ފުރަބަންދަށް ދިންލުއިތަކާއެކު ގެއިން ނިކުމެ އުޅުމުގެ ފުރުސަތު ލިބުމުން މާލެތެރެ އަނެއްކާވެސްވަނީ ހަލަބޮލިވެފައެވެ. މިގޮތަށް އާއްމުން ބޭރަށް ނިކުމެ އުޅޭ ވަގުތުތަކުގައި ތަފާތު ބާވަތްތަކުގެ ކާބޯތަކެތި ބޭނުންކޮށްފަ ހުންނަ ތަކެތި އެކި ދިމަދިމާލަށް އުކާލާފަ ހުންނަތަން މާލޭގެ އެކި ސަރަހައްދުން ފެނުންމިވަނީ އިތުރުވެގެންގޮސްފައެވެ.
ހަމައެއާއެކު ފެނިގެން ދިޔައީ މާލެތެރޭގެ އެކި ސަރަޙައްދުތަކުން ކުނިގިނަވެގެންދިޔަތަނެވެ.
ފުރަބަންދަށް ލުއިތަކެއްދީ ބައެއް ގަޑިތަކުގައި ހުއްދަ ނުހޯދާ ބޭރަށް ނިކުތުމުގެ ފުރުސަތު ސަރުކާރުން މިހާރުވަނީ ދެއްވާފައެވެ. މިއާއެކު ދެމަހެއްހާދުވަހު ހިމޭންކޮށް އޮތް މާލޭގެ މަގުތައް އަނެއްކާވެސްވަނީ ހަލަބޮލިވެގެން ގޮސްފައެވެ. ވިޔަފާރިކުރުމަށާއި ދުއްވާލަން ނިކުތް ޒުވާނުންނެވެ. ހިނގާލާ ކަސްރަތުކޮށްލާ މޫދަށް އެރިލަން ނިކުތް ޢުމުރުން ދޮށީ މީހުންނެވެ. ހިތްހަމަޖައްސާލާ އުފާކޮށްލަން ނުކުތް ކުޑަކުދިންނެވެ. މިގޮތަށް ނިކުމެ އުޅުނު ބައެއް ފަރާތްތަކުންވަނީ މާލޭގައި ޢާއްމުކޮށް މީހުން އެއްވެ އުޅޭ ސަރަޙައްދުތައްކަމަށްވާ އާޓިފިޝަލް ބީޗު ސަރަޙައްދާއި ބްރިޖް ޕްލެޓްފޯމު ސަރަޙައްދާއި ސޯޝަލް ސެންޓަރު ސަރަހައްދާއި ރަސްފަންނު ސަރަޙައްދުގެ އިތުރުން ޓޭކްއަވޭ ލިބެން ހުރި އެކި ފިހާރަތައް ހުންނަ ސަރަޙައްދުތަކުގައި ހުރި ޕާކިންގ ލޮޓްތަކަށް ގިނަ ޢަދަދަކަށް ކުނި އަޅާފައެވެ.
ބައެއް ފަރާތްތަކުގެ ޢަމަލުތައް މިގޮތަށް ހުރި ނަމަވެސް މިކަމުގެ ކަންބޮޑުވުމާއި ނުރުހުންފާޅުކޮށް މީހުންވަނީ ސޯޝަލް މީޑިއާގައި އެކަމުގެ ޝަކުވާތައްވެސް ހިއްސާކޮށްފައެވެ. އެގޮތުން ފުރަބަންދަށް ދެދުވަސްނުވަނީސް ކުނި އަޅާފައިވަނިކޮށް މީހަކު ޝެއަރކޮށްފައިވާ ވީޑިއޯއެއްގައިވެސް ޓޭކްއަވޭގެ ގޮތުގައި ކޮފީ ގަނެގެން ބުއިމަށްފަހު ތަށިތައް ޕާކިން ޒޯނެއްގެ ތެރެއަށް އަޅާފައިހުރި މަންޒަރުފެނެއެވެ. މިއާއެކު ތިމާވެށި ޙިމާޔަތްކުރުމަށް އަދި ވެށީގެ ސާފުކަމަށް މަސައްކަތްކުރާ ކްލީން މޯލްޑިވްސްއިންވަނީ މިޢަމަލު ކުށްވެރިކޮށްފައެވެ. އަދި މިއީ ޢާއްމުންނާއި ކުޑަކުދިން ބޭނުންކުރާ ތަންތަނަށްވާއިރު މިފަދަ ތަންތަނުގެ ސާފުތާހިރުކަމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެއްކަމުގައި އެފަރާތުން ފާހަގަކުރެއެވެ. އަދި ކުޑަކުދިންނަށް މިއަށްވުރެ ރައްކާތެރި ވެއްޓެއް ދޭންޖެހޭކަމަށް އެޖަމިއްޔާއިންވަނީ ބުނެފައެވެ.
މާލޭގެ އެކިސަރަޙައްދުތަކަށް ކުނިއަޅާފައިވާއިރު މީގެތެރއިން ގިނަ ސަރަޙައްދުތަކުގައި ޑަސްބިންވެސް ބަހައްޓާފައިވެއެވެ. ބައެއް ސަރަޙައްދުތަކުގައި ހުރި ޑަސްބިން ފުރިފައިހުރި ނަމަވެސް އެއީ ކުނި އެތަނަކަށް ދޫށްލުމަށް އޮތް ހުއްދައެއް ނޫނެވެ. އަމިއްލައަށް ގަންނަ ތަކެތިން އުފެދޭ ކުންޏަށް ޒިންމާނުވުމުގެ ސަބަބުން ސާފުތާހިރުކަން ގެއްލި ރީތިކަން ގެއްލިގެންދަނީ ހަމަ އަޅުގަނޑުމެންގެ ވެއްޓެވެ.