ރާއްޖެއިން ކޯވިޑް-19 ފެނުމާއިއެކު ޑޮކްޓަރުންގެ އެންމެ ބޮޑު ނަސޭހަތަކަށްވީ އެ ބަލި ފެތުރުނަ ނުދިނުމަށް ގެއިން ބޭރަށް ނިކުމެއުޅުމުގައި ސަމާލުކަން ދިނުމަށެވެ. ގެއިން ބޭރަށް ނިކުމެ އުޅުމުގައިވެސް ބައްދަލުވާ މީހުން މަދުކުރުމަށް ނަސޭހަތްތެރިވެއެވެ. ނަމަވެސް އެ ނަސޭހަތް ބައެއް މީހުން އަޑުއެހިތަނެއް ނުފެނުނެވެ. އެކަން އެންމެ ބޮޑަށް އެނގެނީ މާލެއިން ފުރަތަމަ ކޯވިޑް-19އަށް ޕޮޒިޓިވް މީހުންގެ ކޮންޓެކްޓް ޓްރޭސިން ހެދިއިރު އެކަކު އެތައް ބަޔަކާ ބައްދަލުވެފައި ވުމެވެ. އެމީހުން ދިޔަ ތަންތަނުގެ ތެރޭގައި މަސްދަތުރާއި ޕާޓީތައް ވެސް ހިމެނެއެވެ. އެއާއެކު ހަލުވިކަމާއެކު މާލޭގައި މި ބަލިމަޑުކަން ފެތުރެން ފެށިއެވެ. އެއާއިގުޅިގެން މާލެ ފުރަބަންދުކޮށް ހަރުކަށި ފިޔަވަަޅުތަކެއް އަޅަން ޖެހުނެވެ. އެފިޔަވަޅުތަކާއެކު ބަލި ޖެހެންފެށި މީހުން މަދުވި އެންމެ ބޮޑު ސަބަބަކަކީ ބޭރަށް މީހުން ދިއުމުން މަދުކުރެވުމެވެ.
އެހެން ނަމަވެސް ހުއްދަ ހޯދައިގެން ނޫނީ ބޭރަށް ނުނިކުމެވޭނެ ގޮތައް އޮތް އޮތުން ނިކުމުމަކަށް ގެނައުމުން އަނެއްކާވެސް ކުރިން ޑޮކްޓަރުން ދިން ނަސޭހަތް ތަކުރާރުކުރަން މިވަނީ ފައްޓަވާފައެވެ.
މަގުމަތިން މިހާރު ފެންނަ މަންޒަރުން އުފެދޭ ސުވާލަކީ ޑޮކްޓަރުންގެ އާދޭސް މީހުން ބޮލާލައި ޖަހަނީ ތޯ އުފެދޭ ސުވާލެއެވެ. މާސްކު އަޅައިގެން ބޭރުގައި އުޅުމަށް އެހާވަރަށް އިލްތިމާސްކުރާއިރު މާސްކު ނާޅާ މަގުމަތީ ގުރޫޕް ހަދަައިގެން ބައެއް މީހުން ތިބޭތަންވެސް ފެނެއެވެ.
ޑޮކްޓަރުންގެ ކަންބޮޑުވުމަކީ މަދުބަޔަކު އިރުޝާދުތަކަށް ބޯ ނުލެނބުމުގެ ސަބަބުން އަތޮޅު ތެރޭގައި މި ބަލި މަޑުކަން ފެތުރިކަން ހިނގައިދާނެތީއެވެ. ގެއިން ބޭރަށް ނިކުންނަ މީހުން ބޮނޑިބޮނޑިއަށް ތަންތަނުގައި ތިބުމަކީވެސް ޑޮކްޓަރުންގެ ކަންބޮޑުވުމެކެވެ.
"އަޅުގަނޑުމެންނަށް މިހާރު ފެންނަނީ މާލޭގެ މަގުމަތީ ވަރަށް ގިނަ މީހުން އެއްވާތަން. މީގެ ސަބަބުން ކޯވިޑް-19 ފެތުރުމަކީ ވަރަށް ގާތްކަމެއް. އޭގެ ސަބަބުން އަނެއްކާވެސް ޖެހިދާނެ މާލެ ލޮކްޑައުންކުރަން. އެހެންވީމަ އަޅުގަނޑުމެންގެ އެދުމަކީ ކޮންމެހެން މަޖުބޫރުވެގެން ނޫނީ ގެއިން ބޭރަށް ނިކުވަޑައިނުގެންނެވުން،" ޑރ. އަލީ ލަތީފު ވިދާޅުވި އެވެ.
