އައްޑޫ ސިޓީގައި ޢުމުރުން ދުވަސްވީ އަންހެނަކަށް ޖިންސީގޯނާކުރި މައްސަލާގައި މީހެއްގެ މައްޗަށް 4 ދަޢުވާއެއް ސ. މީދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފިއެވެ.
ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ވިދާޅުވީ ޢުމުރުން ދުވަސްވީ އަންހެނަކަށް ޖިންސީގޯނާކުރި މައްސަލާގައި ދައުވާކުރަން ހުށައެޅީ އައްޑޫ ސިޓީ މީދޫ، ޕްރިމްރޯސް، މުޙައްމަދު ސިމްހާންގެ މައްޗަށްކަމަށެވެ. އޭނާގެ މައްޗަށް ދައުލަތުންވަނީ ޤާނޫނުލްޢުޤޫބާތުގެ 230ވަނަ މާއްދާގެ ދަށުން އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދަޢުވާއާއި، ޤާނޫނުލްޢުޤޫބާތުގެ 120 ވަނަ މާއްދާގެ ދަށުން އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާއުފުލާފައެވެ.
މީގެ އިތުރުން ޖިންސީ ކުށުގެ ޤާނޫނުގެ 40 ވަނަ މާއްދާގެ ދަށުން މީހަކަށް ޖިންސީ އަނިޔާއެއް ކުރުމުގެ ބޭނުމުގައި ހިފެހެއްޓުމުގެ ކުށުހެ ދަޢުވާއާއި، ޖިންސީ ކުށުގެ ޤާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދަޢުވާވެސް ސިމްހާންގެ މައްޗަށް ވަނީ އުފުލާފައެވެ.
އުމުރުން 30 އަހަރުގެ މުޙައްމަދު ސިމްހާން، ޢުމުރުން ދުވަސްވީ އިތުރު 2 މީހަކު ހިމެނޭހެން އުމުރުން ދުވަސްވީ 3 އަންހެނަކަށް ޖިންސީ އަނިޔާ ކުރިކަމުގެ ތުހުމަތުގައި ގޭ ބަންދުންގައި ހައްޔަރުކުރުމަށްފަހު މިހާރުވަނީ ޖަލު ބަންދަށް ބަދަލުކޮށްފިއެވެ.
މި މައްސަލަ ފެންމަތިވީ އައްޑޫސިޓީ މީދޫގައި ޢުމުރުން 64 އަހަރުގެ ދިވެހި އަންހެނަކަށް ޖިންސީ ގޯނާ ކުރަންއުޅުމުގެ މައްސަލައެއް ފުލުހުނަށް ހުށައެޅުމާއެކު އެވެ. ފުލުހުން ވިދާޅުވި ގޮތުގައި އެ މައްސަލަ ބެލިބެލުމުން އެ ޢަމަލު ހިންގި މީހާ ޢުމުރުން ދުވަސްވީ އިތުރު ދެމީހުންނަށް ވެސް ޖިންސީ ގޯނާކޮށްފައިވާކަމަށް ފަހުންވަނީ ތުހްމަތުކުރެވިފައިއެވެ. އެ ގޮތުން ޢުމުރުން 65 އަހަރުގެ އަންހެނަކަށާއި ޢުމުން 66 އަހަރުގެ އަނހެނަކަށް އޭނާ ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވިފައި ވެއެވެ.