ޚަބަރު

ބޯކޮށް ވާރޭވި ވައިގަދަވާނެކަމަށް ލަފާކޮށް ދެކުނުގެ 4 އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފި


ބޯކޮށް ވާރޭވި ވައިގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ ޢިދާރާއިން ވިދާޅުވީ އިރުއޮއްސި ހަޔަކުން ފެށިގެން މިރޭ 9 ޖެހުމާހަމައަށް ހައްދުން މަތިން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ބޯކޮށް ވާރޭވެހި ގުރާނެކަމަށް ލަފާކުރެވޭކަމަށެވެ. ދެކުނުގެ އަތޮޅުތަކަށް ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ދެކުނުގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށެވެ. އަދި އެހެން ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ހުޅަނގާއި ހުޅަނގުުއުތުރުން، ހުރިހައި ހިސާބަކަށްވެސް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަކަށް ވައި ގަދަ ވުން އެކަށީގެން ވޭ.

ރާއްޖޭގެ ކަނޑުތަށް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާއި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާތީ، އާންމުކޮށް ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓްއޮފީހުން ވަނީ އިލްތިމާސްކުރައްވާފައެވެ.