ޚަބަރު

ސްކޫލްތަކުގެ ޓީޗަރުން ޑިއުޓީއަށް ރިޕޯޓްކުރަން ވަކި ތާރީޚެއް އަންގާފައެއް ނުވޭ


ސްކޫލްތަކުގެ ޓީޗަރުން ޑިއުޓީއަށް ރިޕޯޓްކުރަންޖެހޭ ވަކި ތާރީޚެއް އަދި އަންގާފައި ނުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވިދާޅުވެފައިވާކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެންއީއޯސީއިން ވިދާޅުވެއްޖެއެވެ.

އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިމަހުގެ 14 ގައި ޓީޗަރުން ސްކޫލްތަކަށް ރިޕޯޓުކުރަންޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގަވާފައިވާކަމަށް ބުނެ ބައެއް ފަރާތްތަކުން ޚަބަރު ފަތުރަމުންދާކަމަށެވެ. އަދި އެގޮތަށް އަންގައި އެޑިއުކޭޝަން މިނިސްޓްރީން ފޮނުއްވާފައިވާ ލިޔުމެއްކަމަށްބުނާ ލިޔުމެއްވެސް ދައުރުކުރަމުންދާކަމަށާ އެފަދަ ލިއުމެއް އެ މިނިސްޓްރީން އެއްވެސް ފަރާތަކަށް ފޮނުވާފައި ނުވާކަމަށް އެ މިނިސްޓްރީން ވިދާޅުވެފައިވާކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ. އަދި އެކަން އެޑިއުކޭޝަން މިނިސްޓްރީން ބަލަމުންދާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ އަލުން ސްކޫލްތަކަށް ޓީޗަރުން ރިޕޯޓުކުރަން ފަށާނެ ތާރީހާއި އެހެނިހެން ތަފްސީލްތައް ކަޑައެޅުމަށް މަސައްކަތް ކުރަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވިދާލުވެފައިވާކަމަށެވެ.

ކޯވިޑް-19 ބަލިމަޑުކަން ރާއްޖޭގައި ފެތުރެން ފެށުމާއި ގުޅިގެން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރުމާއި ގުޅިގެން ސްކޫލްތައް ބަންދުކޮށްފައިވީނަމަވެސް، ދަރިވަރުންނަށް ގޭގައި ތިބެގެން ފިލާވަޅުތައް ލިބޭނެ ގޮތް ހެދުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީއާއި ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ. އެގޮތުން ޓެލިކްލާސްގެ ޒަރިއްޔާއިން ކްލާސްތައް ނަގައިދިނުމާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެންވެސް ދަނީ ދަރިވަރުންނަށް ކިޔަވައިދެމުންނެވެ.

ނަމަވެސް ރާއްޖޭގައި ކޯވިޑް-19ގެ ހާލަތު ރަގަނޅު ވަމުންދާ ގޮތަށް ބަލައި ސްކޫލްތައް އަލުން ހުޅުވަން ސަރުކާރުން ނިންމަވައިފިނަމަ، ރައްކާތެރިކަމުގެ ގޮތުން ސްކޫލްތަކުގައި ހަމަޖައްސަންޖެހޭ އިންތިޒާމްތައް ޔުނިސެފްއާއި ގުޅިގެން ހަމަޖައްސަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ކުރިން ހާމަކުރައްވާފައެވެ.