ޚަބަރު

ސުޕްރީމް ކޯޓުގެ ޝަރީޢަތެއް ފުރަތަމަ ފަހަރަށް އޮންލައިންކޮށް


ސުޕްރީމް ކޯޓުގެ ޝަރީޢަތެއް ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބާއްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް ދުރުން ކުރިއަށްގެންދާނެ ގޮތުގެ ގަވާއިދުގެ ދަށުން މިއަދުގެ 1300 ގައި ކުރިއަށް ގެންގޮސްފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މައްޗަށް ދަޢުވާކޮށް އާއްމު މީހަކު ހުށަހަޅާފައިވާ މައްސަލައެކެވެ.

މި މައްސަލައިގެ ބެންޗްގައި ހިމެނި ވަޑައިގެންނެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މަޙާޒް ޢަލީ ޒާހިރު އާއި، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އާއި، ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު އެވެ. މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަޙާޒް ޢަލީ ޒާހިރު އެވެ. މީ ފަނޑިޔާރުން ކޯޓަށް ހާޒިރުވެޑައިނުގެން އޮންލައިންކޮށް ރާއްޖޭގައި ބޭއްވި ފުރަތަމަ ޝަރީއަތުގެ މަޖީލެހެވެ.

މި ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރުންނާއި، ދަޢުވާކުރާފަރާތާއި އެ ފަރާތުގެ ވަކީލު އަދި ދަޢުވާލިބޭ ފަރާތާއި ކޯޓުގެ މުވައްޒަފުން ބައިވެރިވީ އެ ފަރާތެއް ޤާއިމްވެހުރި ތަނުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.

ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް ދުރުން ކުރިއަށްގެންދާނެ ގޮތުގެ ގަވާއިދުގެ ދަށުން ބާއްވާ ޝަރީޢަތްތައް ލައިވްކުރުމަށް ހަމަޖެހިފައިވީނަމަވެސް، މިއަދު ކުރިއަށް ގެންދިޔަ ޝަރީޢަތުގެ މަޖިލީހަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ ދަށުން ޢާންމުކޮށް ހުޅުވައިނުލައި ކުރިއަށް ގެންދަންޖެހޭ ބާވަތުގެ މައްސަލައަކަށްވާތީ މިއަދުގެ ޝަރީޢަތް ލައިވްކޮށްފައެއްނުވެ އެވެ.

ސުޕްރީމް ކޯޓުގެ ޝަރީއަތްތައް ފުރަތަމަ ފަހަރަށް އޮންލައިންކޮށް ފަށާ ޝަރީއަތުގެ އަޑުއެހުންތައް ޓްވިޓަރ އަދި ޔޫޓިއުބް މެދުވެރިކޮށް ޝަރީއަތުގެ މަޖިލިސް ވަގުތުން އަޑުއެހުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމާ އެކަމާއި ގުޅޭ ޤަވައިދު އެކޯޓުން ވަނީ އާއްމުކޮށްފައެވެ.

ކޯވިޑުން ރައްކާތެރިވުމަށް މާލޭ ސަރަހައްދުގައި އިއުލާންކުރި ފުރަ ބަންދާއިއެކު ކްރިމިނަލްކޯޓުން ވެސް އަންނަނީ ޝަރީއަތްތައް ވީޑިއޯ ކޮންފެރެންސް މެދުވެރިކޮށް ބާއްވަމުންނެވެ. އެކަމަކު އެކޯޓުން މައްސަލަތައް ކުރިޔަށް ގެންގޮސްފައިވަނީ ފަނޑިޔާރުން ކޯޓަށް ނުކުންނަވާ ދައުވާ ލިބޭ މީހުންނާއި ވަކީލުން އެހެން ތަނެއްގައި ތިއްވެގެން ވީޑިއޯ ކޮންފަރަނެސް މެދުވެރިކޮށެވެ.