ޚަބަރު

ކޯވިޑް-19 : ގިނަ ދިވެހިންނަށް ކޯވިޑް-19ގެ މައުލޫމާތު ލިބި ޙާލަތަށް ވަނީ ތައްޔާރުވެފައި: ޔޫއެންގެ ސާވޭ


ރާއްޖޭގެ އާބާދީގެ ބޮޑުބަޔަކަށް ކޯވިޑް-19 އާއި ގުޅޭ އެންމެ ފުރިހަމަ މަޢުލޫމާތު ލިބި ޙާލަތަށް ތައްޔާރުވުމަށް ފުރުސަތު ލިބިފައިވާކަމަށް އދ.އިން ކުރިއަށް ގެންދިޔަ ސާވޭއަކުން ދައްކައިފިއެވެ.

ކޯވިޑް-19އަކީ މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ބަލިމަޑުކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ކަނޑައެޅުމާއި ގުޅިގެން މިކަމާ ބެހޭ މަޢުލޫމާތު ޢާއްމުނަށް ލިބިފައިވާ މިންވަރު ދެނެގަތުމަށް ޔޫއެން ވިމެންސް ރީޖަނަލް އޮފީސް ފޮރ އޭޝިއާ އެންޑް ދަ ޕެސިފިކްއިން ކުރިއަށްގެންދިޔަ އެސެސްމެންޓުގައި ބައިވެރިވި 4 ޤައުމެއްގެ ތަފާސްހިސާބު މިހާރު ވަނީ ޢާއްމުކޮށްފައެވެ. މިކަމާ ގުޅިގެން ނެރުނު ރިޕޯޓުގައި ރާއްޖެއާއި ޕާކިސްތާނާއި ބަންގްލަދޭޝްގެ އިތުރުން ފިލިޕިންސްގެ މައުލޫމާތުވަނީ ޢާއްމުކޮށްފައެވެ.

މިރިޕޯޓުގައި ބުނެފަިއވާ ގޮތުން ދިރާގާއި އުރީދޫ މެދުވެރިކޮށް ރާއްޖެއިން ހަތަރުހާސް ހަތްސަތޭކަ ފަންސާސް ހަތަރު މީހަކު ވަނީ ސަރވޭގައި ބައިވެރިވެފައެވެ. މީގެ ތެރެއިން އަށްޑިހަ ތިން އިންސައްތަ އަންހެނުން ބުނެފައި ވަނީ ކޯވިޑް-19އާއި ގުޅޭގޮތުން އެކަށީގެންވާ މައުލޫމާތު ލިބި ދުރާލާ ފިޔަވަޅުތައް އަޅަން ފުރުސަތު ލިބުނު ކަމަށެވެ. އަދި ހަތްދިހަ ހަ އިންސައްތަ ފިރިހެނުންނަށް ރާއްޖޭގައި މައުލޫމާތުލިބި ދުރާލާ ތައްޔާރުވުމަށް ފުރުސަތު ލިބުނުކަމަށް ވަނީ ބުނެފައެވެ. ރާއްޖެއަށް ފަހު އެންމެ ބޮޑަށް މިބައްޔަށް ތައްޔާރުވާން މަޢުލޫމާތު ލިބި ފުރުސަތު ލިބުނުކަމަށް ވަނީ ފިލިޕިންސްގައެވެ. އެޤައުމުގައި ހަތްދިހަ ނުވަ އިންސައްތަ އަންހެނުންނަށް އަދި ފަންސާސް ހަތް އިންސައްތަ ފިރިހެނުންނަށް ވަނީ ދުރާލާ މައުލޫމާތު ލިބި ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅު އެޅުމުގެ ފުރުސަތު ލިބިފައެވެ. ޕާކިސްތާނާއި ބަންގްލަދޭޝްގައި މިނިސްބަތް އުޅެނީ ފަންސާސް އިންސައްތައަށްވުރެ ދަށުގައެވެ.

