ކޯވިޑް-19 ގެ ބަލިޖެހި ފަރުވާ ހޯދަމުންދާ މީހުންގެ މައުލޫމާތު ސިއްހީ ހިދުމަތްތެރިންގެ މެދުގައި ފަސޭހަކަމާއެކު ހިއްސާކުރުމަށް ހާއްސަ އޮންލައިން ނިޒާމެއް އައިޖީއެމްއެޗްއިން ތައާރަފްކޮށްފިއެވެ. ކޯވިޑްކެއަރ-19 ގެ ނަމުގައި ލޯންޗްކޮށްފައިވާ މި ނިޒާމަކީ އައިޖީއެމްއެޗުން އިސްނެގުމާއި އެކު މިނިސްޓްރީ އޮފް ހެލްތާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގުޅިގެން ގާއިމްކުރި ނިޒާމެކެވެ.
ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ކޯވިޑް-19 އަށް އެއްވެސް މީހަކަށް ފަރުވާދެމުންދާނަމަ އެމީހެއްގެ ހުރިހާ ތަފްސީލެއް މި ނިޒާމުގައި ރައްކާކުރެއެވެ. އޭގެތެރޭގައި އެމީހާ ފަރުވާ ހޯދަމުން އަންނަ އެހެން ބަލިތަކާއި ބެހޭ މައުލޫމާތުތައްވެސް މި ނިޒާމުގައި ރައްކާކުރެއެވެ. އަދި މި ނިޒާމްގެ ތެރެއިން އެ ތަފްސީލުތައް ރާއްޖޭގެ ކޮންމެ ސަރަހަދެއްގައި ހުރި ޑޮކްޓަރަަކަށްވެސް ބަލާލެވޭނެއެވެ.
ކޯވިޑްކެއަރ-19 އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ މި ބައްޔަށް ފަރުވާދިނުމަށް ރާއްޖޭގެ އެކި ސަރަހއްދުތައް ތައްޔާރުވެފައިވާއިރު މިފަދަ ނިޒާމެެއް ޤާއިމުވުމުން ބަލީގައި ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ދެވޭ ފަރުވާގެ ފެންވަރު ރަގަނޅުކުރުމަށް މަގުފަހިވެގެންދާނެކަމަށެވެ. އަދި މިއީ ސިއްހީ ހިދުމަތް ދޭ ތަންތަނުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ލިބޭ ފުރުސަތެއް ކަމަށާއި މި ނިޒާމުގެ ފައިދާ ކޯވިޑް-19 ގެ ފަހުންވެސް ވަރަށް ބޮޑަށް ކުރާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކޯވިޑް ބަލީގެ ރާއްޖޭގެ ހާލަތާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައްވެސް ބަލާލެވޭނެ ވެބްސައިޓެއް ހެލްތް މިނިސްޓްރީ ވަނީ ތައާރަފުކޮށްފައެވެ. ކޯވިޑް ހެލްތް ޑޭޝް ބޯޑުގެ ނަމުގައި ބޭނުންކުރަމުން އަންނަ މި ސައިޓުން ރާއްޖެއިން މި ބަލި ޖެހިފައިވާ މީހުންނާއި އެމީހުންގެ އުމުރު ފުރާގެ އިތުރުން ބަލި ޖެހުނު ދުވަހާއި ރަނގަޅުވި ތާރީހްވެސް ބަލާލެވެއެވެ.