ޚަބަރު

ކޯވިޑް-19 : އިތުރު 120 މީހުން ބަލިން ރަނގަޅުވެ ޖުމްލަ އަދަދު 600 އިންމައްޗަށް


ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 120 މީހުން ބަލިން ރަނގަޅުވެ ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ އަދަދު 600 އިން މައްޗަށް އަރައިފިއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް އާންމުކުރާ ޑޭޝްބޯޓުގައިވާ ގޮތުން ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިރޭ 21:30 އާހަމައަށް 608 މީހަކު ވަނީ އެ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 33.24 އިންސައްތަ މީހުން މިވަނީ ބަލިން ރަނގަޅުވެފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް މިހާތަނަށް އެންމެ ގިނައިން ޕޮޒިޓިވްވެފައިވަނީ ބިދޭސީން ނަމަވެސް ބަލިން ރަނގަޅުވެފައިވާ ގިނަ މީހުންނަކީ ދިވެހިންނެވެ. ބަލިން ރަނގަޅުވިކަމަށް ޑޮކްޓަރުން ނިންމަނީ ބަލިމީހާގެ އަލާމާތެއް ނުފެނި އޭނާގެ ގައިން ނަގާ ސާމްޕަލް ދެވަނަ ފަހަރަށް ނެގެޓިވްވުމުންނެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ބަލިން ރަނގަޅުވާ މީހުންގެ ނިސްބަތް ދުވާލަކަށް 27 އިންސައްތައަށް އަރާފައިވާކަމަށް އެންއީއޯސީން ވަނީ ވިދާޅުވެފައެވެ. ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 1800 އަށްވުރެ އިތުރުވެފައެވެ. އަދި މި ބަލީގައި 7 މީހަކު ވަނީ މަރުވެފައެވެ