ޚަބަރު

އެގާރަ އަހަރުގެ ކުއްޖާ ރޭޕްކުރި މައްސަލަގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދު


އެގާރަ އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލާގައި ތުހުމަތުކުރެވޭ ހއ. ބާރަށް، ސިލްސިލާގެ، އަނީސް ޙިލްމީ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ކްރިމިނަލް ކޯޓުން މިއަދު ނެރެފި އެވެ.

ކްރިމިނަލް ކޯޓުން މި އަމުރު ނެރުއްވާފައިވަނީ އޭނާގެ ބަންދަށް ކޯޓުން އިތުރުކޮށްދިން ހަތް ދުވަސް ހަމަވެފައިވާތީ އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުންނެވެ.

އޭނާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާދޭން އަމުރަކަށް ފުރަތަމަ ވެސް ކޯޓުގައި އެދުނެވެ. އެހެންނަމަވެސް އަނީސް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވާތީ ކޯޓުން ފުރަތަމަ ވަނީ ހަތް ދުވަސް ބަންދުގައި ބަހައްޓަދޭން އަމުރުކޮށްފައި އެވެ.

އަނީސްގެ މައްޗަށް ތުހްމަތު ކުރެވޭ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައިގެން ކޯޓުގައި ޕްރޮސެކިއުޓާ ޖެނަރަލް އެދިވަޑައިގެންނެވީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން، ކުށުގެ ތުހުމަތުކުރެވޭ މީހާ ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ހޯދުމަށް ކޯޓަށް ހުށަހަޅައިދިނުމަށް އެދި ޕީޖީގެ އަރިހުން އެދިވަޑައިގެންނެވުންނެވެ.

އެގާރަ އަހަރުގެ ކުއްޖާ ރޭޕްކުރުމުގެ މައްސަލައިގައި މިހާތަނަށް ބެލިބެލުމުން އެކުއްޖާ ރޭޕްކޮށްފައިވަނީ ގްރޫމްކޮށްގެންކަމަށް ފުލުހުން ވަނީ ވިދާޅުވެފައި އެވެ.