ޚަބަރު

ކޯވިޑް-19 އާއި އެކު ދިވެހިން ވޭތުކުރި 100 ދުވަސް


ރާއްޖެއިން ކޯވިޑު-19ގެ ފުރަތަމަ ކޭސް ފެނުނުތާ މިއަދަށް 100 ދުވަސް ހަމަވީއެވެ. ރާއްޖެއިން ފުރަތަމަ ކޭސް ފެނުނީއްސުރެ ކޯވިޑް ރާއްޖޭގައި ފެތުރުން ކޮންޓްރޯލްކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުމުގެ ކުރިންވެސް ސަރުކާރުން ގެންދެވީ ރާއްޖެއަށް ވައިރަސް އަންނާނެކަމަށް ބަލައިގެން ކުރިމަތިވެދާނެ ހާލަތަކަށް ތައްޔާރުވުމުގެ މަސައްކަތް ކުރައްވަމުންނެވެ. ޗައިނާގެ އިތުރުން އެހެން ޤައުމުތަކުން ވައިރަސް ފެންނަން ފެށުމާއި ގުޅިގެން ރާއްޖޭގައި ވަނީ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައެވެ. އެގޮތުން އެއަރޕޯޓުތަކާއި ސީ ޕޯޓުތަކުގައި ތާމަލް ކެމެރާތައް ހަރުކޮށްގެން ރާއްޖެއަށް އަންނަ މީހުން ސްކްރީންކުރުމުގެ މަސައްކަތް ފެށިއެވެ. މީގެ އިތުރުންވެސް ރާއްޖޭގައި ބަލި ފެތުރިގެން ހިނގައިދާނެ ޙާލަތަކަށް ތައްޔާރުވެ، ސިއްޙީ ވަސީލަތްތައް ޤާއިމްކުރުމާއި މުވައްޒަފުން ތަމްރީން ކުރުމުގެ މަސައްކަތްތައް ފެށިއެވެ.

ރާއްޖެ ތައްޔާރުވަމުން ދަނިކޮށް ރާއްޖެއިން ފުރަތަމަ ކޭސް ފެނުނީ މާޗް މަހުގެ ހަތްވަނަ ދުވަހުގައެވެ. އެއީ ކުރެއްދޫ ރިސޯޓުގައި މަސައްކަތްކުރަމުންދިޔަ ބިދޭސީންގެ ތެރެއިން ފަރުކޮޅުފުށީ ކަރަންޓީނަށް ގެންދިޔަ ދެ މީހުންނެވެ. ރާއްޖެއިން ފުރަތަމަ ކޭސް ފެނިފައި ވަނީވެސް ރައްކާތެރިކަމަށްޓަކައި ޝައްކުކުރެވޭ މީހުންގެތެރެއިން ކަރަންޓީނު ކުރެވުނު މީހުންގެތެރެއިންނެވެ. ފުރަތަމަ ކޭސްތައް ފެނުމާއެކު ކޮންޓެކްޓް ޓްރޭސިން ވަރުގަދަކޮށް ބަލި ހުރެދާނެކަމަށް ޝައްކުކުރެވޭ އެންމެން ޓެސްޓުކުރުމުގެ މަސައްކަތްވަނީ ފުޅާކުރިއެވެ.

ރާއްޖެއިން ކޯވިޑްގެ ފުރަތަމަ ކޭސް ފެނުނުފަހުން މުޅިންވެސް މިބައްޔަށް ޕޮޒިޓިވްވެފައި ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އައި ފަތުރުވެރިންނާއި ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތްކުރަމުން އައި ބިދޭސީންނެވެ. ރާއްޖޭއިން ފުރަތަމަ ކޭސް ފެނުނުތާ ވިހި ދުވަސްފަހުން ފުރަތަމަ ފަހަރަށް މިބައްޔަށް ދިވެއްސަކު ޕޮޒިޓިވްވީ 27 މާޗުގައެވެ. އެ މީހާއަކީ އިގިރޭސިވިލާތުން ރާއްޖެއައުމާ ގުޅިގެން ކަރަންޓީންކޮށްފައި ހުރިމީހެކެވެ. މީގެއިތުރުން ހަމަ އެދުވަހު ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ހޮލިޑޭ އައިލެންޑް ރިސޯޓުގައި ކަރަންޓީނު ކޮށްފައިވާ ދިވެއްސެއްގެ ސާމްޕަލްވެސް ވަނީ ކޯވިޑް19 އަށް ޕޮސިޓިވްވެފައެވެ. ދިވެހިން ބައްޔަށް ޕޮޒިޓިވްވިނަމަވެސް އޭރު މުޅިންވެސް ޕޮޒިޓިވްވެފައި ވަނީ ރާއްޖެއިން ބޭރުން އައިމީހުންގެ ތެރެއިން ކަރަންޓީނުގައި ތިބި މީހުންނެވެ.

