ޚަބަރު

މިދިޔަ ތިން ދުވަސްތެރޭ 446 ދިވެހިން ރާއްޖެ ގެނެސްފި


ބޭރު ގައުމުތަކުގައި ދިރިއުޅެމުންދާ ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ 446 މީހަކު ވޭތުވެދިޔަ ތިންދުވަސްތެރޭ ރާއްޖެ ގެނެސްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އާ ގުޅިގެން މިމަހުގެ 15 އިން ފެށިގެން މިއަދާ ހަމައަށް މެލޭޝިޔާއިންނާއި އިންޑިޔާއިންނާއި ނޭޕާލުން ދިވެހިން ގެނެސްފައިވެއެވެ.

ފޮރިން މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ހޯމަ ދުވަހު މެލޭޝިއާއިން އައި މޯލްޑިވިއަންގެ ފްލައިޓްގައި 198 ދިވެހިން އަދި އިއްޔެ މެލޭޝިއާއިން އައި މޯލްޑިވިއަންގެ ފްލައިޓްގައި 175 ދިވެހިން ރާއްޖެ އައިސްފައިވެއެވެ. އަދި މިދިޔަ އަންގާރަ ދުވަހު އިންޑިއާގެ ބެންގަލޯރއިން އައި ފްލައިޓްގައި 54 ދިވެހިން ރާއްޖެ އައިސްފައިވެއެވެ. އިންޑިއާގެ ބެންގަލޯރ އިން ރާއްޖެ އައި ފްލައިޓަކީ ރާއްޖޭގައި ތިބި އިންޑިއާ މީހުން ބަލާ އައި ފްލައިޓެކެވެ.

މީގެއިތުރުން ރާއްޖޭގައި ތިބި އިންޑިއާ މީހުން ބަލާ އައި ފްލައިޓެއްގައި އިއްޔެ އިންޑިއާގެ ވެރިރަށް ދިއްލީން 10 ދިވެހިން އައިސްފައިވެއެވެ. ހަމަ އެހެންމެ ރާއްޖޭގައި ތިބި އިންޑިއާ މީހުން ބަލާ މިއަދު އައި ފްލައިޓެއްގައިވެސް ދެ ދިވެހިން އައިސްފައިވެއެވެ.

ރާއްޖޭގައި ތިބި ނޭޕާލް މީހުން ބަލާ މިދިޔަ އަންގާރަ ދުވަހު އައި ފްލައިޓެއްގައިވެސް ހަތް ދިވެހިން ރާއްޖެ އައިސްފައިވެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ބޭރު ގައުމުތަކުން ޗާރޓަރކޮށްގެން އެ ގައުމުގެ މީހުން ބަލައި ރާއްޖެ އަންނަ ފްލައިޓްތަކުންވެސް ރާއްޖެއައުމަށް ޖާގަ ލިބުމުން އެފުރުސަތު ބޭނުން ދިވެހިން ނުހިފާކަމަށެވެ.

އެހެން ނަމަވެސް މިފަދަ ފުރުސަތު ތަކަކީ ބޭނުން އިރަކު ލިބޭނެ ފުރުސަތެއް ނޫންކަމުން، ފްލައިޓްތައް އޮންނަ ތާރީޚުތަކުގައި ރާއްޖެއަށް އަންނަން ބޭނުންވާ މީހުން ރާއްޖެ އައުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.

ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކުގައި ތިބި ދިވެހިންގެ ތެރެއިން ކޮންމެހެން އަންނަން ބޭނުންވާ މީހުންނަށް އެފުރުސަތު ހޯދައިދިނުމަށް ސަރުކާރާއި ފޮރިން މިނިސްޓްރީއިން ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.