ޚަބަރު

ސްކޫލްތަކާއި ޔުނިވަރސިޓީތައް ހުޅުވަނީ އަންނަ މަހު


އަންނަ ޖުލައިމަހުގެ ތެރޭގައި ސްކޫލްތަކާއި ކޮލެޖް ޔުނިވަރސިޓީތައް ހުޅުވާލުމަށް މަސައްކަތްކުރަމުންދާ ކަމަށް އެންއީއޯސީން ވިދާޅުވެއްޖެއެވެ. ސްކޫލްތައް ހުޅުވުމުގެ ކުރިން އެއްވެސް ދަރިވަރަކަށް ނުވަތަ ޢާއިލާ މީހަކަށް ކޯވިޑް ޖެހިފައިވޭތޯ ބަލާ އެމަޢުލޫމާތު އެއްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށްވަނީ އަންގާފައެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް ޑިރެކްޓަރު އާމިނަތު ޝައިނާ ޢަބްދުﷲ ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީއާއި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާއި ގުޅިގެން ސްކޫލްތައް ހުޅުވާލުމަށް އެޗްޕީއޭއިން ތައްޔާރުވަމުން އަންނަކަމަށެވެ. އެގޮތުން ގައިދުރުކަން ކަށަވަރުކުރެވޭނެ ގޮތްތަކާއި ރައްކާތެރިކަމުގެ ގޮތުން ހުންނަންޖެހޭ ޚާއްސަ މިންގަނޑުތައް އެކުލަވާލާ އެކަމަށް ހޭލުންތެރިކަން އިތުރުކޮށް އަންނަ ޖުލައިމަހުގެ ތެރޭގައި ސްކޫލްތަކާއި ކޮލެޖް ޔުނިވަރސިޓީތަކުގެ ކިޔެވުން ފެށުމަށް ރާވަމުންދާކަމަށް އެންއީއޯސީން ވިދާޅުވެއެވެ.

ނިއު ނޯމަލްގައި ސްކޫލްތަކުގައި ކިޔަވައިދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލެއް މިހާރުވެސް މިނިސްޓްރީ އޮފް އެޑިއުކޭޝަނުންވަނީ ޢާއްމުކޮށް ސްކޫލްތަކަށް ފޮނުވާފައެވެ. މިގައިޑްލައިންގައވާ ގޮތުން ސްކޫލްތައް ހުޅުވުމުގެ ކުރިން އެއްވެސް ދަރިވަރަކަށް ނުވަތަ ޢާއިލާ މީހަކަށް ކޯވިޑް ޖެހިފައިވޭތޯ ނުވަތަ ކަރަންޓީ ފެސިލިޓީއަކަށް ގެންގޮސްފައިވޭތޯ ބަލާ އެމަޢުލޫމާތު އެއްކުރުމަށް ސްކޫލްތަކަށްވަނީ އަންގާފައެވެ. ސްކޫލްތެރޭގައި އުޅޭއިރު ހުރިހާ މުވައްޒަފުންނާއި ދަރިވަރުންވެސް މާސްކު އަޅަންޖެހެއެވެ. އެހެންނަމަވެސް އުމުރުން ދެ އަހަރުން ދަށުގެ ކުދިން މާސްކު އަޅާކަށް ނުޖެހެއެވެ. އަދި ނޭވާ ހިއްލުމުގެ މައްސަލަ ހުންނަ ކުދިން މާސްކު އެޅުމުން އިސްތިސްނާވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ގައިޑްލައިންގައިވެއެވެ. މި ގޮތުން ދަރިވަރުންނަށް ޑިސްޕޯސަބަލް ނުވަތަ ފޮތި މާސްކްވެސް ބޭނުންކުރެވިދާނެއެވެ. އެހެންކަމުން ސްކޫލްތައް ހުޅުވުމުގެކުރިން ބެލެނިވެރިންނާ ގުޅިގެން މާސްކް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ގައިޑްލައިންގައި އަންގާފައިވެއެވެ.

