ޚަބަރު

ފެން ފަންޑުން އުސޫލުން ބޭރުން 10.82 މިލިޔަން ރުފިޔާ ޚަރަދުކުރި - އޮޑިޓް ރިޕޯޓް


މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގައި 2014ވަނަ އަހަރު ހިނގައިދިޔަ އަލިފާނުގެ ޙާދިސާއާ ގުޅިގެން ސަރުކާރުން އުފެއްދި "މާލޭ ވޯޓަރ ކްރައިސިސް މެނޭޖްމަންޓް ފަންޑުން" ނުވަތަ ފެން ފަންޑުން ޚަރަދުކުރާނޭ ކަންތައްތައް ރަސްމީކޮށް ކަނޑަނާޅައި އެފަންޑުގެ ފައިސާއިން 10.82 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ހާމަކޮށްފިއެވެ.

"މާލޭ ވޯޓަރ ކްރައިސިސް މެނޭޖްމަންޓް ފަންޑް"ގެ ނަމުގައި ސަރުކާރުން އުފެއްދި ފަންޑަށް ލިބުނު މާލީ އެހީތަކާއި، އެ ފަންޑަށް ލިބުނު ފައިސާއިން ކުރި ޚަރަދުތަކާމެދު ޢަމަލުކުރި ގޮތްތައް ބައްލަވައި އޮޑިޓަރ ޖެނަރަލް ނެރުއްވި އޮޑިޓް ރިޕޯޓްގައިވަނީ ގިނަ ކަންތައްތަކެއް ފާހަގަކުރައްވާފައެވެ.

މި އޮޑިޓް ރިޕޯޓުގައި ވާގޮތުން މިހާދިސާއާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވި ދިވެހި ރުފިޔާ އެކައުންޓަށާއި ޑޮލަރުގެ އެކައުންޓަށާއި އެމްއެމްއޭގައި ހުޅުވި ޑޮލަރު އެކައުންޓަށް ޖުމުލަ 52.52 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. އަދި އެއް އަހަރުދުވަހުގެ މުއްދަތަށް އިންޓްރެސްޓް ފްރީ ލޯނެއްގެ ގޮތުގައި އަމިއްލަ ފަރާތަކުން 75 މިލިޔަން ރުފިޔާ އެފަންޑަށް ދެއްވާފައިވެއެވެ. މިއާއެކު އެހީގެ ގޮތުގައި ޖުމްލަ 127.52 މިލިޔަން ރުފިޔާ އެފަންޑަށް ލިބިފައިވުމާއި މާލެއަށް ދިމާވި ފެނުގެ ކާރިޘާއިން އަރައިގަތުމަށްޓަކައި އޭގެ ތެރެއިން 85.82 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަން އޮޑިޓްރިޕޯޓުން ހާމަކޮށްފައިވެއެވެ.

އެހީގެ ގޮތުގައި ބޭންކުތަކަށް ޖަމާކޮށްފައިވާ 52.52 މިލިޔަން ރުފިޔާގެ ތެރެއިން ހާދިސާއާ ގުޅިގެން ޙަރަދުކޮށްފައިވަނީ 10.82 މިލިޔަން ރުފިޔާއެވެ. މިއީ ފަންޑަށް ލިބުނު ފައިސާގެ %20.6 ކަމަށްވާއިރު ބާކީ ފައިސާގެ ގޮތުގައި ހުރި 41.69 މިލިޔަން ރުފިޔާ މިދިޔަ 2019ވަނަ އަހަރުގެ ޖަނަވަރީމަހުގެ 31ވަނަ ދުވަހު ލޯނު އެންޑް ކެޕިޓަލް ވާރކްސް ފަންޑަށް ޖަމާކޮށްފައިވާކަމަށް އޮޑިޓަރ ޖެނަރަލް ވަނީ ފާހަގަކުރައްވާފައެވެ.

މި އޮޑިޓް ރިޕޯޓުގައިވާގޮތުން މިފަންޑުގެ މޭންޑޭޓެއް އެކުލަވާލާފައެއް ނުވެއެވެ. އަދި ފަންޑުން ޚަރަދުކުރާނޭ ކަންތައްތައް ރަސްމީކޮށް ކަނޑައެޅުމަކާއިނުލައި އެ ފަންޑުގެ ފައިސާއިން 10.82 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މީގެ އިތުރުން ފަންޑުން ޚަރަދުކުރާނޭ ކަންތައްތައް ކަނޑައަޅާފައިނުވުމުގެ ސަބަބުން ޚަރަދުކުރުމުގެ ކަންތައްތައް ހަވާލުކޮށްފައިވާ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް އެމްޑަބްލިޔުއެސްސީން ހުށަހެޅި ބިލްތަކަށް ފައިސާ ދެއްކުމަށް ދަތިތަކާ ކުރިމަތިވަމުން ގޮސްފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

މި ފަންޑު އެކުލަވާލާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 25ވަނަ މާއްދާގައިވާ ގޮތުގެ މަތިން ނޫންކަމަށާ، ފަންޑުގެ ހިސާބުތައް ބަލަހައްޓާފައި ނުވާކަންވެސް އޮޑިޓް ރިޕޯޓުގައި ހާމަކޮށްފައިވެއެވެ. އެގޮތުން އަލިފާނުގެ ހާދިސާއާ ގުޅިގެން ކުންފުންޏަށް ލިބުނު ގެއްލުންތައް ފޫބެއްދުމަށްޓަކައި އެ ކުންފުނިން ކޮށްފައިވާ ޚަރަދަށްވުރެ އިތުރަށް 12.75 މިލިޔަން ރުފިޔާ އެ ކުންފުންޏަށް ލިބިފައިވާކަމަށް ބެލެވޭކަން އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.

ދައުލަތުގެ ވަކި ބޭނުމަކަށް ހަދިޔާގެ ގޮތުގައި ނުވަތަ ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާއަކީ ޓްރަސްޓް ފަންޑްގެ ގޮތުގައި ލިބޭފައިސާގެ ގޮތުގައި ބެލުމަށް އޮޑިޓަރ ޖެނަރަލްވަނީ އަންގަވާފައެވެ. އަދި ދައުލަތުގެ ވަކި ބޭނުމަކަށް ހަދިޔާގެ ގޮތުގައި ނުވަތަ ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާ ޚަރަދުކުރުމުގެ ކުރިން އެފައިސާ ޚަރަދުކުރާނޭ ވަކި ކަންތައްތަކެއް ކަމާބެހޭ އިދާރާއަކުން ނުވަތަ ކޮމެޓީއަކުން ލިޔެކިޔުމުން ކަނޑައެޅުމަށާއި އެގޮތުން ކަނޑައަޅާފައިވާ ކަންތައްތައް ފިޔަވައި އެހެން ކަންތައްތަކަށް ޚަރަދު ނުކުރުމަށް އޮޑިޓަރ ޖެނަރަލްވަނީ ލަފާދެއްވާފައެވެ.