ޚަބަރު

ޝުޖާއު އުސްމާނާ ގުޅޭ ސުލޫކީ އިތުރު މައްސަލައެއް ޖޭއެސްސީއަށް


ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނުގެ މައްޗަށް ތުހުމަތުތަކެއްކޮށް އަމިއްލަ ފަރާތަކުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށައަޅައިފިއެވެ.

ފަނޑިޔާރު ޝުޖާއު އުސްމާނުގެ މައްސަލަ އެއް ބަލާދިނުމަށް އެދި ހުށައަޅާފައިވަނީ ޚާއްސަ ހާލަތުގައި ހައިކޯޓުގެ ޝަރީއަތްތައް ދުރުން ކުރިއަށް ގެންދާނެ ގޮތުގެ އުސޫލާ ޚިލާފަށް ޝަރީއަތެއް ކުރިއަށް ގެންދިޔަކަމަށް ބުނެއެވެ. މައްސަލަ ހުށައެޅި ފަރާތުން ބުނެފައިވަނީ ހައިކޯޓުގައި ނުނިމި ހުރެ އެތައް ދުވަހެއްވެފައިވާ މައްސަލަތައް ހުއްޓާ، ވަކި މީހަކަށް މަންފާއެއް ހޯދައިދިނުމުގެ ގޮތުން އަވަސް އަރުވާލައިގެން ފަނޑިޔާރު ޝުޖާއު އުސްމާނުގެ ޝަރީއަތް ކުރިޔަށް ގެންގޮސްފައިވާކަމަށެވެ.

މި މައްސަލަ ހުށައެޅި ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށްވެސް މި މައްސަލަ ހުށައަޅާ އެކަމުގައި ފިޔަވަޅު އަޅާދިނުމަށް އެދިފައެވެ.

އުސޫލާ ޚިލާފަށް ކުރިއަށްގެންދިޔަ ކަމަށްބުނާ ޝަރީއަތުގެ މަޖިލީހަކީ ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު ރިޔާސަތު ބެލެހެއްޓެވި ފައިސާއާ ގުޅޭ މައްސަލައެކެވެ. ހައިކޯޓުގެ ބައެއް މައްސަލަތައް ޔޫޓިއުބް މެދުވެރިކޮށް ލައިވް ސްޓްރީމް ކުރި ނަމަވެސް މި މައްސަލަ ލައިވް ސްޓްރީމް ކޮށްފައެއް ނުވެއެވެ.

މި މައްސަލައާ ގުޅޭ ގޮތުން ޖޭއެސްސީން އަދި ވަކި ބަހެއް ނުބުނެއެވެ.

ޝުޖާއު އުސްމާނުގެ މައްޗަށް ތުހުމަތު ކުރެވޭ ގިނަ މައްސަލަތަކެއް މިހާރުވެސް ޖޭއެސްސީންދަނީ ބަލަމުންނެވެ.