ޚަބަރު

ކުޑަ ފިރިހެން ކުއްޖަކާމެދު ޖިންސީ އަމަލު ހިންގި މީހާގެ މައްޗަށް ދައުވާކޮށްފި


އުތުރުގެ އަތޮޅެއްގެ ރަށެއްގައި، އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގި ކަމުގެ ތުހްމަތުގައި މިދިޔަ މަހު ހައްޔަރު ކުރި މީހާގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

މި މައްސަލާގައި ދައުލަތުން ދައުވާކުރަނީ އުމުރުން 52 އަހަރުގެ ހއ ހޯރަފުށީ އަންދަލީބުގޭ ހާޝިމް އަބޫބަކުރުގެ މައްޗަށެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ކުށުގެ ވެށިން މިދިޔަ މެއި މަހުގެ 7 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަންޒަރުގެ ވީޑިއޯވެސް ސޯޝަލް މީޑިޔާގައި އާއްމު ވެފައިވެއެވެ. އެނގިފައިވާ ގޮތުގައި މި ފިރިހެން މީހާ ޖިންސީ ގޯނާކޮށްފައިވަނީ އޭނާގެ ވަޒީފާގައި ހުރި ފިރިހެން ކުއްޖަކަށެވެ.

އެމީހާގެ މައްސަލައިގައި ދެ ދައުވާއެއް ޕްރޮސެކިއުޓަރ ޖެނަރަލް އުފުލާފައިވެއެވެ. އެއީ އިތުބާރު ކުރެވޭފަދަ މަގާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ އާއި އިތުބާރު ކުރެވޭފަދަ މަގާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ބެލުވުމުގެ ދައުވާއެވެ.
އޭނާގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ ކުޑަ ކުދިންނާމެދު ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ.