ޚަބަރު

އެމްޑީޕީއަށް 15 އަހަރު: ދަތި އުނދަގޫތަކާއެކު ދެ ވަނަ ފަހަރު ވެރިކަމުގައި


މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަކީ ދިވެހިރާއްޖޭގައި މިހާރު މިއޮތް ގިނަ ޕާޓީއެކުލެވޭ ނިޒާމުގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތިއްބަވައިގެން މަދު ބޭފުޅުންތަކެއް ފެށްޓެވި ސިޔާސީ މަސައްކަތުގެ ނަތީޖާއެއް ގޮތުން ސިޔާސީ ޕާޓީތައް އުފެއްދުމަށް ރާއްޖޭގައި ހުއްދަދޭން އޭރުގެ ސަރުކާރުން ނިންމެވިއެވެ. ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމް ޤައިމުކުރުމަށް ކުރި މަސައްކަތް ކާމިޔާބުވުމާއެކު 2005ވަނަ އަހަރުގެ ޖޫން 26ވަނަ ދުވަހު ރަސްމީކޮށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ރަޖިސްޓްރީކުރިއެވެ. އެއީ ރާއްޖޭގެ ސިޔާސީ ޙަޔާތުގައި ތާރީޚީ ދުވަހެކެވެ.

މިއަދު އޭގެ ފަހުން 15 އަހަރު ފާއިތުވެގެން ދިޔައިރު ފާއިތުވި ދުވަސްތަކުގައި އެމްޑީޕީން ވަނީ ދަތި އުނދަގޫ އެތައް މަރުހަލާތަކެއްގެ ތެރެއިން ކާމިޔާބު ދުވަސްތަކެއް ދެކެފައެވެ. ރާއްޖޭގައި މިނިޒާމު ޤާއިމުވީފަހުން އުފެދުނު އެހެން އެއްވެސް ސިޔާސީ ޕާޓީއަކަށް ޙާޞިލްކުރެވިފައިނުވާ ބޮޑެތި ކާމިޔާބީތަކެއް އެމްޑީޕީން ވަނީ ހޯދާފައެވެ.

އޭގެ ތެރެއިން އެއްކަމެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ކޯލިޝަނުގެ މައި ޕާޓީގެ ގޮތުގައި އޮވެ ދެވަނަ ފަހަރަށް ރާއްޖޭގެ ވެރިކަމާ ޙަވާލުވުމެވެ. 2ފަހަރު ރާއްޖޭގެ ވެރިކަން ކުރުމުގެ ފުރުސަތު ލިބުނު އެހެން އެއްވެސް ޕާޓީއެއް ރާއްޖޭގައެއް ނެތެވެ.

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ގިނަ ޕާޓީ ބައިވެރިވެގެން ބޭއްވި ވާދަވެރި ރިޔާސީ އިންތިޚާބު 2008ވަނަ އަހަރު ޚާމިޔާބު ކުރީ އެމްޑީޕީއެވެ. އޭރުގެ އެޕާޓީގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުހައްމަދު ނަޝީދު އިންތިޚާބު ކާމިޔާބުކުރެއްވުމާއެކު އެއީ ރާއްޖޭގެ ޒަމާނީ ޑިމޮކްރެޓިކް ނިޒާމެއްގެ ދަށުން އުފެދުނު ފުރަތަމަ ޑިމޮކްރެޓިކް ވެެރިކަމަށް ވެގެން ދިޔައެވެ. އަދި އެއީ ޒަމާނީ ޑިމޮކްރެޓިކް ނިޒާމެއް ރާއްޖޭގައި ޤާއިމުކުރުމަށް އެތައް އަހަރެއް ކުރިއްސުރެ އެތައްބަޔަކު ކުރަމުންދިޔަ މަސައްކަތްތަކަށް ލިބުނު ނަޞްރެއްގެގޮތުގައި ގިނަބަޔަކު ފާހަގަކުރިއެވެ.

ނަމަވެސް އޭގެ ފަހުން އުފެދުނު ވެރިކަމުގެ 5 އަހަރު ދައުރު ވެގެންދިޔައި އެންމެ ހިތްގައުމު ގޮތަކަށް ނޫނެވެ. ރައީސް ނަޝީދަށް ވެރިކަން ކުރަން ލިބިވަޑައިގަތީ ދުވަސްކޮޅެކެވެ. އެދުވަސްކޮޅުވެސް ސިޔާސީގޮތުން ގިނަ ދަތިތަކާއި އުނދަގޫތަކާ ކުރިމަތިވެވަޑައިގަތެވެ. ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ސަރުކާރަށް ނުލިބުމާއެކު، މަޖިލީހުގެ ތެރެއިން ބޮޑެތި ދަތިތަކާ ކުރިމަތިވެވަޑައިގެންނެވިކަމަށް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ.