ހަމަ އެގޮތައް ގެއިން ބޭރަށްދާއިރު ތުއްތުކުދިން ގިނައިން ބޭރަށް ނެރުމަކީވެސް ޑޮކްޓަރުންގެ ކަންބޮޑުވުމެކެވެ. އޭގެ ސަބަބުން ކުޑަކުދިންނަށް ބަލި ޖެހުމުގެ ފުރުސަތު އެތައް ގުނައަކަށް ބޮޑުވެއެވެ.
އެހެން ނަމަވެސް މާލޭގެ ޕާކުތަކާއި އާއްމު ތަންތަނުގައި ގުރޫޕްތައް އެއްވެ ތިބޭތަން ފެނެވެ. ސައިކަލްގައި ބުރުޖަހަންވެސް ނިކުންނަން ފެށީއެވެ. އޭގެ ސަބަބުން މާލޭގެ މަގުތައް އޮތީ ހަލަބޮލިވެފައެވެ. ސުވާލަކީ ޒަރޫރީ ބޭނުމަށް ނޫނަސް ނިކުމެ އެއްވެ ތިބޭ މީހުންނަށް ޑޮކްޓަރުންގެ ނަސޭހަތާއި ދައްކަވާ ވާހަކަ އަޑު ނީވެނީ ތޯއެވެ؟ ބަލީގެ ހާލަތު ގޯސްވެގެން ދިޔަ ޤައުމުތަކުގައި ކަންކަން ވެގެން ދިޔަގޮތް ނުފެންނަނީތޯއެވެ؟
ކުރިންވެސް އަދި މިހާރުވެސް ޑޮކްޓަރުން އާދޭހާއެކު އެދެމުން ދަނީ ފަރުވާއެއް ހޯދިފައިނުވާ ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ގެއިން ބޭރަށް ނިކުތުން މަދުކުރުމަށެވެ. ގެއިން ބޭރަށް ނިކުންނަން ޖެހޭ ހާލަތުގައިވެސް މާސްކް އެޅުމާއި ސާފުތާހިރު ކަމަށް އިސްކަން ދިނުމަށެވެ. މި ވާހަކަތަކަށް ބީރު ކަންފަތް ދޭން ވެއްޖެނަމަ ސިއްހީ ދާއިރާއަށް ނުކަތާ ވަރަށް މީހުންނަށް ބަލި ޖެހި ފަރުވާ ނުދެވޭތަން އަތުވެދާނެއެވެ. އެއިންޒާރު ދުރާލާ އެދަނީ ދެއްވަމުންނެވެ.
ފުރަބަންދަށް ދިން ލުއިތަކާއެކު ކްލަސްޓާއަކާއި ގުޅުންނެތި ފެންނަ ކޭސްތައް އަނެއްކާވެސް އިތުރުވާން ފަށާފައިވާކަމުގައި ޓެގްގެ ޑޮކްޓަރުން ވަނީ ވިދާޅުވާން ފައްޓަވާފައެވެ.
ވީމާ، އެންމެންގެ ސަލާމަތަށްޓަކައި ސިއްޙީ ޚިދުމަތްތެރިންގެ އިރުޝާދުތަކަށް ފުރިހަމައަށް ބޯލަނބަން އެބަޖެހެއެވެ. އެންމެން އެކީ ފުރަބަންދުގައި ތިބެ ދެމަސްދުވަހު ބޮޑު ޤުރުބާނީއެއް ވެގެން ކޯވިޑް ފެތުރުން ހުއްޓުވުމަށް ފަހު، ފުރަ ބަންދަށްދިން ލުޔާއެކު ބައެއް މީހުން ފަރުވާކުޑަކޮށްލުމުން ލިބޭނެ ގެއްލުމަކީ އަނެއްކާވެސް ފުރަބަންދު ހަރުކަށި ކުރަންޖެހުންކަމުގައި ވެދާނެއެވެ.