މުއީނާ މުޙައްމަދަށް
މެޑަލް ގެއްލުނު މެޗު ކުރިއަށް ދިޔައިރުވެސް ލިބޭ ކޮންމެ ޕޮއިންޓަކާއެކު މަރުޒޫޤް
ފުންމައިގެން ތެދުވެއެވެ. އުފަލުންނެވެ. ކުރާ އުއްމީދު ބޮޑުކަމުންނެވެ. އޭރު
އޮލިމްޕިކް ކޮމިޓީން ކަނޑައެޅި ޓާގެޓަށް ވާޞިލްވާން މަދުވަނީވެސް އެންމެ
މެޑެއްޔެކެވެ.



ނަސީބު ދިމާކުރި ގޮތުން މުއީނާއަށް މެޗު ނިންމާލަން ޖެހުނީ މެޑަލް
ނުލިބިއެވެ. މަރުޒޫޤް އިންޑޯ ތެރޭގަޔާއި ބޭރުގައިވެސް ރުޔެވެ. ނަމަވެސް
އިވެންޓްތައް ނިމުމުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އިނީ ހިނިތުންވެފައެވެ.
ވިދާޅުވީ އެނބުރި ޤައުމަށް މިދަނީ އުފަލުން އިސް އުފުލައިގެންކަމަށެވެ.
ކާމިޔާބިއާއެކުގައިކަމަށެވެ. އެންމެ ބޭނުންވި ވަރަށް މެޑަލް ނުލިބުނަސް
ކާމިޔާބުވެއްޖެކަމަށެވެ.



މުއީނާ މުޙައްމަދު ސިންގަލްސް އިވެންޓްގެ މެޑަލް ގެއްލުނުރޭ އަޅުގަނޑަށް
ފޮނުވި ފޮޓޯއެއްގެ ވާހަކަވެސް ޙިއްޞަކޮށްލާނަމެވެ. ސޯޝަލް މީޑިއާގައި
ދައުރުވަމުންދިޔަ އަހުމަދު މަރުޒޫޤް ރޮމުންދިޔަ މަންޒަރުތަކެކެވެ.



" މިފޮޓޯތައް ބަލާފައި ދެރަވެގެން މިއުޅެނީ. ނިދި ނައިސްގެން.
ނުނިދިގެން. " ފޮޓޯއަށްފަހު މުއީނާ ކުރި މެސަޖަކީ މިއީއެވެ.



މިހުރިހާކަމެއްގެ ސަބަބުން އަހުމަދު މަރުޒޫޤްގެ ވާހަކަ ދައްކަން،
އެވާހަކަތައް ލިޔަން މަޖުބޫރެވެ. ފަހަރެއްގައިވެސް އެހެން ބޭފުޅުން ކުރި
މަސައްކަތް ކުޑަވެގެން ނުވަތަ އެކަން ފާހަގަ ނުކުރެވިގެންނެއްނޫނެވެ. އިހުސާން
އަބުދުލްޣަނީ ( ސާންތީ ) ވިދާޅުވިހެން މަރުޒޫޤުގެ ފޯމިއުލާ މޮޅުވުމުންނެވެ.