މިމަހުގެ ކުރީކޮޅު މާލެއަށް ކުރި ވިއްސާރައިގައި 1.4 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ. މިމަހު ކުރީކޮޅު ރާއްޖެއަށް ކުރި ވިއްސާރައަކީ ބޭ އޮފް ބެންގޯލް ސަރަހައްދުގައި އުފެދުނު ކޮޅިގަނޑެއްގެ ނުސީދާ އަސަރުކޮށްގެން ރާއްޖެއަށް ކުރި ވިއްސާރައެއްކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ. މި ވިއްސާރައިގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.
އައު އާންމު ޙާލަތުގައި އަމަލުކުރާނެގޮތުގެ މަޢުލޫމާތު ހިއްސާކުރައްވަމުން މާލެ ސިޓީގެ މޭޔަރ ސިފާ މުހައްމަދު ވަނީ ބަލިމަޑުކަމުގެ މި ދަނޑިވަޅުގައި ރާއްޖެއަށް ކުރި ވިއްސާރައިން އިތުރު ގޮންޖެހުންތަކެއް ކުރިމަތިވިކަމަށެވެ. އެގޮތުން ވާރެ ވެހި ފެން ބޮޑުވުމުން ޞިއްޚީ އިތުރު ނުރައްކަލަކަށް ހުށަހެޅުނުއިރު މި ނުރައްކަލުން ވީހާވެސް އަވަހަށް އަރައިގަތުމަށް ސިޓީ ކައުންސިލާއި ކަމާ ބެހޭ ފަރާތްތަކުން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރިކަމަށެވެ. އެގޮތުން މާލޭގެ މަގުތަކުގެ ކާނުތައް ކްލޮރިނޭޓްކުރުމާއި، މާލޭ މަގުތަކުން ފެން ހިންދުމުގައި ކުރިޔަށްވުރެ އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާކަމަށް ސިފާ ވިދާޅުވިއެވެ.
ސިފާ ވިދާޅުވީ މިމަހުގެ ކުރީކޮޅު ކުރި ވިއްސާރައިގައި މާލެއަށް އުމްރާނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށެވެ. އެގޮތުން މާލެއަށް ކުރި ވިއްސާރައިގައި ރަސްފަންނަށާއި ސުނާމީ ބިނާ މައިޒާނަށް އުދައަރައި ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށެވެ. މީގެ އިތުރުން މާލޭގެ އެކި ހިސާބުތަކަށް ކުރި ގެއްލުތަކުގެ ޖުމުލަ އަގު 1.4 މިލިއަން ރުފިޔާއަށް އަރާކަމަށް މާލެ ސިޓީގެ މޭޔަރ ވިދާޅުވިއެވެ.
" ތިވިދާޅުވި ފަދައިން ޕާކްތައް މިއީ ވަރަށް މުހިންމު ތަންތަން. މިތަންނަށް ވިއްސާރައިގައިވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައި. އެގޮތުން 1.4 މިލިއަން ރުފިޔާގެ ގެއްލުން ވަނީ ވެފައި" މާލެ ސިޓީ މޭޔަރ ސިފާ މުހައްމަދު ވިދާޅުވިއެވެ.
ރަސްފަންނާއި ސުނާމީ ބިނާ ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތް ފަށާފައިވާކަން ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ. ސިފާ ވިދާޅުވީ ރަސްފަންނަށް އުދައެރުމުގެ ސަބަބުން އެތަނުގެ ވެލިގަނޑު ގިރައިގެން ގޮސްފައިވާކަމަށެވެ. އެތަނަށް އަޅާނެ ވެލި އަލުން ހޯދައި އެ މަސައްކަތް ކުރާއިރު އެ މަސައްކަތަކީ ބުރަ މަސައްކަތެއްކަން ސިފާ ފާހަގަކުރެއްވިއެވެ.
މީގެ ކުރިން އެތަނަށް އަޅާނެ ވެލި ގެންނަނީ ހެންވޭރު އާޓިފިޝަލް ބީޗު ސަރަހައްދުންކަމަށާއި އެހެންނަމަވެސް މިހާރު އެސަރަޙައްދަށްވެސް ވެލި ނަރާތީ ވެލި ހޯދުމަށް ދަތިވެފައިވާކަމަށް ސިފާ ވިދާޅުވެއެވެ.
މީގެ ކުރިންވެސް ރަސްފަންނަށް އުދަ އަރައި އެކި ފަހަރު މަތިން ވަނީ ގިނަ ގެއްލުންތަކެއް ލިބިފައެވެ. އުދަ އަރާ ކޮންމެ ފަހަރަކު އެސަރަހައްދު ގިރާ އަލުން ވެލި އަޅަން ޖެހެއެވެ. ރަސްފަންނު ތަރައްޤީކުރަމުން ދިޔަ ދުވަސްވަރުވެސް އެ ސަރަހައްދު ތަރައްޤީކުރާ ގޮތުން މައްސަލަތައް ދިމާވާނެކަމަށް ބުނެ ތިމާވެށީގެ މައްސަލަތަކުގައި ވަކާލާތުކުރާ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.