ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން މެލޭޝިއާގައި ރާއްޖެ ނާދެވިފައި ތިބި ދިވެހިންގެ ތެރެއިން 195 މީހުން މޯލްޑިވިއަންގެ ފްލައިޓެއްގައި ރާއްޖެ ގެނެސްފިއެވެ.
މި މީހުން ރާއްޖެ ގެނެސްފައިވަނީ މޯލްޑިވިއަންއާއި، ރާއްޖޭގެ ފޮރިން މިނިސްޓްރީއާއި، މެލޭޝިއާގެ ފޮރިން މިނިސްޓްރީގެ އިތުރުން މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެންބަސީ ގުޅިގެންނެވެ.
މޯލްޑިވިއަންއިން ބުނީ މިފްލައިޓްގެ އިތުރުން މިމަހުގެ 17 ގައިވެސް މެލޭޝިޔާގައި ތިބި އިތުރު ދިވެހިންތަކެއް ރާއްޖެ ގެނައުމަށް ފްލައިޓެއް ބާއްވަން ހަމަޖެހިފައިވާކަމަށެވެ. އަދި ވަރަށް އަވަހަށް ސްރީލަންކާ ގައި ތިބި ދިވެހިންގެ ތެރެއިން ބަޔަކު ރާއްޖެ ގެނައުމަށްވެސް މިފަދަ ފްލައިޓެއް ބޭއްވުމަށް ތައްޔާރު ވަމުންދާކަމަށެވެ.
ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ބޭރުގެ ޤައުމުތަކުގައި ރާއްޖެއަށް ނާދެވިފައިތިބި ދިވެހިން ގެނައުމަށް މިހާތަނަށް މޯލްޑިވިއަންއިން ވަނީ އެކި ޤައުމުތަކަށް 40 ހަކަށް ދަތުރުކޮށް، 4000 ވުރެ ގިނަ ދިވެހިން ރާއްޖެއަށް ގެނެސްފައިވާކަމަށް މޯލްޑިވިއަނުން ހާމަކޮށްފިއެވެ.
މީގެއިތުރުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން އެމީހުންގެ ޤައުމަށް އަނބުރާ ފޮނުވާލުމަށް ކުރާ ބައެއް ދަތުރުތައްވެސް މޯލްޑިވިއަންއިން ދަނީ ބާއްވަމުންނެވެ.
ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ރާއްޖެ ގެނައުމުގެ އިތުރުން، މޯލްޑިވިއަނުން ދަނީ ރާއްޖެއަށް ބޭނުންވާ މުދާ ގެނައުމަށްޓަކައި ޚާއްސަ ކާގޯ ފްލައިޓްތަކެއްވެސް ބާއްވަމުންނެވެ. އެގޮތުން މޯލްޑިވިއަން އިން ވަނީ މިހާތަނަށް 700 ޓަނުގެ މުދާ އެކި ޤައުމުތަކުން ރާއްޖެ ގެނެސްފައެވެ.