ކޯވިޑް-19އާ ގުޅިގެން މާލެ ސަރަޙައްދު ފުރަބަންދުކޮށްފައި އޮތް އޮތުން މުޅިން އުވާލުމުގެކުތިން ދޭން ނީންމާފައިވާ ލުއިތަކުގެ ތެރެއިން މާދަމާއިން ފެށިގެން ޢުމުރުން 60 އަހަރުން މަތީގެ މީހުންނަށް ހެނދުނު ބޭރަށް ދެވޭނެގޮތަށް ހަމަޖައްސައިފިއެވެ.
ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެއިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައކްވަމުން ޓެގްގެ ޑޮކްޓަރ ޑރ.ނަޒްލާ ވިދާޅުވީ ފުރަބަންދަށް ލުއި ދިނުމުގެ ކަންކަން ކުރިއަށްދާނީ އެކި ފިޔަވަހިތަކަކަށް ބަހާލައިގެންކަމަށެވެ. އެގޮތުން މާދަމާ ފަށަނީ މީގެ ފުރަތަމަ ފިޔަވަހި ކަމަށާއި، މިފިޔަވަހިވެސް ދެ ބަޔަކަށް ބަހާލެވިފައިވާކަމަށެވެ.
އެގޮތުން ފުރަތަމަ 2 ހަފްތާ އަދި އޭގެ ފަހުން އިތުރު 2 ހަފްތާއަށް ބަހާލައިގެން އެކިކަންކަމަށް ޙުއްދަ ދެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި މާލެ ސަރަހައްދުގައި ޚާއްސަ ހުއްދައަކާއެކު މީހުން އެއްތަނުން އަނެއްތަނަށް ދިއުމުގެ ހުއްދަދޭން ނިންމާފައިވާކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ. އަދި މިހާލަތުގައިވެސް ވަކި ހުއްދައެއްގެ ދަށުން ބޭރަށް ދެވޭގޮތަށް ހަދާފައިވަނީ އެއްފަހަރާ ގިނަ މީހުން ބޭރަށް ނުކުމެ އުޅުން މަދުކުރުމަށްކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ފުރަތަމަ ފިޔަވަހި ފަށާއިރު ކޯވިޑް19 ފެނިފައި ނުވާ އަދި، ލޮކްޑައުން ނެތްރަށުގައި މާބޮޑު އިތުރު ކަންކަން ނުހުއްޓުވާނެކަމަށް އެންއީއޯސީން ވިދާޅުވިއެވެ. އެހެން ނަމަވެސް އެއްރަށުން އަނެއްރަށަށް ދެވޭނީ އިމަޖެންސީ ހާލަތެއްގައި ނުވަތަ އަސާސީކަމެއްގައި ދާން ޖެހޭ ހާލަތެއްގައި އެކަނިކަމަށް އެފަރާތުން މައުލޫމާތުދެއްވިއެެވެ. އަދި ރަށުތެރޭގައި އާއި އާންމު ދިރިއުޅުމުގައި އަދި ވިޔަފާރިއާ އެހެނިހެން ކަންކަމުގައިވެސް ގައިދުރުކަމަށާއި ސާފުތާހިރުކަމަށް ރަށްރަށުގައިވެސް އިސްކަން ދިނުމުގެ އިތުރުން ވީވަރަކުން ބޭރަށް ނިކުތުން މަދުކުރުމާއި ދިމާވާ މީހުން މަދުކުރުމަށް ސިއްޙީ ބޭފުޅުން ބާރުއަޅުއްވައެވެ.