ޢުމުރުން ދުވަސްވީ ތިން އަންހެނަކަށް ޖިންސީ އަނިޔާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ ގޭ ބަންދުން ޖަލު ބަންދަށް ބަދަލުކޮށްފި އެވެ.
ދުވަސްވީ ތިން މީހަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހްމަތުގައި ހައްޔަރުކޮށްފައިހުރީ އުމުރުން 30 އަހަރުގެ ޒުވާނެކެވެ. އޭނާ ފުރަތަމަ ހައްޔަރުކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. ނަމަވެސް އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން މި މަހުގެ 16 ވަނަ ދުވަހު މީދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން އޭނާ ގޭ ބަންދަށް ވަނީ ބަދަލުކޮށްފައެވެ. ނަމަވެސް އޭނާ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަހައްޓަން އަލުން އަމުރުކުރީ އިއްޔެ އޭނާގެ ބަންދު މުރާޖައާކުރުމަށް ކޯޓަށް ގެންދިއުމުން އެ ކޯޓުންނެވެ.
މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ އައްޑޫސިޓީ މީދޫގައި ޢުމުރުން 64 އަހަރުގެ ދިވެހި އަންހެނަކަށް ޖިންސީ ގޯނާ ކުރަންއުޅުމުގެ މައްސަލައެއް ފުލުހުނަށް ހުށައެޅުމާއެކު އެވެ. ފުލުހުން ވިދާޅުވި ގޮތުގައި އެ މައްސަލަ ބެލިބެލުމުން އެ ޢަމަލު ހިންގި މީހާ ޢުމުރުން ދުވަސްވީ އިތުރު ދެމީހުންނަށް ވެސް ޖިންސީ ގޯނާކޮށްފައިވާކަމަށް ފަހުންވަނީ ތުހްމަތުކުރެވިފައިއެވެ. އެ ގޮތުން ޢުމުރުން 65 އަހަރުގެ އަންހެނަކަށާއި ޢުމުން 66 އަހަރުގެ އަނހެނަކަށް އޭނާ ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވިފައި ވެއެވެ.