ކޯވިޑް ނަވާރައިގައިން މަރުވާ މީހުންގެ ތަފާސްހިސާބަށް ބަލާއިރު ފިރިހެނުންގެ ޢަދަދު އިތުރުނަމަވެސް މި ބަލިމަޑުކަމުގެ ސަބަބުން ނަފްސާނީގޮތުން ގިނަ ޤައުމުތަކުގައި އެންމެ ބޮޑަށް އަސަރުކުރަނީ އަންހެނުންނަށްކަމަށް މިރިޕޯޓުގައިބުނެފައިވެއެވެ. މިގޮތަށް މިކަން ދިމާވާ ސަބަބުތަކުގެ ގޮތުގައި ކުޑަކުދިންނާއި ޢުމުރުން ދުވަސްވީ މީހުން ބެލުމުގައި ހޭދަކުރަންޖެހޭ ވަގުތު އިތުރުވުމާއި ގޭގެ މަސައްކަތާއި ވަޒީފާގެ މަސައްކަތް ގޭގައިކުރުމާއި ޢާމްދަނީ މަދުވެގެން ދިޔުންކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ލޮކްޑައުންގެ ޙާލަތުގައި ގިނަ ޤައުމުތަކުގައި ގެވެށިއަނީޔާގެ މައްސަލަތައް އިތުރުވުމަކީވެސް ނަފްސާނީ ގޮތުން އަންހެނުންނަށް ކުރާ ނޭދެވޭ އަސަރު ބޮޑުވި ސަބަބެއްކަމަށް މިރިޕޯޓުގައިވެއެވެ.

އެހެންނަމަވެސް އެހެން ޤައުމުތަކާއި ޚިލާފަށް ފަސްދޮޅަސް ހަ އިންސައްތައާއެކު ނަފްސާނީގޮތުން ނޭދެވޭ އަސަރުކޮށްފައިވާކަމަށް ގިނައިން ރިޕޯޓުކޮށްފައި ވަނީ ފިރިހެނުންނަނެވެ. ނަފްސާނީ ގޮތުން އެންމެ ގިނައިން އަންހެނުންނަށް އަސަރުކޮށްފައިވާކަމަށް ސަރވޭއިން ދައްކަނީ ރާއްޖެގައެވެ. ރާއްޖޭގައި އެނިސްބަތް އުޅެނީ ފަސްދޮޅަސް އަށް އިންސައްތައިގައެވެ. ނަފްސާނީގޮތުން މިޙާލަތުގައި ނޭދެވޭ އަސަރުކޮށްފައިވާކަމަށް ރާއްޖޭގައި ބުނެފައި ވަނީ ފަންސާސް ހަ އިންސައްތަ ފިރިހެނުންނެވެ.

މީގެ އިތުރުން އާބާދީގެ އެންމެ ބޮޑު ބަޔަކަށް ހެލްތު އިންޝުއަރެންސްގެ ދަށުން ބޭސްފަރުވާ ކުރެވޭކަމަށް ދައްކާފައި ވަނީ ދިވެހިރާއްޖޭގައެވެ. އެގޮތުން ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން ތިރީސް އިންސައްތަ ފިރިހެނުންނާއި އަށާވީސް އިންސައްތަ އަންހެނުން ވަނީ ހެލްތު އިންޝުއަރެންސް ލިބޭކަމަށް ބުނެފައެވެ. ރާއްޖޭގައި އާސަންދަ ހެލްތު ކެއަރ އިންޝުއަރެންސްގެ ދަށުން ޢާއްމުކޮށް ބޭސް ފަރުވާ ކުރެވުނުނަމަވެސް ބައެއް ޙާލަތްތަކުގައި އާސަންދައިން ނުކުރެވޭ ފަރުވާއަށް އިންޝުއަރެންސް ހަމަޖެހުމުގައި އަންހެނުންނަށް ރާއްޖޭގައި ގޮންޖެހުންތަކެއް ހުރިކަމަށް މިރިޕޯޓުގައިވަނީ ބަޔާންކޮށްފައެވެ.

ކޯވިޑް ނަވާރައިގެ ސަބަބުން ހުރިހާ އެންމެންގެ ދިރިއުޅުމަށްވެސް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފައިކަމަށް ރިޕޯޓުގައިވެސް ވަނީ ބަޔާންކޮށްފައެވެ. އަދިވެސް ބަލިމަޑުކަމުން އެއްކޮށް އަރައިގަނެވޭނެ ކައިރި މުސްތަޤުބަލެއް ފެންނަން ނެތްއިރު މިކަމާއި ގުޅިގެން މީހުންގެ ދިއިރުޅުމަށް ސިއްޙީ ގޮތުންނާއި އިޤްތިޞާދީގޮތުން އަދި އިޖުތިމާޢީ ގޮތުން އަންނަ ބަދަލުތައް ދެނެގަތުމުގެ މަސައްކަތް އދ.ގެ ކަމާ ގުޅުންހުރި ޖަމްޢިއްޔާތަކުން އަންނަނީ ކުރަމުންނެވެ.