އައްޑޫ ސިޓީ ހުޅުމީދޫގައި މިފްކޯއިން ޤާއިމް ކުރާ ފިޝަރީޒް ކޮމްޕްލެކްސްގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މިތަން ހެދުމަށް ނިންމާފައި ވާ ހުޅުމީދޫ ބަނދަރުގެ ބިމުގައި ފެންސްޖަހައި އިން ވަކިކުރުމުގެ މަސައްކަތް މިއަދު ވަނީ ކޮށްފައެވެ. އަދި ބިމުގެ އިން ވަކިކުރުމާއެކު މަސައްކަތަށް ބޭނުންވާ ސާމާނު ގެންދިއުމުގެ މަސައްކަތް ފަށާނެކަމަށް މިފްކޯއިން މަޢުލޫމާތުދެއެވެ. މަސް ފެކްޓްރީ ޤާއިމް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މެލޭޝިޔާގެ ކުންފުންޏަކާއެވެ. އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ޤާއިމް ކުރުމުގެ މަސައްކަތް އެއްއަހަރު ދުވަހުގެ ތެރޭގައި ނިންމާ ޚިދުމަތް ފޯރުކޮށްދެވޭ ވަރު ވާނެކަމަށް މިފްކޯއިން މަޢުލޫމާތު ދެއެވެ. މިއީ ފަނަރަ ސަތޭކަ ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއަކާ އެކު ދުވާލަކު ސަތޭކަ ޓަނުގެ މަސް ގަނޑުކުރެވޭ ގޮތަށް ޤާއިމު ކުރާ ތަނެކެވެ. އަދި ފަންސާސް ޓަނުގެ އައިސް ޕްލާންޓަކާއި ދުއިސައްތަ ޓަނުގެ ތެލާއި ދުއިސައްތަ ފަންސާސް ޓަނުގެ ފެން އެ ކޮމްޕްލެކްސްގައި އެއްފަހަރާ ރައްކާކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. އަދި މި ކޮމްޕްލެކްސް ގެ ސަބަބުން ދުއިސައްތައެއްހާ ވަޒީފާ އަލަށް އުފެދިގެންދާނެކަމަށް އެ ކުންފުނިން ލަފާކުރެއެެވެ.