އޭޕްރީލްމަހުގެ 15ވަނަ ދުވަހު މާލޭ ފްލޫ ކްލިނިކަށް ދެއްކި ދިވެއްސަކު ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މިއީ މާލެއިން ފެނުނު ފުރަތަމަ ކޭސްއެވެ. އެއީ ރާއްޖެއިން ބޭރަށް ދިޔަ މީހެއް ނޫންކަމަށާއި އެހެންކަމުން މިކޭސްއާއެކު މާލޭގައި ކޮމިއުނިޓީ ސްޕްރެޑެއް އުޅޭކަމަށް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ. އެ މީހާއަކީ މިބައްޔަށް ދިވެހިންގެ ތެރޭގައި ޕޮޒިޓިވްވި 6 ވަނަ މީހާއެވެ. އެއާއެކު މާލެ ރެޑްއެލާޓަށް ގެނައި ފަހުން ފާއިތުވެގެން މިދިޔަ 2 މަސް ދުވަހުވެސް މިއޮތީ ރެޑް އެލާޓުގައވެ. ހަމައެއާއިއެކު މާލެ ވަނީ 24 ގަޑިއިރަށް ފުރަބަންދު ކުރުމަށްފަހު އިއްޔެ އާއި ހަމައަށް ފުރަބަންދުގައި ބާއްވާފައެވެ.

ރާއްޖެއިން ކޯވިޑްގެ ފުރަތަމަ ކޭސް ފެނުނުތާ ފަންސާސް ތިންވަނައަށް ވީދުވަހު އޭޕްރީލް މަހުގެ 30 ވަނަ ދުވަހު މިބަލީގައި ރާއްޖޭގައި ފުރަތަމަ މީހާ ވަނީ މަރުވެފައެވެ. ރާއްޖޭގައި ކޯވިޑްގެ ސަބަބުން މަރުވި ފުރަތަމަ މީހާއަކީ ޢުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.

ރާއްޖޭގައި ކޯވިޑް ފެތުރެންފެށިތާ މިއަދަށް 100 ދުވަސް ހަމަވާއިރު މިހާތަނަށް މިބައްޔަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ އެޕްރީލްމަހުގެ 30 ވަނަ ދުވަހުގައެވެ. އެދުވަހު އެކަނި 179 މީހުން ޕޮޒިޓިވްވިއެވެ. އަދި އެންމެ މަދު ކޭސްގެ ގޮތުގައި 5 ކޭސް ރިޕޯޓުކޮށްފައި ވަނީ ޖޫންމަހުގެ 3 ވަނަ ދުވަހުއެވެ. އަދި ރާއްޖެއިން ބަލި ފެނުނުތާ މިއަދަށް 100 ދުވަސް ހަމަވިއރު ބަލިޖެހުނު މީހުންގެ އަދަދު ވަނީ، 2035އަށް އަރާފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ، 1311އަށް މަތިވެ ބަލިން ރަނގަޅުވި މީހުންގެ ނިސްބަތް 64 އިންސައްތައަށް މަތިވެފައެވެ.

ރާއްޖޭގައި ކޯވިޑް ފެތުރެން ފަށުމުގެ ކުރިން ރާއްޖެއާއި އަވައްޓެރި ބައެއް ޤައުމުތަކުގައި ކޯވިޑް ފެތުރެންވަނީ ފަށާފައެވެ. އެގޮތުން އެންމެ ގާތުގައި އޮތް އިންޑިއާގައި ކޯވިޑް ފެތުރެން ފެށިތާ 100 ދުވަސްވެފައިވަނީ މޭއިމަހުގެ 11 ވަނަ ދުވަހަކަށެވެ. އެގޮތުން އެޤައުމުގައި 100 ދުވަސް ވީއިރު އިންޑިއާ ހިމެނިފައިވަނީ އެންމެ ގިނަ ކޭސް ފެންނުނު ޤައުމުތަކުގެ ލިސްޓުގެ 14 ވަނައިގައެވެ. އަދި އިންޑިއާގައި ފުރަތަމަ ކޭސް ފެނުނުތާ 100 ދުވަސްވީއިރު އެޤައުމުގައި ބަޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ ފަސްދޮޅަސް ފަސްހާހަށްވުރެ މައްޗަށް އަރާފައެވެ. ދެން އެންމެ ގާތުގައި އަދި އެންމެ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ ލަންކާގައިވެސް ކޯވިޑް އަންނަނީ ފެތުރެމުންނެވެ. ފެބްރުއަރީ 15 ވަނަ ދުވަހު ލަންކާގައި ފުރަތަމަ ކޭސް ފެނުނުއިރު މިހާތަނަށް އެއްހާސް އަށްސަތޭކަ އަށްޑިހަ ހަތަރު ކޭސް އެޤައުމުންވަނީ ޕޮޒިޓިވްވެފައެވެ. އަދި މިހާތަނަށް އެޤައުމުން 11 މީހަކުވަނީ މަރުވެފައެވެ.

ރާއްޖޭގައި ކޯވިޑް ފެތުރެން ފެށިތާ 100 ދުވަސް މިއަދަށް ހަމަވިއިރު ރާއްޖޭގެ ޙާލަތު ރަނގަޅުވަމުން އަންނާތީ މިހާރު ޢިއުލާންކޮށްފައިވާ ފުރަބަންދަށް ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. މިގޮތުން މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ 24 ގަޑިއިރުގެ ފުރަ ބަންދަށް ނިމުން ގެނެސް ސަލާމަތީ ފިޔަވަޅުތަކާއި އެކު އާއްމުން މަގުމައްޗަށް ނުކުތުމުގެ ހުއްދަވެސް ވަނީ ދީފައެވެ. އަދި މިސްކިތްތައް ހުޅުވާލައި އައު އާއްމު ހާލަތެއްގައި އާއްމުން ވަނީ ދިރިއުޅެން ފަށާފައެވެ.