މީގެއިތުރުން ސްކޫލްތެރޭގައި ގައިދުރުކަން ކަށަވަރުކުރުމަށް ޚާއްސަ އިންތިޒާމުތަކެއް ހަމަޖެއްސުމަށްވަނީ ސްކޫލްތަކަށް އަންގާފައެވެ. އެގޮތުން ސްކޫލްތެރޭގައި ގައިދުރުކަން ބެހެއްޓުމަށް ކުދިންނަށް އެނގޭނެގޮތަށް ފާހަގަކޮށްފައި ބަހައްޓަންޖެހެއެވެ. ކުލާސްތެރޭގައި ކުދިން ތބޭއިރު ކޮންމެ 2 މޭޒެއް ދޭތެރޭގައި 3 ފޫޓުގެ ދުރުމިން ބެހެއްޓުމަށްވަނީ އަންގާފައެވެ. މީގެއިތުރުން ބެލެނިވެރިން ސްކޫލަށް ކުދިން ގެންގޮސް ދޫކޮށްލަންޖެހޭ ސަރަޙައްދު ފާހަގަކޮށްފައި އެނގޭނެހެން ހުންނަންޖެހޭނެކަމަށްވަނީ އަންގާފައެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް ސްކޫލްތަކަށް އެޑިއުކޭޝަން މިނިސްޓްރީން ފޮނުވި އުސޫލުގައި ކޮންމެ ދުވަހެއްގެ ސްކޫލް ދަންފަޅިތަކުގެ ކިޔެވުން ފެށުމުގެ ކުރިން ސްކޫލް ޑިސްއިންފެކްޓްކުރުމަށްވެސްވަނީ އަންގާފައެވެ. އަދި ސްކޫލްތެރޭގައި މުވައްޒަފުންނަށާއި ދަރިވަރުންނަށް އަތްދޮވެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަށްވަނީ އަންގަވާފައެވެ.

ނިއު ނޯރމަލްގައި ސްކޫލްތަކުގައި ދަރިވަރުން ހޭދަކުރާ ވަގުތު މަދުވާނެކަމަށާއި ހަތަރު ދަންފަޅިއަކަށް ކުރިއަށްގެންދަން ޖެހިދާނެކަމަށް މީގެކުރިން އެޑިއުކޭޝަން މިނިސްޓްރީންވަނީ ވިދާޅުވެފައެވެ. އަދި ގިނަވަގުތު ދަރިވަރުން ކިޔަވާނީ ޑިސްޓެންޓް މޯޑުގައި ކަމަށްވެސް އެމިނިސްްޓްރީން ވިދާޅުވެއެވެ.

ކޯވިޑް-19އާ ގުޅިގެން މިދިޔަ މާރޗް މަހުގެ 15 ވަނަ ދުވަހު ސްކޫލްތައް ބަންދުކުރުމަށްފަހު ޓެލިކިލާސްތައް ފަށައި ކިޔަވައިދެމުންދިޔައެވެ. އަދި މާލެ ސަރަޙައްދު ފުރަބަންދުކުރުމާ ގުޅިގެން އެކްލާސްތައް ހުއްޓިފައި އޮތުމަށްފަހު މިދިޔަ މަހުގެ ތެރޭގައި އަލުން ވަނީ ފަށާފައެވެ

ޔުނިވަރސިޓީތަކުގެ ދަރިވަރުންގެ ކްލާސްތައް އޮންލައިންކޮށް އަންނަނީ ބާއްވަމުންނެވެ. ކޯވިޑާއި ގުޅިގެން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤުވާމީ އިމްތިޙާނުތަކާއި ރާއްޖޭގައި ބާއްވާ އެކި އިމްތިޙާނުތައްވެސް ވަނީ ކެންސަލްކޮށްފައެވެ.