ވެރިކަމަށް 3 އަހަރު ވީތަނާ، 2012ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 7ވަނަ ދުވަހު ރައީސް ނަޝީދުގެ ވެރިކަން ބަދަލުވިއެވެ. ދެން ވެރިކަމާ ޙަވާލުވެޑައިގަތީ އެމަނިކުފާނުގެ ނައިބުރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަންމަނިކެވެ. ވަޙީދުގެ ވެރިކަމުގެ ދުވަސްވަރަކީ ރާއްޖޭގެ ފަހުގެ ތާރީޚުގައިވެސް ސީޔާސީގޮތުން ޤައުމު އެންމެ ހަލަބޮލި ނުތަނަވަސްކަން ބޮޑު ދުވަސްވަރުކަމަށް ސިޔާސީ ބޭފުޅުން ސިފަކުރައްވައެވެ.

ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމާއެކު، އެމްޑީޕީއަށް ސިޔާސީ މަސައްކަތުގައި ކުރިއަށް ދިއުމަަށް ވަރަށްބޮޑެތި ދަތިތަކާ ކުރިމަތިވިއެވެ. އަލުން ވެރިކަމަށް އައުމަށް އެމްޑީޕީން ފެށި މަސައްކަތް ޖެހިގެންއައި ރިޔާސީ އިންތިޚާބުގައި ކާމިޔާބުވާގޮތެއް ނުވިއެވެ. 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ނަމަވެސް އެކުގައި މަސައްކަތް ކުރަންތިބި އެހެން ޕާޓީތަކާއެކު ކޯލިޝަނެއް އެކުލަވާލައި އެކޯލިޝަނުގެ މައި ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އޮވެ ދެންއައި ރިޔާސީ އިންތިޚާބު ކާމިޔާބުކުރިއެވެ. މިފަހަރު ރައީސް ނަޝީދު ހުންނެވީ ރިޔާސީ ކެނޑިޑޭޓަކަށް ވެވަޑައިގަތުމަށްވުރެ މާ ދަތި ޙާލަތެއްގައެވެ. އެހެންކަމުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހަކީ ކޯލިޝަނުގެ ރިޔާސީ ކެނޑިޑޭޓުގެގޮތުގައި ކަނޑައަޅައި އެންމެން ގުޅިގެން ކުރި ބުރަ އަދި އެހާމެ ބޮޑު މަސައްކަތުގެ ނަތީޖާ ވަރަށް ފޮންޏެވެ. ރާއްޖޭގެ މިއަދުގެ ވެރިކަންކުރާ ޕާޓީއަކީ އެމްޑީޕީއެވެ. ރައީސަކީ އެމްޑީޕީގެ އެންމެއިސް ލީޑަރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

އެމްޑީޕީގެ ހަޔާތުގައި އެހެން ސިޔާސީ ޕާޓީތަކުގެ މައްޗަށް ދެން ހޯދި އެންމެ ބޮޑު ކާމިޔާބީ އަކީ މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހޯދި ނަތީޖާއެވެ. ރާއްޖޭގެ ތާރީޚުގައިވެސް އެއް ޕާޓީއެއްގެ އެންމެ ގިނަ މެމްބަރުން މަޖިލީހަށް އިންތިހާބުވި ޕާޓީއަކީ އެމްޑީޕީއެވެ. އެމްޑީޕީން ވަނީ އިތުރު ކޯލިޝަނަކާނުލައި 65 ގޮނޑި ހޯދާފައެވެ.

ކޯލިޝަނުގެ ވެރިކަން މީގެ ކުރިން ފެނިފައިވީ ނަމަވެސް އެމްޑީޕީ މިހާރު ވެފައިވަނީ ކޯލިޝަން އެންމެ ގިނަ ދުވަހަށް ދެމެހެއްޓި ޕާޓީގެވެސް ވެފައެވެ. އެމްޑީޕީގެ އަހަރީދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ ތަހުނިޔާ ފޮނުއްވާފައި ޓްވީޓެއް ކުރައްވާފައެވެ.

އެމްޑީޕީގެ ކާމިޔާބީއާއި ނާކާމިޔާބީގެ ފޮނި އަދި ހިތްދަތި ހަނދާތައް ރާއްޖޭގެ އެތައް ރައްޔިތެއްގެ ހިތުގައި ހިނގާނެއެވެ. ސޯޝަލް މީޑިޔާ މެދުވެރިކޮށް އޭގެ ތެރެއިން ބައެއް ބޭފުޅުން ގެންދަނީ އެ ހަނދާންތައް އާކުރަމުންނެވެ.

އެމްޑީޕީގެ އަހަރީ ދުވަސް އަބަދުވެސް ފާހަގަކުރަން ޖެހެނީ ސިޔާސީ ބޮޑުއުފަލެއް ނުވަތަ ހިތާމައެއްގައި ތިއްބައެވެ. އޭގެ ސަބަބަކީ އެ ޕާޓީއަކީ ޕާޓީ އުފެދުނީސުރެ ހުއްޓުމެއްނެތި ސިޔާސީ ހަރަކާތްތަކުގައި ދެމިއޮންނަ ޕާޓީއަކަށްވުމެވެ. އެމްޑީޕީގެ އާއްމު މެމްބަރަކު ނެތް އެންމެ ރަށެއްވެސް ރާއްޖެއަކު ނެތެވެ. މިއީ ރާއްޖޭގައި އޮތް އެންމެ މެންވަރުން ގިނަ ޕާޓީވެސް މެއެވެ.