ޚަބަރު

އައު އާންމު ޙާލަތުގައި މާލޭ ލޯކަލް މާރުކޭޓް ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައް ފަށައިފި


އައު އާންމު ޙާލަތުގައި މާލޭ ލޯކަލް މާރުކޭޓް ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައް ފަށައިފިއެވެ.

މިތައްޔާރީތައް ފަށާފައިވަނީ މާލެ ސިޓީގެ ޓީމުން ލޯކަލް މާރުކޭޓް އިންސްޕެކްޓްކޮށް މަސައްކަތް ކުރާނެގޮތާމެދު މަޝްވަރާކުރުމަށް ފަހުގައެވެ. އެގޮތުން މާލެ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ހިމެނޭހެން ސިޓީ ކައުންސިލްގެ ޓީމަކުން ވަނީ ލޯކަލް މާރުކޭޓް އިންސްޕެކްޓް ކުރައްވާފައެވެ.

މާލެ ސިޓީ ކައުންސިލްގެ ޓުވީޓް

އައު އާންމު ޙާލަތުގައި އަންނަ މަހު މާލޭ ލޯކަލް މާރުކޭޓް ހުޅުވުމަށް ތައްޔާރުވަމުންދާއިރު، ފުރަބަންދު އުވާލައި މާލޭ ސިޓީގެ މާރުކޭޓުތައް އަލުން ހުޅުވާއިރު ޚިދުމަތް ދިނުމުގައި އަމަލު ކުރަންޖެހޭ އުސޫލުތައް މާލޭ ސިޓީ ކައުންސިލުން ވަނީ އާންމުކޮށްފައެވެ.

މާލޭ ސިޓީ ކައުންސިލުން ނެރެފައިވާ މިންގަނޑުތަކަކީ ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަނޑައަޅާފައިވާ މިންގަނޑެއްކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އެގޮތުން މާރުކޭޓުތަކުގައި ހިންގާ ގޮޅިތަކުގައި ހިފަހައްޓަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތަކާއި ހިދުމަތްދޭން ތިބޭ ފަރާތްތަކުގެ ސާފުތާހިރުކަން ހުންނަންޖެހޭ މިންގަނޑުތަކުގެ އިތުރުން ވިއްކަން ބަހައްޓާ ތަކެތީގެ ސާފުތާހިރުކަމުގެ މިންގަނޑުތައްވެސް މި އުސޫލުގައި ހިމަނާފައިވެއެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ ކޯވިޑް-19ގެ ޙާލަތަށްފަހު މާރުކޭޓްތައް އަލުން ހުޅުވާއިރު ގޮޅިތައް ކޮންމެ ދުވަހަކު އެއްފަހަރު ޑިސްއިންފެކްޓްކޮށް ސާފްކުރަންޖެހޭނޭކަމަށެވެ. އަދި ވިއްކަން ބަހައްޓާފައި ހުންނަ ތަކެތި ބިންމަތީގައި ނުބެހެއްޓުމާއި، ގޮޅީގައި ތިބޭ މީހުން ސާފްތާހިރުކޮށް ތިބުމާއި، އިޖްތިމާއީ ގައިދުރުކަމުގެ މިންގަނޑުތަކަށް ކަމޭ ހިތުމާއި ބަލީގެ އަލާމަތްތައް ފެންނިއްޖެނަމަ ގޮޅީގައި މަސައްކަތް ނުކުރުމަކީވެސް ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ މިންގަނޑުތަކުގައި ހިމެނޭކަމެކެވެ.

މީގެއިތުރުން ގޮޅިތަކުގައި ވިއްކާ ތަކެތި ސާފުކުރުމާއި، ތަކެތީގެ އަގު އެނގޭނެހެން ބެހެއްޓުމާއި، ކަސްޓަމަރުންވެސް އަދި ގޮޅީގައި ތިބޭ މީހުންވެސް ތަކެތީގައި އަތްނުލުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ. އަދި މާރުކޭޓު ގޮޅިތަކަށް ހިދުމަތް ހޯދަން އަންނަ ފަރާތްތަކަކީ އެޗްޕީއޭއިން ކަނޑައަޅާ އަންގާފައިވާ ގޮތަށް މާސްކް އަދި ސާފްތާހިރުކަމުގެ އެހެން ފިޔަވަޅުތައް އަޅާފައިވާ ބަޔަކަށް ވާންޖެހޭނެކަމަށް ސިޓީ ކައުންސިލުން އާއްމުކޮށްފައިވާ މިންގަނޑުގައިވެއެވެ.

އަލަށް އަމަލުކުރާ އުސޫލުތަކުގެ ދަށުން މާރުކޭޓުތައް އަލަށް ހުޅުވާލާއިރު ކޮންމެ ގޮޅިއެއްގައި ތިބޭ މީހުންގެ ޢަދަދު ކަނޑައެޅި ފާސް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އެއެވެސް ގޮޅިއެއްގައި ބިދޭސީއަކަށް ކޭޝިއަރަކަށް ނުހުރެވޭނެކަމަށާ، ބިދޭސީއަކަށް ގޮޅީގައި ހުރެވޭނީ ސުޕަވައިޒްކުރެވޭނެ ގޮތެއް ހަމަޖެއްސުމަށްފަހުއެވެ.

މީގެ އިތުރުން މާރުކޭޓް ސަރަހައްދުގެ ސާފުތާހިރުކަން ބެލެހެއްޓުމަށް އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މާރުކޭޓު ސަރަހައްދުގައި ހުރި އަތޮޅު ފިހާރަތައް ވެމްކޯގައި ރަޖިސްޓަރކޮށް ކުނި އުކާލުމުގެ އިންތިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.