ކޯވިޑް-19އާ ގުޅިގެން އިސް ސަފުގައި ހަރަކާތްތެރިވާ 239 މީހުން މިހާތަނަށް ޕޮޒިޓިވްވެފައިވާކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ.
އެސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19ގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްސާކުރައްވަމުން ކޯވިޑް-19އާ ގުޅިގެން އުފައްދާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޑޮކްޓަރ، ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވީ އިސްސަފުގައި ހަރަކާތްތެރިވާ މީހުންގެ ތެރެއިން ޕޮޒިޓިވްވާ މީހުންގެ ޢަދަދުވެސް މިހާރު ދަށްވަމުންދާކަމަށެވެ.
އިސް ސަފުގައި މަސައްކަތްކުރާ މީހުންގެތެރެއިން އޭޕްރީމް މަހުގެ 16ވަނަ ދުވަހުން ފެށިގެން މިއަދާހަމައަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުތައް އެންއީއޯސީން މިރޭވަނީ ހާމަކުރައްވާފައެވެ. މި މުއްދަތުގެތެރޭގައި އެންމެގިނަ މީހުން ޕޮޒިޓިވްވެފައިވަނީ މިމަހުގެ 8ވަނަ ދުވަހުއެވެ. އެދުވަހު 51 މީހުން ޕޮޒިޓިވްވެފައިވާކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ. 22 މީހުން ޕޮޒިޓިވްވެ ދެން އެންމެ ގިނަ ބަޔަކު ޕޮޒިޓީވްވީ އޭޕްރީލް 29ވަނަ ދުވަހުގައެވެ.
އިސް ސަފުގައި، މަސައްކަތްކުރާ މީހުންގެތެރެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ސަލާމަތީ ޚިދުމަތްތަކުގެ ބައެއް މުވައްޒަފުންނާއި އަސާސީ ޚިދުމަތްތައް ރައްޔިތުން ފޯރުކޮށްދޭ ބައެއް ތަންތަނުގެ މުވައްޒަފުންވެސް ހިމެނެއެވެ. މީގެ ތެރެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނޭ ސިފައިނާއި ފުލުހުންގެ އިތުރު ތަފްސީލުވެސް ސަލާމަތީ ސަބަބުތަކައްޓަކައި ހާމަ ނުކުރާނެކަން އެފަރާތްތަކުންވަނީ ހާމަކުރައްވާފައެވެ.